ސޫރިޔާގެ ޢާންމު ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ހަތިޔާރު އެޅި ޖަމާޢަތްތަކުން ޤަތުލުޢާންމުތައް ހިންގަމުންދާ މަންޒަރު ބަލަން އޮތުމީ ޢިރާޤަށް ދަތިކަމެއް ކަމަށް ވިދާޅުވެ، ޢިރާޤަށް ކުޅިބަލަން ނޯވެވޭނެ ކަން އެ ޤައުމުގެ ބޮޑުވަޒީރު މުޙައްމަދު ޝިޔާޢު އަލް-ސޫދާނީ ހާމަކުރައްވައިފިއެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި ވަނީ، ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާނާ ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސޫދާނީއާއި އުރްދުޣާން ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވާފައި މި ވަނީ ސޫރިޔާގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް، ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ހަނގުރާމަވެރިން އެ ޤައުމުގެ ހުޅަނގުއުތުރުގައި އޮތް ޙަލަބު ޕުރޮވިންސަށް އަތްގަދަ ކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެޗްޓީއެސްގެ ހަނގުރާމަވެރިން ޙަލަބު ޕުރޮވިންސަށް އަތްގަދަ ކޮށްފައި ވަނީ ހުސްވި ހަފުތާގައެވެ.
އެ ސަރަހައްދަށް އެޗްޓީއެސުން ޙަމަލާ ދޭން ފަށާފައި ވަނީ ނޮވެންބަރު 27ވަނަ ދުވަހުއެވެ. އަދި، އެ ރަށުގައި ތިބި ސޫރިޔާގެ އަސްކަރިއްޔާގެ ސިފައިންނާއި ރައީސް ބައްޝާރް އަލް-އަސަދަށް ވާގިވެރިވާ ހަނގުރާމަވެރިން ފަހަތަށް ޖެއްސުމަށް ފަހު، އެޗްޓީއެސްގެ ހަނގުރާމަވެރިން ވަނީ އެ ޕުރޮވިންސުގެ ބޮޑު ސަރަޙައްދަކަށް ވެރިވެގަނެފައެވެ. އޭގެ ތެރޭގައި ވެރިރަށް ޙަލަބް ސިޓީއާއި މައި ވައިގެ ބަނދަރު ވެސް ހިމެނެއެވެ.
މިއީ، 2020ވަނަ އަހަރުގެ މާރިޗު މަހު، ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ދަށުން ބަދަލު ކުރަމުން ދިޔަ ޙަމަލާތައް މެދުކަނޑައިލުމަށް ފަހު ދީފައިވާ އެންމެ ބޮޑު އަދި ނުރައްކާތެރި ޙަމަލާތަކެވެ. ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލާފައި ވަނީ އަސަދުގެ ސަރުކާރަށް ވާގިވެރިވަމުންދާ ރަޝިޔާއާއި، ހަނގުރާމަވެރި ޖަމާޢަތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ތުރުކީވިލާތާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް، އެޗްޓީއެސަކީ ތުރުކީވިލާތުން ވާގިވެރިވާ ޖަމާޢަތެއް ނޫނެވެ. ތުރުކީވިލާތުގެ އިތުރުން އެމެރިކާއިން ވެސް ވަނީ އެޗްޓީއެސަކީ ނިރުބަވެރި ގުރޫޕެއްގެ ގޮތުގައި ކަނޑައަޅާފައެވެ.
މި ކަމާ ގުޅޭ ގޮތުން އުރްދުޣާނާ ވާހަކަފުޅު ދައްކަވަމުން ސޫދާނީ ވިދާޅުވީ، ޢިރާޤާއި ސޫރިޔާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޢިރާޤުގެ ސަރުކާރުން އެޅެން އޮތް ހުރިހާ ފިޔަވަޅެއް އަޅާނެ ކަމުގައެވެ. "މިއަދު ސޫރިޔާގައި ހިނގަމުންދާ ކަންކަމަކީ ޒަޔަނިސްޓުންގެ މަސްލަޙަތަށް ފައިދާ ކުރާނެ ކަންކަން، އެ މީހުން [ޔަހޫދީ ފައުޖުން] ވަނީ ސޫރިޔާގެ އަސްކަރިއްޔާގެ އަމާޒުތަކަށް އެތަކެއް ފަހަރަކު ބޮންއަޅާފައި، ނިރުބަވެރި ޖަމާޢަތްތަކަށް ސޫރިޔާގެ އިތުރު ބިންތަކަށް އަތްގަދަ ކުރެވުނީ އެ މީހުންގެ [ޔަހޫދީންގެ] އަމަލުތަކާ ގުޅިގެން،" ސޫދާނީ ވިދާޅުވިއެވެ.
ސޫރިޔާގެ އަސްކަރިއްޔާއާއި އަސަދުގެ ސަރުކާރުގެ ދިފާޢުގައި ހަނގުރާމަ ކުރަމުންދާ ޖަމާޢަތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ޤައުމުތަކުގެ ތެރޭގައި ރަޝިޔާއާއި އީރާނުގެ އިތުރުން ޢިރާޤު ވެސް ހިމެނެއެވެ. ޢިރާޤުގައި ޝިޔަޢީން ހިންގަމުންދާ ސަރުކާރަކީ އީރާނާ ގާތް ގުޅުންތަކެއް ބާއްވާ ސަރުކާރެކެވެ. ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި ޢިރާޤުގެ ހަތިޔާރު އެޅި ޖަމާޢަތްތަކުން އަސަދުގެ ސަރުކާރަށް ވާގިވެރިވެދީފައިވެއެވެ.
