ކުޅިވަރު

މާޒިޔާއާއި ވެލެންސިޔާއަށްވެސް މެޗު އިންތިހާއަށް މުޙިއްމު!


މާޒިޔާގެ ހުރިހާ ކުޅުންތެރިންނަށްވެސް އެއްވަރަކަށް ސަމާލަކަން ދޭންޖެހޭނެކަމަށް ކުލަބް ވެލެންސިޔާގެ ކޯޗް ސޮބާޙު މުހައްމަދު ބުނެފިއެވެ. 

އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު މާޒިޔާއާއި ކުލަބް ވެލެންސިޔާ ވާދަކުރާ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ސޮބާ ބުނީ މާޒިޔާގެ ކޮންމެ ކުޅުންތެރިއަކީވެސް ވަރަށް ނުރައްކާތެރި ކުޅުންތެރިއެއްކަމަށާއި، މެޗުގެ ފުރިހަމަ ވަގުތުގެ ކަށިގަނޑުގެ އަޑާއި ހަމައަށް މާޒިޔާގެ އެއްވެސް ކުޅުންތެރިއަކު ވެލެންސިޔާ ކުޅުންތެރިންގެ ލޯމަތިން ގެއްލިގެން ނުވާނެކަމަށެވެ. ވެލެންސިޔާގެ ކުޅުންތެރިންގެ ލޯމަތިން މާޒިޔާގެ އެއްވެސް ކުޅުންތެރިއަކު ގެއްލިޖެނަމަ، ކޮންމެ ފަދަ ވަގުތެއްގައިވެސް ވެލެންސިޔާއަށް ލަނޑު ލިބިދާނެކަމަށް ސޮބާ ބުންޏެވެ. 

ސޮބާ ބުނީ މާޒިޔާއަކީ ވަރަށް ވަރުގަދަ ޓީމެއްކަމަށާއި ގައުމީ ޓީމްގެ ގިނަ ކުޅުންތެރިންތަކެއް ތިބުމަކީވެސް އެޓީމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭކަމެއްކަމަށެވެ. މާޒިޔާގެ ފޯވާޑް ކޯނޭއާއި ދާދު އަކީ ވަރަށް ހަލުވި ކުޅުންތެރިންތަކެއްކަމަށާއި، އެކުޅުންތެރިން ހިފެހެއްޓުމަށް ވެލެންސިޔާގެ ޑިފެންސްލައިން ވަރަށް އޯގަނައިޒްވާން ޖެހޭނެކަންވެސް ކުރީގެ ޤައުމީ ޑިފެންޑަރ ފާހަގަކުރިއެވެ.

"މާޒިޔާގައި ތިބީ ވަރަށް ހަލުވި ކުޅުންތެރިން، ހައްސަކޮށް ދާދު އަދި ކޯނޭ ފާހަގަކޮށްލެވޭ. މިދެ ކުޅުންތެރިންގެ އިތުރުން އެޓީމްގެ ކޮންމެ ކުޅުންތެރިއަކަށްވެސް ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެ. ވެލެންސިޔާއިން ވިސްނާނީ ފުރަތަމަ ފެށުން ރަގަނޅު ކުރުމަށް، މެޗު ރަނގަޅަށް ފެށިއްޖެނަމަ، މެޗުން މޮޅުވުމަށް ފަސޭހަވެގެންދާނެ. މެޗަށް ނިކުންނާނީ ތިން ޕޮއިންޓަށް. ނަމަވެސް އެއް ޕޮއިންޓް ލިބުނަސް މާ ބޮޑު މައްސަލައެއް ނެތް." ޞޮބާ ބުންޏެވެ.

މާޒިޔާގެ ކޯޗް އިސްމާޢީލް މަހެފޫޒް (އިންމަ)ބުނީ ކޮންމެ ޓީމަކާ ދެކޮޅަށްވެސް ނިކުންނާނީ ސީދާ ތިން ޕޮއިންޓަށްކަމަށެވެ. ލީގުގައި މިހާތަނަށް އެއް ޕޮއިންޓް ލިބިފައިވުމުން، ލީގުގައި ކުރިއަށްދާން ބޭނުންވާނަމަ، ވެލެންސިޔާގެ މައްޗަށް ކުރި ހޯދުން ވަރަށް މުހިންމުކަމަށް އިންމަ ބުންޏެވެ. ހާއްސަކޮށް ލީގުގައި ވާދަކުރާ ޓީމްތަކުން ޕޮއިންޓް ހޯދަމުންދާއިރު، ލީގުގެ ރޭހަށް ވަންނަން ބޭނުންވާނަމަ ވީހާވެސް އަވަހަކަށް ފަރަގު ކުޑަކުރުން މުހިންމުކަމަށް އިންމަ ބުންޏެވެ. ވެލެންސިޔާއަކީ އެއްވެސް ވަރަކަށް ފަސޭހަކޮށްލެވޭ ވަރުގެ ޓީމެއް ނޫންކަމަށާއި، މާޒިޔާއިން ބޭނުންވަނީ ތިން ޕޮއިންޓްކަމަށް އިންމަ ބުންޏެވެ.

"މިއީ މާޒިޔާއަށް ވަރަށް މުހިންމު ތިން ޕޮއިންޓް. ލީގުގައި ބައެއް ޓީމްތައް މިހާރު 6 ޕޮއިންޓް ހޯދާފައިވާއިރު، އެއް ޕޮއިންޓްގައި އޮވެގެން ފަރުޖައްސާލެވޭކަށް ނެތް. ކޮންމެ ގޮތެއް ހަދާފައިވެސް ވެލެންސިޔާގެ މައްޗަށް ކުރި ހޯދާ ތިން ޕޮއިންޓް އެބަ ހޯދަންޖެހޭ. ތިން ޕޮއިންޓް ހޯދަން ބޭނުންވާނަމަ، މެޗުގެ ފެށުން އެބަޖެހޭ ވަރަށް ރަނގަޅު ކުރަން. ހާއްސަކޮށް ޓީމްގެ މެދުތެރެ އެބަޖެހޭ ވަރަށް އޯގަނައިޒްވާން." އިންމަ ބުންޏެވެ.

ލީގުގައި ޔުނައިޓަޑް ވިކްޓްރީ އަތުން ވެލެންސިޔާ ވަނީ ތިނެއް ސުމަކުން ބަލިވެފައެވެ. އަދި އީގަލްސްއާއި ވަދަކުރި މެޗް ނިމުނީ އެއްވަރުވެގެންނެވެ. މާޒިޔާ އާއި ގްރީން ސްޓްރީޓްސް ވާދަކުރި މެޗް އެއްވަރު ވެގެން ނިމުނުއިރު، ނިއުއާއި ވާދަކޮށް މާޒިޔާ ވަނީ ބަލިވެފައެވެ.