ޚަބަރު

މިއަހަރުގެ އާރތް އަވަރ ގެ ރަސްމީ ޙަރަކާތްތައް އައްޑޫސިޓީގައި


"އާރތް އަވަރ" ގެ ރަސްމީ ޙަރަކާތްތައް މިއަހަރު ބާއްވަނީ އައްޑޫސިޓީގައި ކަމަށް ރާއްޖޭގައި މިޙަރަކާތް އިންތިޒާމުކުރާ އީކޯކެއާ މޯލްޑިވްސްއިން ބުނެފިއެވެ.

ދުނިޔެއަށްޓަކައި އެއްގަޑިއިރު ހޭދަކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް، ދުނިޔޭގައި ފާހަގަ ކުރަމުންދާ "އާރތް އަވަރ" ރާއްޖޭގައި މިފަހަރުވެސް ކުލަގަދަކޮށް ފާހަގަކުރާނެއެވެ. އެގޮތުން މިއަހަރުގެ މައި އިވެންޓްކަމުގައިވާ "ސްވިޗް-އޯފް" ގެ ޙަރަކާތް ހޯސްޓްކުރާނީ އައްޑޫ ސިޓިގައި ކަމަށް މިހަރަކާތް އިންތިޒާމު ކުރާ އާރތް އަވަރ މޯލްޑިވްސް ކަންޓްރީ ޓީމް އަދި އީކޯ ކެއާމޯލްޑިވްސްއިން ބުނެއެވެ. އާރތް އަވަރ މޯލްޑިވްސްގެ ކަންޓްރީ ޓީމުން މައުލޫމާތްދޭ ގޮތުގައި މިފަހަރުގެ އާރތް އަވަރ އައްޑޫސިޓީގައި  ފާހަގަކުރުމަށް ކަނޑައެޅި މައިގަނޑު ސަބަބަކީ މީގެކުރީ ހުރިހައި އަހަރެއްގައިވެސް މާލެ ސިޓީގައި ބާއްވަމުންދާތީ ރާއްޖޭގެއެހެން ޞަރަޙައްދެއްގައި މި ހަރަކާތް ބޭނުމުގެ ވިސްނުމުގައެވެ.  އެގޮތުން އަތޮޅުތެރޭގައި ޙަރަކާތް ފަށާއިރު ރާއްޖޭގެ އެންމެ ދެކުނުން މި ހަރަކާތް ފެއްޓެވުމުގެ ބޭނުމުގައިކަމަށެވެ. 

މިއަހަރު އައްޑޫސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ އާރތް އަވަރގެ އިންތިޒާމްތަކާއި ބެހޭގޮތުން ވާހަކަދައްކަވަމުން އާރތް އަވަރ މޯލްޑިވްސްގެ ކަންޓްރީ މެނޭޖަރ އަޙްމަދު ނަޝީދު ވިދާޅުވީ މި އަހަރުގެ އާރތް އަވަރގެ ތީމްއަކީ " ކަނެކްޓް ޓު އާތް" ކަމަށްވެފައި އިންސާނާއާއި ދިރޭތަކެތީގެ ނަސްލާއި އޮންނަ ގުޅުން އެންމެ ރަނގަޅަށްދައްކުވައިދޭނެ އެއް މަންޒިލަކީ އައްޑޫސިޓީ ކަމަށެވެ. އަދި އައްޑޫސިޓީއަކީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން އެންމެ ރީތި އެއް ޞަރަޙައްދަށްވެފައި، މިއީ ދުނިޔެއަށް އައްޑޫސިޓީ އިޝްތިހާރުކޮށްލަން ލިބޭ ރަނުގެ ފުރުސަތެއްގެ ގޮތުގައި ދެކޭކަމަށެވެ.

މި ޙަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 24މާޗް 2018 ވަނަ ދުވަހުގެ ރޭގަނޑު 8:30-9:30 ގެ ނިޔަލަށެވެ. އައްޑޫ ސިޓީ ކައުންސިލާއި އައްޑޫސިޓީގެ ޖަމްޢިއްޔާ ޖަމާޢަތްތަކާއި އެހެނިހެން މުޢައްސަސާތަކާއި، އާރތް އަވަރ މޯލްޑިވްސް އަދި އިކޯ ކެއާގެ ޓީމުން ވަނީ މިޙަރަކާތައް ތައްޔާރުވުމުގެ މަސައްކަތް މިހާރު ފަށާފައެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސް، ފެނަކަ، އެމްއެންޑީއެފް، މޯލްޑިވްސް ރެޑް ކްރެސެންޓް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ، ސީކެޕް އަދި ބައެއް ޖަމްޢިއްޔާތަކާއެކު ވަނީ ޙަރަކާތް ރާވައި ހިންގާނެ ގޮތާއި ބެހޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.

"އާރތް އަވަރ" އަކީ ދުނިޔެ ހޫނުވުމާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާމެދު މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ދުނިޔޭގެ ފެންވަރުގައި ފާހަގަކުރަމުންދާ ޙަރަކާތެކެވެ. އަދި މިއީ ޖައްވު ހޫނުވުމުގެ ސަބަބުން ދިމާވާ ތިމާވެށީގެ މައްސަލަތަކަށް ޙައްލެއް ހޯދުމަށް ފަރުދީ ފެންވަރުގައި މަސައްކަތް ކުރުމަށް ހިތްވަރުދިނުމާއެކު، ޢަމަލީގޮތުން މިކަމުގައި ބައިވެރިވުމަށް އެންމެންނަށް ލިބިގެންދާ ފުރުޞަތެއްވެސްމެއެވެ. "އާރތް އަވަރ"ގެ ޙަރަކާތް ކުރިއަށްގެންދަނީ ކަރަންޓު ބޭނުންކޮށްގެން ދިއްލަންޖެހޭ ބޮކި، ހޮޅިބުރިފަދަ ތަކެތިފިޔަވައި އެހެން ހުރިހާ ބޮތްކަކާއި ހޮޅިބުރިތައް ކަނޑައެޅޭ އެއްގަޑިއިރަށް ނިއްވާލައިގެންނެވެ. މިކަމުގެ ބޭނުމަކީ، ކަރަންޓް ބޭނުންކުރެވޭ މިންވަރު ދަށްކޮށް، އެކަމަށްޓަކައި އަންދާ ތެލުގެ މިންވަރުވެސް މަދުކޮށް، ތެޔޮ އެންދުމުން ޖައްވަށް ބޭރުކުރެވޭ ވިހަ ދުންތައް މަދުކުރުމެވެ. "އާރތް އަވަރ" ފުރަތަމަ ފާހަގަކުރަން ފަށާފައިވަނީ ދެހާސް ހަތްވަނައަހަރު އޮސްޓްރޭލިއާގެ ސިޑްނީގައެވެ. މިހާރު މިޙަރަކާތް މިވަނީ ދުނިޔޭގެފެންވަރުގައި ފާހަގަކުރާ ބައިނަލްއަޤްވާމީ ކެންޕޭނަކަށްވެފައެވެ. ރާއްޖޭގައި އާތްއަވާ ފުރަތަމަ ފާހަގަކުރީ 2009 ވަނަ އަހަރުގައެވެ.