ކުޅިވަރު

އޭއެފްސީ ޗެލެންޖް ކަޕުގެ ތިންވަނަ ހޮވާ މެޗް މިރޭ ކުޅޭނެ





 


އޭއެފްސީ ޗެލެންޖް ކަޕުގެ ތިންވަނަ ހޮވާ މެޗް މިރޭ ކުޅޭނެއެވެ.


 
މި މެޗުގައި އެއްކޮޅުން ބައްދަލްކުރާނީ ފަލަސްތީން އަތުން ސެމީގެ ފުރަތަމަ މެޗުގައި ބަލިވި އަފްޣާނިސްތާނާ، ފިލިޕީންސް އަތުން ބަލިވި ދިވެހިރާއްޖެއެވެ.


  
މި މެޗަށް ނުކުންނައިރު ސެމީ ފައިނަލް މެޗުގައި ރާއްޖޭގެ ޓީމް ބައެއް ކުޅުންތެރިންނަށް އަނިޔާ ލިބިފައިވެއެވެ.


 


ޝާފީ އަނިޔާވެގެން ބާލަން ޖެހުނުއިރު އަލީ ފާސިރަށްވެސް މެޗުގައި އަނިޔާވެފައިވެއެވެ.


 


މި އަނިޔާތަކުގެ އިތުރުން ބައެއް ކުޅުންތެރިން މުބާރާތުގައި ކުޅެމުންދިޔައީވެސް އަނިޔާތަކާއެކުއެވެ.


 
ރާއްޖޭގެ ކޯޗް ޑްރާގޯ މަމިޗް ބުނެފައިވަނީ އަޝްފާގުވެސް މުބާރާތުގައި ކުޅެމުން އަންނަނީ ކޮންމެވެސް ވަރެއްގެ އަނިޔާއަކާއެކުގައިކަމަށާ އަދި ކޮންމެ ކޮންމެ ކުޅުންތެރިޔަކަށް އެފަދަ އަނިޔާއަކާއެކު ނުކުޅެވޭނެކަމަށެވެ.


 
 
ތިންވަނަ ހޮވާ މެޗުގައި އަނެއްކޮޅުން ވާދަކުރާ ސާފް ޗެމްޕިއަންޝިޕުގެ އެންމެ ފަހުގެ ޗެމްޕިއަން އަފްޣާނިސްތާންގެ ކޯޗަކަށްހުރި އެރިކް ރޮޓެމުލަރ ބުނީ،އަފްޣާނިސްތާނުގެ ކުޅުންތެރިން ތިންވަނަ ހޯދުމަށް މަސައްކަތްކުރާނޭކަމަށާ އެކަން އެ ކުޅުންތެރިންނަށް ވާނޭކަމަށް ގަބޫލްކުރާކަމަށެވެ.


 
 


ރާއްޖެއާ އަފްޣާނިސްތާން ވާދަކުރާ މެޗް ކުޅޭނީ މިރޭ ނުވަޔެއްޖަހާއިރުއެވެ. މެޗު ޓީވީއެމްއިން ވަގުތުން ދައްކާނެއެވެ. އަދި މެޗު ހިނގަމުންދާގޮތް ދިވެހިރާއްޖޭގެ އަޑުން ދުރަށް ފޮނުވާނެއެވެ.