ޚަބަރު

ވަކީލުންނާ ބައްދަލުކުރާ ކޮޓަރި ބަގްކުރި މައްސަލަ ބަލަނީ


ފުލުހުންގެ ބަންދުގައި ހުންނެވި އުއްތަމަ ފަނޑިޔާރު ޤާނޫނީ ވަކީލުންނާ ބައްދަލުކުރެއްވި ކޮޓަރި ބަގްކޮށްފައިވާކަމަށް ބުނާ މައްސަލައެއް ފުލުހުން ތަޙްޤީޤް ކުރަން ފަށައިފިއެވެ.

ފުލުހުންގެ ތަރުޖަމާން، ސުޕަރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ، ފުލުހުންގެ ބަންދުގައިހުރި އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދުގެ ޤާނޫނީ ވަކީލުންނާ މިއަދު ބައްދަލުކުރެއްވި ކޮޓަރީގައި ރެކޯޑިންގ ޑިވައިސްއެއް ހަރުކޮށްފައިވާކަމަށްބުނެ އުއްތަމަ ފަނޑިޔާރުގެ ޤާނޫނީ ވަކީލުން ހުށައަޅާފައިވާ މައްސަލައެއް ބަލަމުންދާކަމަށެވެ.

މިމައްސަލައިގެ ޙަޤީޤަތް އޮޅޭގޮތަށް ޤާނޫނީ ވަކީލުން މައުލޫމާތު ފަތުރަމުންދަނީ ފުލުހުން ބަދުނާމު ކުރުމަށްކަމަށް ޝިފާން ތުހުމަތު ކުރެއްވިއެވެ. އަދި ވަކީލުން އެ ޝަކުވާކުރުމާގުޅިގެން އެކަން މިހާރު ފުލުހުން ބަލަމުންދާކަމަށް ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ ފުލުހުންގެ ބަންދުގައިވާ ފަރާތްތައް ވަކީލުންނާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ ތަނަކީ އެކަހެރި އަދި މިނިވަންކަމާއެކު ބައްދަލުކުރެވޭގޮތަށް އިންތިޒާމް ކުރެވިފައިވާ ތަނެއްކަމަށެވެ.