ކުޅިވަރު

މެޗުން މޮޅުވީ ގޭމް ޕްލޭނާ އެއްގޮތަށް މަސައްކަތްކޮށްގެން - އޮސްކާ


އައިޒޯލްއާއި ބައްދަލުކުރި މެޗުގައި ނިއުރޭޑިއަންޓްގެ ގޭމް ޕްލޭން ވަރަށް ރަނގަޅަށް މަސައްކަތް ކުރި ކަމަށް ކޯޗު އޮސްކާ ބްރޫޒޮން ބުނެފިއެވެ.

އޭ.އެފް.ސީ ކަޕްގައި އައިޒޯލްގެ މައްޗަށް 3-1 ން ކުރި ހޯދި މެޗަށް ފަހު ނިއުގެ ކޯޗު އޮސްކާ ބުނީ އޭނާ ބޭނުންވިގޮތަށް ޓީމު މެޗުގައި ކުޅުނުކަމަށެވެ. މެޗަށް ނިކުތުމުގެ ކުރިންވެސް ވިސްނުން ހުރީ ތިރިން ޕާސްކޮށްގެން ބިލްޑް އަޕް ގޭމެއް ކުޅެން ކަމަށާއި، އެގޮތަށް ކަންތައް ކުރެވިއްޖެނަމަ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރެވޭނެކަން މެޗު ފެށުމުގެ ކުރިން ކުޅުންތެރިންނަށް ކިޔާދީފައިވާނޭ ކަމަށް އޮސްކާ ބުންޏެވެ.

"މެޗުގެ ގޭމް ޕްލޭން ވަރަށް ރަނގަޅަށް މަސައްކަތް ކުރި. ކުޅުންތެރިން ވަރަށް ރަނގަޅަށް ދިން އިރުޝާދުތަކާއި އެއްގޮތަށް މަސައްކަތް ކުރި. މިއީ ނިއުރޭޑިއަންޓަށް ލިބުނު ހައްޤު މޮޅެއް. މޮޅަށް ކުޅުނު ޓީމް މޮޅުވީ. ބޮބީވެސް (ރިހާމް އަބްދުލް ޤަނީ) ވަރަށް ރަނގަޅަށް މަސައްކަތްކުރި. މިލެވަލްގައި ބޮބީ އާވުމާއެކު ހުރިހާ ކުޅުންތެރިން ކައިރީގަވެސް ބޮބީއަށް ބެލުމަށް ބުނިން. ބޮބީގެ ފަރާތުންވެސް ފެނުނީ ވަރަށް ރަނގަޅު ކުޅުމެއް." މެޗަށްފަހު އޮސްކާ ބުންޏެވެ.

ނިއުގެ ކޯޗު ވަނީ ދަނޑުގެ ވިނަގަނޑުގެ މައްސަލަވެސް މެޗަށް ފަހު ފާހަގަކޮށްފައެވެ. މެޗު ފެށުމުގެ ކުރިން ނިއުރޭޑިއަންޓުން ވިނަގަނޑު ރަނގަޅުކޮށްފައިވާކަން ފާހަގަކުރަމުން ކޯޗު އޮސްކާ ބުނީ އޭނާ ބޭނުންވަނީ ސަޕޯޓަރުން ބަލާހިތްވާފަދަ ރީތި ކުޅުމެއް ކުޅެން ކަމަށާއި، އެކަން ކުރެވޭނީ ރަނގަޅު ފެންވަރެއްގެ ދަނޑެއް އޮވެގެން ކަމަށެވެ. އޭނާ ކުރިންވެސް މިކަން ފާހަގަކޮށްފައިވާނޭ ކަމަށާއި، ރީތި ކުޅުމެއް ކުޅެން ރަނގަޅު ދަނޑެއް ވަރަށް މުހިއްމު ކަމަށް އޮސްކާ ބުންޏެވެ.

އޭ.އެފް.ސީ ކަޕްގެ ގްރޫޕް އީ.ގައި ނިއުރޭޑިއަންޓް ކުޅުނު ދެ މެޗު ކާމިޔާބުކުރިއިރު މި ގްރޫޕްގައި ދެން އޮތް އެންމެ ވަރުގަދަ ޓީމުގެ ގޮތުގައި ބެލެވޭ އިންޑިއާގެ ބެންގަލޫރު އެފް.ސީ ވަނީ އިއްޔެ އެޓީމް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފައެވެ. ބަނގްލަދޭޝްގެ ޑާކާ އަބަހާނީ އާއި ބައްދަލުކުރި މިމެޗު ބެންގަލޫރު އެފް.ސީ ކާމިޔާބުކުރީ އެކެއް ސުމަކުންނެވެ.