މުނިފޫހިފިލުވުން

އައިޑަލް ސީޒަން 3: މިފަހަރުގެ ގަދަ 12 މިރޭ ކަށަވަރުވާނެ


މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ޕިއާނޯ ރައުންޑުގެ ދެވަނަ ޝޯވގައި ވާދަކުރި ބައިވެރިންގެ ތެރެއިން، ގާލާ ރައުންޑަށް ދަތުރުކުރާނެ 6 ބައިވެރިން މިރޭ އިޢުލާން ކުރާނެއެވެ. 

ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ ކާމިޔާބު ރިއަލިޓީ ޝޯވ މޯލްޑިވިއަން އައިޑަލްގެ މިފަހަރުގެ ސީޒަންގެ ގަދަ 12 އިން ޖާގަ ހޯދި ފުރަތަމަ 6 ބައިވެރިން މިދިޔަ ހަފްތާގައި ވަނީ އިޢުލާންކޮށްފައެވެ. އަދި ރޭގެ ޝޯވގައި ވާދަކުރި ބައިވެރިންގެ ތެރެއިން، ކުރިއަށް އޮތް ގާލާ ރައުންޑަށް ދަތުރުކުރާނެ ބައިވެރިން އިޢުލާންކުރުން އޮންނާނީ މިރޭ ބާއްވާ އެލިމިނޭޝަން ނައިޓު ޝޯވގައެވެ.

ޕިއާނޯ ރައުންޑުގެ ރޭގެ ޝޯވގައި، ގްރޫޕް ދޭއްގައި ހިމެނޭ 8 ބައިވެރިން ޕަރފޯމްކޮށްފައިވާއިރު، މީގެ ތެރޭގައި ތިއޭޓަރ ރައުންޑުން ގޯލްޑަން މައިކް ހާސިލް ކުރި 3 ބައިވެރިންކަމަށްވާ އައިމިނަތު ސައިނާ މުޙައްމަދު ރަޝީދު، ޢިބްރާހީމް ޝަމީލް އަދި ޙަސަން ޝަހުދާން ހިމެނެއެވެ. މި 3 ބައިވެރިންގެ އިތުރުން، ރޭގެ ޝޯވގައި ޕަރފޯމްކުރި އަނެއް 5 ބައިވެރިންނަކީ، އަޙްމަދު ނަޒީޙު، ތަސްލީމް ޢަބްދުލްކަރީމް، ނައުޝާދު ޢަބްދުލްލަތީފް އަދި މޫސާ އިޝާންގެ އިތުރުން މަރިޔަމް ސަލްވާއެވެ.

tw:https://twitter.com/Maldivian_Idol/status/972196085685936128

މި 8 ބައިވެރިންގެ ފަރާތުންވެސް ހިތްގައިމު ސޯލޯ ޕަރފޯމަންސްތަކެއް ފެނިގެންގޮސްފައިވާއިރު، މީގެ ތެރެއިން ބެލުންތެރިންނަށް އެންމެ ކަމުދާ ބައިވެރިއަކު ހޮވުމަށްޓަކާ އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު މިއަދު ހަވީރު 4 ޖެހުމާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. ވޯޓުލުމަށްޓަކާ، MI ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކުރައްވާ، އެ ބައިވެރިއަކަށް ދީފައިވާ ކޯޑު ޖެހުމަށްފަހު 303 އަކަށް އެސް.އެމް.އެސް ކުރެވޭނެއެވެ. މިއިން ކޮންމެ އެސް.އެމް.އެސްއަކަށް 3 ރުފިޔާ ޗާޖުކުރާނެއެވެ. އަދި ކޮންމެ ނަންބަރަކުންވެސް އެންމެ ގިނަވެގެން ފޮނުވޭނީ 50 އެސް.އެމް.އެސްއެވެ.

tw:https://twitter.com/Maldivian_Idol/status/972163970533507072

ރޭގެ ޝޯވގައި ޕަރފޯމްކުރި 8 ބައިވެރިންގެ ތެރެއިން ޖަޖުންގެ 50 އިންސައްތަ މާކްސް އަދި ބެލުންތެރިންގެ 50 އިންސައްތަ ވޯޓު އެއްކޮށްލުމުން އެންމެ ދަށުން ޕޮއިންޓު ލިބޭ 2 ބައިވެރިއަކު މި ޝޯވއާއި މިރޭ ވަކިވާންޖެހޭނެއެވެ. އަދި މިރޭގެ އެލިމިނޭޝަން ނައިޓާއެކު މިފަހަރުގެ ސީޒަންގެ ގަދަ 12 ޔަޤީންވެގެންދާއިރު، ކުރިއަށް އޮތް ގާލާ ރައުންޑުގެ ޝޯވތައް ވެގެންދާނީ އައިޑަލްގެ ވާދަވެރިކަމާއި، ފޯރި އިތުރުވެގެންދާނެ ޝޯވތަކެއްގެ ގޮތުގައި އައިޑަލްގެ ޕްރޮޑަކްޝަން ޓީމުން ފާހަގަކުރެއެވެ.