ކުޅިވަރު

އޭއެފްސީ ޗެލެންޖްކަޕް ފުޓްބޯޅަ މުބާރާތުގެ ތިންވަނަ ދިވެހި ރާއްޖެ ހޯދައިފި


 


 


މިސަރައްހަދުގެ ޗެންޕިއަން ބަލިކޮށް، އޭއެފްސީ ޗެލެންޖްކަޕް ފުޓްބޯޅަ މުބާރާތުގެ ތިންވަނަ ދިވެހި ރާއްޖެ ހޯދައިފިއެވެ.


 
ރާއްޖެ ތިންވަނަ ހޯދީ މުބާރާތުގެ ތިންވަނަ ޓީމް ކަނޑައެޅުމަށް ރޭ ކުޅުނު މެޗުގައި ޞަރަހައްދުގެ ޗެމްޕިއަން އަފްޣާނިސްތާންގެ މައްޗަށް ކުރި ހޯދައިގެންނެވެ. ރާއްޖެ ކުރިހޯދީ ފުރިހަމަ ވަގުތުގައި ލަނޑެއް ނުޖެހި ދެޓީމް އެއްވަރުވުމުން، ނަތީޖާ ނެރުމަށް ކުޅުނު ފަނަރަ މިނިޓްގެ ދެހާފްގައިވެސް ދެޓީމް އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައެވެ. ފަނަރަ މިނިޓްގެ ދެހާފް ނިމުނީ އެކެއް އެކަކުން ދެޓީމް އެއްވަރުވެގެންނެވެ. ފުރަތަމަ ކުރި ހޯދީ އަފްޣާނިސްތާނެވެ. އެއީ ބަދަލުކުޅުންތެރިޔާ ހާމިދު ކަރީމީގެ ލަނޑުންނެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ދިވެހި ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ބަދަލުކުޅުންތެރިޔާ އަލީ ފާސިރުއެވެ.


 
ޕެނަލްޓީގައި ރާއްޖެއަށް ނާކާމިޔާބުނުވީ ފާސިރުގެ ޕެނަލްޓީއިންނެވެ. މެޗުގެ ތަރިއަކަށްވި ދިވެހި ޓީމްގެ ކީޕަރ އިމްރާން ވަނީ ދެ ޕެނަލްޓީ މަތަކޮށް، ޕެނަލްޓީއެއް ކާމިޔާބުކޮށްފައެވެ. އިމްރާން މަތަކުރީ ހަދީދީ މުސްތަފާ އާއި ޝަޔެސްތާ ޖެހި ޕެނަލްޓީއެވެ. ރާއްޖެ ޓީމުން ޖެހި ޕެނަލްޓީތައް ކާމިޔާބުކުރީ އަލީ އަޝްފާގް، އަކްރަމް، ރިޟްވާން ވަހީދު، ޝަމްވީލް ގާސިމް، މުހަންމަދު ރަޝީދް، އަސްއަދު އަލީ، ކީޕަރު އިމްރާން މުހަންމަދު، އަދި އިބްރާހީމް ފަޒީލެވެ. ރާއްޖެއަށް ތިންވަނަ ކަށަވަރުވީ ސެމީފައިނަލްގައި ޕެނަލްޓީ ކާމިޔާބުނުކުރެވުނު އިބްރާހީމް ފަޒީލް ރޭ ޖެހި ޕެނަލްޓީންނެވެ. އަފްޣާނިސްތާންގެ ޕެނަލްޓީތައް ކާމިޔާބުކުރީ އައްބާސިން، މުސްތަފާ ޒަޒާއީ، ހަމީދު ކަރީމީ، މަންސޫރު ފަގިރްޔާރް، ޖަލާލުއްދީން، ޒާމިރު ދާޢޫދީ، ފައިސަލެވެ.


 
މެޗަށްފަހު ރާއްޖޭގެ ޓީމް ތިންވަނަ ހޯދުމާ ގުޅިގެން ޓީމަށް ވަނީ ބްރޯންޒް މެޑަލް ދީފައެވެ.