ޚަބަރު

ނިކަމެތީންނަށް އެހީވުމަށް އަންނަ އަހަރަށް 47 ބިލިޔަން ޑޮލަރު ބޭނުންވާނެ: އދ


ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހި، ކާބޯތަކެއްޗާއި އިންސާނީ އެހީއަށް ބޭނުން ޖެހިފައިވާ ނިކަމެތީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަންނަ އަހަރަށް 47 ބިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާނެ ކަން އދން ހާމަކޮށްފިއެވެ. އދން ބުނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުން ސަލާމަތްވުމަށް ހިޖުރަ ކޮށްފައިވާ މީހުންނާއި، ކާބޯތަކެތީގެ އެހީއަށް ބޭނުން ޖެހިފައިވާ މީހުންގެ އަދަދު 190 މިލިޔަނަށް އަރާ ކަމުގައެވެ. އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ފައިސާ ފޯރުކޮށްދިނުމަށް އދން ގޮވައިލާފައިވާއިރު، އެހީގެ ގޮތުގައި މި އަހަރަށް ބޭނުންވާނެ ކަމަށް އދން އަންދާޒާ ކޮށްފައިވާ އަދަދުގެ ދެބައިކުޅަ އެއްބައި ފައިސާ ވެސް ލިބިފައި ނުވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

އިންސާނީ އެހީގެ ކަންކަން ވިލަރެސް ކުރާ އދގެ އޮފީސް (އޯސީއެޗްއޭ)ގެ ވެރިޔާ ޓޮމް ފްލެޗަރ ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ ބަޔަކު އަނިޔާވެރި ކަން ތަޙައްމުލު ކުރަމުންދާ ކަމުގައެވެ. އަދި، ކުރިއަށް އޮތް އަހަރު 32 ޤައުމެއްގައި ހާލުގައި ޖެހިފައި ތިބި ނިކަމެތީންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް އޭނާގެ އޮފީހުން އަމާޒު ހިފާފައިވާ ކަމުގައެވެ. އެހީ ފޯރުކޮށްދިނުމުގައި އދން އެންމެ ބޮޑު އިސްކަމެއް ދޭނެ ޤައުމުތަކުގެ ތެރޭގައި ސޫދާން، ސޫރިޔާ، ފަަލަސްޠީނުގެ ޣައްޒާ އަދި ޔޫކްރެއިން ހިމެނެއެވެ.

"ދުނިޔެ އެ ދަނީ ރޯވެ އަނދަމުން، އަލިފާންގަނޑު ނިއްވައިލެވޭނެ ހަމައެކަނި ގޮތަކީ އެހީވުން. އެންމެ ބޮޑަށް ހާލުގައި ޖެހިފައި ތިބި ނިކެމަތީން ތިބި ޤައުމުތަކާ އެކު ގުޅުންތައް އަޅުގަނޑުމެން ހަރުދަނާ ކުރަން ޖެހޭ. އެންމެ ބޮޑަށް ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވިސްނުންތެރިކަމާ އެކު އަޅުގަނޑުމެންނަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭނެ،" ފްލެޗަރ ވިދާޅުވިއެވެ.

މިއީ، އޯސީއެޗްއޭގެ ތާރީޚުގައި ވެސް ހަތަރުވަނައަށް އެންމެ ގިނަ އަދަދަކަށް އެހީގެ ފައިސާ ހޯދަން އެދިފައިވާ އަހަރެވެ. ފްލެޗަރ ވިދާޅުވީ، އެ ފައިސާ ލިބުނު ނަމަވެސް، ހާލުގައި ޖެހިފައިވާ އިތުރު 115 މިލިޔަނެއްހާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވުމަކީ ނާދިރު ކަމެއް ކަމުގައެވެ. 2023 ވަނަ އަހަރަށް އެހީގެ ގޮތުގައި 56 ބިލިޔަން އެމެރިކާ ޑޮލަރު ހޯދުމަށް އދން މަސައްކަތް ކުރިއެވެ. ނަމަވެސް، 2024ވަނަ އަހަރު އެ އަދަދު ވަނީ 46 ބިލިޔަނަށް ދަށްކޮށްފައެވެ. އޭގެ ތެރެއިން ލިބިފައި ވަނީ އެންމެ %43 ފައިސާއެވެ.