ޢިރާޤުގެ ސަލާމަތީ ދާއިރާގެ މަޞްދަރުތަކުން ބުނީ، އެ ޤައުމުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ ހަނގުރާމަވެރިން ސޫރިޔާއަށް ދަތުރު ކުރަމުންދާ ކަމުގައެވެ. އެ މީހުންގެ ބޭނުމަކީ، ޙަލަބަށް އަތްގަދަ ކޮށްފައިވާ އެޗްޓީއެސްގެ ހަނގުރާމަވެރިންނާ ދެކޮޅަށް އަސަދުގެ އަސްކަރިއްޔާއިން ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދިނުމެވެ. ނަމަވެސް، ޢިރާޤުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުގެ މައި އިއްތިޙާދު، ޕޮޕިޔުލަރ މޮބިލައިޒޭޝަން ފްރަންޓުން ބުނީ އެ އިއްތިޙާދާ ގުޅުން އޮތް އެއްވެސް ޖަމާޢަތެއްގެ ހަނގުރާމަވެރިން ސޫރިޔާއަށް ދަތުރު ކޮށްފައި ނުވާ ކަމުގައެވެ.
އެޗްޓީއެސްގެ ހަނގުރާމަވެރިން ބުނީ، ފަސޭހަކަމާ އެކު ޙަލަބް ޕުރޮވިންސުގެ ރަށްތަކަށް އަތްގަދަ ކުރެވިފައި ވަނީ، އެ ސަރަޙައްދުގެ ދިފާޢުގައި ހަރަކާތްތެރިވަމުން ދިޔަ ހަތިޔާރު އެޅި ޖަމާޢަތްތަކުން އެ ސަރަޙައްދުތަކުން ފޭބުމުން ކަމުގައެވެ. އެއީ، އީރާނުން ވާގިވެރިވާ ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهއާ ގުޅުން އޮތް ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި ކުރިން އޮތް ސަރަޙައްދެކެވެ.
ޙިޒްބުاللهގެ މެންބަރުން އެނބުރި ލުބްނާނަށް ދަތުރު ކޮށްފައި ވަނީ، ޔަހޫދީ ފައުޖާ ދެކޮޅަށް ކުރަމުން ދިޔަ ޖިހާދުގައި ބައިވެރިވުމަށެވެ. އެޗްޓީއެސުން ޙަލަބަށް އަތްގަދަ ކުރަން ޙަމަލާތައް ދޭން ފަށާފައި ވަނީ، ލުބްނާންގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފައުޖުން ހިންގަމުން ދިޔަ ލާއިންސާނީ ޖަރީމާތައް މެދުކަނޑައިލި ދުވަހުއެވެ.
ފާއިތުވި 14 ވަރަކަށް މަހުގެ ތެރޭގައި ސޫރިޔާގެ ވެރިރަށް ދިމިޝްޤުގެ އިތުރުން ބޮޑެތި އެހެން ރަށްތަކަށް އަމާޒުކޮށް ދެމުން ދިޔަ ޙަމަލާތައް ޔަހޫދީ ފައުޖުން ވަނީ އެތަކެއް ގުނައަކަށް އިތުރު ކޮށްފައެވެ. އެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ، އީރާނުގެ އަސްކަރިއްޔާގެ ސިފައިންނާއި އީރާނުން ވާގިވެރިވެދޭ ހަނގުރާމަވެރި ޖަމާޢަތްތަކުގެ މެންބަރުންނަށެވެ. ޙިޒްބުاللهގެ އިސް އޮފިޝަލުންނާއި މެންބަރުން ހަރަކާތްތެރިވަމުން ދިޔަ ސަރަޙައްދުތަކަށް ވެސް ޔަހޫދީ ފައުޖުގެ ޙަމަލާތައް އަމާޒު ކޮށްފައިވެއެވެ.
ޙަލަބަށް އަތްގަދަ ކޮށްފައިވާ އެޗްޓީއެސްގެ ހަނގުރާމަވެރިންގެ އަމާޒުތަކަށް ރަޝިޔާގެ އަސްކަރިއްޔާއިން މި ވަގުތު ވެސް ދަނީ ވައިގެ ޙަމަލާތައް ދެމުންނެވެ. ސޫރިޔާގެ އަސްކަރިއްޔާގެ މަޞްދަރުތަކުން ބުނީ، އެޗްޓީއެސްގެ ހަނގުރާމަވެރިން ވެރިވެގަނެފައިވާ ބައެއް ރަށްތަކާއި އަވަށްތައް މިނިވަން ކުރަން ފަށާފައިވާ ކަމުގައެވެ.
ޙަލަބަކީ، ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ތެރެއިން ހަނގުރާމަވެރިން ކުރިން ވެސް އަތްގަދަކުރި ސަރަޙައްދެކެވެ. ނަމަވެސް، އަސަދަށް ވާގިވެރިވަމުން ދިޔަ ރަޝިޔާއާއި އީރާނުގެ އެހީތެރިކަމާ އެކު، ސޫރިޔާގެ އަސްކަރިއްޔާއިން 2016ވަނަ އަހަރު ވަނީ އެ ސަރަޙައްދުގައި ތިބި ހަނގުރާމަވެރިން ފަހަތަށް ޖައްސައި، އެ ސަރަޙައްދު މިނިވަން ކޮށްފައެވެ. ރަޝިޔާއިން މިހާރު ވެސް ދަނީ އެޗްޓީއެސުން އަތްގަދަ ކޮށްފައިވާ ބިންތައް މިނިވަން ކުރަން އަސަދުގެ ސަރުކާރާއި އަސްކަރިއްޔާއިން ބޭނުންވާ ހަތިޔާރާއި އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރަމުންނެވެ.