ޚަބަރު

ށ.ފުނަދޫ އެއަރޕޯޓްގެ ޢަމަލީ މަސައްކަތް އަންނަ މަހު ފަށާނެ


ށ.ފުނަދޫގައި ސަރުކާރުން ހަދާ އެއަރޕޯޓްގެ ޢަމަލީ މަސައްކަތް އަންނަ މަހު ފަށާނެކަމަށް އެމް.ޓީ.ސީ.ސީން ބުނެފިއެވެ.  

ފުނަދޫ އެއަރޕޯޓްގެ ރަންވޭ އާއި އޭޕްރަންއާއި ޓެކްސީވޭ އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ މަހުއެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި  އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ހުޝާމް ވިދާޅުވީ މިހާރު ކުރިއަށްދަނީ އެއަރޕޯޓަށް ބޭނުންވާ ބިންހިއްކުމުގެ މަސައްކަތްކަމަށާއި އެ މަސައްކަތުގެވެސް ބޮޑުބައި މިހާރުވަނީ ނިމިފައިކަމަށެވެ. އަދި އެއްކޮޅުން ހިއްކާ ނިމުމުން އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ފަށާނެކަމަށްވެސް ހުޝާމް ވިދާޅުވިއެވެ.

"މަހާ ޖައްރާފު ބޭނުންކޯށްގެން ހިއްކުމަށް ބޭނުންވާ ވެލި ޖަމާކޮށް ވެލި ފަތުރަމުން ދަނީ. ހިއްކުމުގެ ބޮޑު ބައެއްގެ މަސައްކަތް މިހާރުވަނީ  ނިމިފައި. އެއްކޮޅުން ހިއްކާ ނިމުނީމަ އެއާރޕޯޓްގެ މަސައްކަތްތައް ފަށާނަން. އޭޕްރީލް މަހުގެ ތެރޭގައި އެއާރޕޯޓްގެ ޢަމަލީ މަސައްކަތް ފަށާނެ." މުޙައްމަދު ހުޝާމް ވިދާޅުވިއެވެ.

ފުނަދޫ އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ކުރުމަށް އެމްޓީސީސީން ހަވާލުވެފައިވަނީ 105 ދުވަހުގެ ތެރޭގައި އެއަރޕޯޓްގެ ރަންވޭ އާއި އޭޕްރަން އަދި ޓެކްސީވޭ އަޅާ ނިންމުމަށެވެ. މިގޮތުން ކަނޑައެޅިފައިވާ ތާރީޚަށް މަސައްކަތް ނިންމުމުގެ ޤާބިލުކަން އެމްޓީސީސީގައި ހުރިކަމަށްއެ ކުންފުނިން ބުނެއެވެ.

އެމްޓީސީސީ އާ ޙަވާލުކޮށްގެން ކުރިޔަށްގެންދާ މިމަޝްރޫޢުގެ ދަށުން، ފުނަދޫ އެއަރޕޯޓް ހެދުމަށް އެރަށުގެ އުތުރުގެ ހުޅަނގު ފަރާތު މޫދުން 21 ހެކްޓަރުގެ ބިން ހިއްކައެވެ.

ފުނަދޫގައި ހަދާ އެއަރޕޯޓް ރަންވޭގެ ބޮޑުމިނަކީ 1200 މީޓަރެވެ. ދައުލަތުން މިއަހަރަށް ލަފާކުރި ބަޖެޓުގައި 4 އެއަރޕޯޓެއް ހެދުމަށް 336 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އޭގެތެރެއިން ށ.ފުނަދޫގައި އެއަރޕޯޓެއް އެޅުމަށް 89 މިލިއަން ރުފިޔާވަނީ ކަނޑައަޅާފައެވެ.