އދއަށް ފޯރުކޮށްދެމުން ދިޔަ އެހީގެ އެންމެ ބޮޑު އިންސައްތައެއް ކަނޑައިލާފައި ވަނީ އެމެރިކާއިންނެވެ. އެ ކަމާ ގުޅިގެން، ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ނިކަމެތީންނަށް ކާބޯތަކެތި ފޯރުކޮށްދޭން ކުރަމުން ދިޔަ ޚަރަދު %80ން ދަށްކުރަން މަޖުބޫރުވިއެވެ. އަދި، ކޮލެރާ ފެތުރުމުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައި އޮތް ޔަމަނަށް ފޯރުކޮށްދެމުން ދިޔަ ފެނުގެ ޚިދުމަތްތައް ވެސް ކަނޑައިލަން ޖެހުނެވެ.

އެމެރިކާގެ އިންތިޚާބީ-ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި އދއަށް ފޯރުކޮށްދެމުން ދިޔަ އެހީގެ ބޮޑު އިންސައްތައެއް ކަނޑައިލިއެވެ. ނަމަވެސް، ނުކަމެތީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދެމުން ދިޔަ އެހީ ކަނޑައިލާފައެއް ނުވެއެވެ. 2025 ޖަނަވަރީ 20ވަނަ ދުވަހު ޓްރަމްޕް އެމެރިކާގެ ވެރިކަމާ އަލުން ޙަވާލުވެ ވަޑައިގަންނަވާއިރު، އޭނާގެ އައު ސަރުކާރުން ވެސް އދއށް ފޯރުކޮށްދެމުންދާ އެހީ ދަށް ކުރާނެ ކަމަށް ބެލެވޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

މި ވަގުތު އޯސީއެޗްއޭގެ މަސައްކަތްތަކަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކާރިސާތައް ނުވަތަ ހަނގުރާމަތައް ދިގުލައިގެން ދިޔުން ކަމުގައި ފްލެޗަރ ވިދާޅުވިއެވެ. މި ގޮތުން، އެ ފަދަ ހާލަތްތައް ޢާންމު ގޮތެއްގައި 10 އަހަރުގެ މުއްދަތަކަށް ދެމިގެންދާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ގެ އެމަރޖެންސީތަކާ ބެހޭ ވެރިޔާ މައިކް ރަޔަން ވެސް ވިދާޅުވީ، ބައެއް ޤައުމުތަކުގައި ހަނގުރާމަތަކާއި ކާރިސާތައް ދާއިމީވެފައިވާ ކަމުގައެވެ.

އެމެރިކާއަށް ފަހު މި ވަގުތު އޯސީއެޗްއޭއަށް އެންމެ ބޮޑަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެމުން ދަނީ ޖަރުމަނުވިލާތާއި ވިލާތުގެ ކޮމިޝަނުންނެވެ. ނަމަވެސް، ޑެންމާކުގެ ރެފިއުޖީ ކައުންސިލްގެ ވެރިޔާ ޝާލޮޓް ސްލެންޓަ ވިދާޅުވީ، ނިކަމެތީންނަށް އެހީތެރިވުމުގެ ބަދަލުގައި ވިލާތުގެ ގިނަ ޤައުމުތަކުން މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދެމުން ދަނީ ދިފާޢީ ބަޖެޓު އިތުރު ކުރުމަށް ކަމުގައެވެ.

"[ޓްރަމްޕްގެ ފުރަތަމަ ދައުރާ އަޅައިބަލާއިރު] މި ވަގުތު ދުނިޔެ އޮތީ އިތުރަށް ނާޒުކު، ދެން ވާނެ ގޮތް ނޭނގޭ ފަދަ ހާލަތެއްގައި، ކާރިސާތައް އިތުރުވެފައި، އަދި އެމެރިކާ ސަރުކާރުން އިންސާނިއްޔަތަށް ޓަކައި ފޯރުކޮށްދޭ އެހީގެ ފައިސާ ކަނޑައިލައިފި ނަމަ، އެ ތަން ފޫބެއްދޭނެ އިތުރު ގޮތެއް ހޯދުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ،" ސްލެންޓަ ވިދާޅުވިއެވެ.