ޚަބަރު

ދިވެހިދިދަ ޖެހި ޓޭންކަރުގެ މައްސަލައަކީ ރޭވިގެން ކޮށްފައިވާކަމެއް


ރާއްޖޭގެ ދިދަޖެހި ތެޔޮ ޓޭންކަރަކުން އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކާއެކު މުޢާމަލާތުކުރި މައްސަލައަކީ ބަޔަކު ރާވައިގެން ކޮށްފައިވާ ބޮޑު ކުށެއްކަމަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ އުތުރުކޮރެޔާގެ ތެޔޮޓޭންކަރަކާއި ރާއްޖޭގެ ދިދަ ޖަހާފައިހުރި ޓޭންކަރަކާ ދެމެދު ކުރެވުނު މުޢާމަލާތަކީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާ ދަނޑިވަޅާ ދިމާކޮށް ބަޔަކު ގަސްތުގައި ރާވައިގެން ކޮށްފައިވާކަމެއް ކަމަށް.

އަދި މި މައްސަލައަކީ ބައިނަލްއަޤްވާމީ މައްސަލައެއްކަމުން މި މައްސަލައަކީ ބޮޑެތި ޤައުމުތަކާއި އދ ގުޅިގެން ތަހުޤީޤް ކުރަމުންދާ މައްސަލައެއް ކަމަށެވެ. އަދި މި ތަހުޤީޤް ކުރިއަށް ގެންދިޔުމުގައި ރާއްޖޭގެ ބައިވެރިވުން އެބައޮތްކަމަށާއި ދިވެހިރާއްޖެއިން މިކަމާ ގުޅޭގޮތުން ހިއްސާކުރަންޖެހޭ މަޢުލޫމާތުތައް ހިއްސާކުރަމުންދާކަން ޑިފެންސް މިނިސްޓަރ ފާހަގަކުރެއްވި.

އަޑު: އާދަމް ޝަރީފް އުމަރު - މިނިސްޓަރ އޮފް ޑިފެންސް 



މީގެ އިތުރުން މި ބޯޓުގެ އެއްވެސްކަމެއް ކުރިން އެނގިފައިނުވާކަމަށާއި މިކަން ރާއްޖޭގެ ސަމާލުކަމަށް އައީ ޖަޕާނުން އެކަން ރިޕޯޓްކުރި ހިސާބުން ކަމަށެވެ. އަދި މި މައްސަލައަކީ ޖިނާއީ މައްސަލަތަކެއް ހިމެނޭ ކަމަކަށްވާތީ މިކަން މޯލްޑިވްސް ޕޮލިސްސަރވިސް އިންވެސް ތަޙްޤީޤު ކުރަމުންދާކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.