ޚަބަރު

"މިދުވަސްވަރު އައިޓީބީ ފެއާ އޮތުމަކީ ރާއްޖެއަށް ލިބޭ ފުރުސަތެއް"


ޖަރުމަނު ވިލާތުގެ ބާލިންގ ގައި މިހާރު ކުރިއަށްދާ އިންޓަރނޭޝަނަލް ޓޫރިޒަމް ބޯސޭ، (އައިޓީބީ)ގެ މިއަހަރުގެ ފެއާ މިދުވަސްވަރު ކުރިއަށް ދިއުމަކީ ރާއްޖޭގެ ފަތުރުވެރިކަމާއި މުޅި އިޤްތިޞާދަށް ލިބިގެންދާ ވަރަށްބޮޑު ކާމިޔާބެއްކަމަށާ، މިއީ ބޭރުދުނިޔޭގައި ރާއްޖޭގެ އަގުވައްޓާލަން މަސައްކަތްކުރާ ފަރާތްތަކުގެ މައްޗަށް ލިބުނު ބޮޑު ކާމިޔާބީއެއްކަމަށް ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމްޢިއްޔާއިން ބުނެފިއެވެ.

އައިޓީބީ ފެއާއަށް ޒިޔާރަތްކުރެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމްޢިއްޔާގެ ނާއިބުރައީސް އިސްމާޢީލް އާސިފް ވިދާޅުވީ، މިއީ ޤައުމުގެ ހަޤީޤީ ޙާލަތު އޮޅުވާލައިގެން ބަޔަކު ބޭރުދުނިޔޭގައި ރާއްޖެއާމެދު ހިންގާ ޖަރީމާތަކާދެކޮޅަށް މަސައްކަތްކުރަން ލިބުނު ރަނުގެ ފުރުސަތެއްކަމަށެވެ. އަދި މިފުރުސަތުގެ އެންމެ ފުރިހަމަބޭނުން ރާއްޖޭގެ ޓުއަރިޒަމް މިނިސްޓްރީއާއި، އެމްއެމްޕީއާރުސީންކުރަމުންދާކަން ފާހަގަކުރައްވައި އާސިފްވިދާޅުވީ ޤައުމުގެ އިޤްތިޞާދު ޙިމާޔަތްކުރުމަށް ސަރުކާރުން ކުރާމަސައްކަތަކީ ޝުކުރުވެރިވުން ހައްޤު މަސައްކަތެއްކަމަށެވެ. އާސިފް ވިދާޅުވީ ދިވެހިންގެތެރެއިން މަދުބަޔަކު ޤައުމުގެ އިޤްތިޞާދު ފަނާކުރަން މަސައްކަތްކުރިޔަސް، ރައްޔިތުންގެ ތެރެއިން ބޮޑު މެޖޯރިޓީއާއި ވިޔަފާރިވެރިން ތިބީ ޤައުމުބިނާކުރުމުގައި ސާބިތުވެކަމަށެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކުން ޤައުމު ފަނާކުރުމަށް ކުރާ މަސައްކަތަށް ކާމިޔާބެއް ނުލިބޭނެކަމަށެވެ.

"އެއީ އަޅުގަނޑުމެންގެ ޤައުމު މިޙާލަތުގައި އޮއްވައި މިތާރީޚަށް މިފެއާ ބާއްވަންފެށީމާ އަޅުގަނޑުމެންގެ ޙާލަތު ހުރިހާ އެންމެންނަށް ކިޔައިދޭން ލިބުނު ވަރަށް ރަނގަޅު ފުރުސަތެއްމީ. މީނުންތާރީޚެއްގައި މިސާލަކަށް މިފެއާ އޮތްނަމަ އަޅުގަނޑުމެންނަކަށް މިހާރަނގަޅަކަށް އަޅުގަނޑުމެންގެ ޙާލަރު (ބޭރުގެ ފަރާތްތަކަށް) ކިޔައެއް ނުދެވޭނެ. އެހެންވީމާ މިތާރީޚުގައި މިފެއާއޮތީމާ އަޅުގަނޑުމެންނަށް ދުނިޔޭގެ އެންމެންނަށް އަޅުގަނޑުމެންގެ ޤައުމުގެ ޙާލަތު ވަރަށް ރަނގަޅަށް ކިޔައިދެވޭ." އާސިފް ވިދާޅުވިއެވެ.

މިފަހަރުގެ އައިޓީބީ ފެއާގައި ރާއްޖޭގެ މެދުފަންތީގެ ފަތުރުވެރިކަމުގެ ވިޔަފާރީގައި ޙަރަކާތްތެރިވާ ގިނަ ފަރާތްތަކެއް ބައިވެރިވާކަން ފާހަގަކުރައްވައި އާސިފް ވިދާޅުވީ މިއީ ރާއްޖޭގެ އިޤްތިޞާދު އެހެން ހަރުފަތަކަށް ދާކަމުގެ ހެޔޮ ފާލެއްކަމަށެވެ.

"މެދުފަންތީގެ ފަތުރުވެރިކަމަށް ވަރަށްބޮޑު ކުރިއެރުމެއް އަންނާނެ އިނގޭތޯ. މެދުފަންތީގެ ފަތުރުވެރިކަމަށް އަންނަ ކުރިއެރުން މީގެންވެސް އެދޭހަވަނީ. މިސާލަކަށް މެދުފަންތީގެ މެދުފަންތީގެ ފަތުރުވެރިކަމުގައި އުޅޭ ބޭފުޅުން މިތަނުގައި ބައިވެރިވެގެން އެކުރާ މަސައްކަތަކީ މީހަރުވެސް ވަރަށްބޮޑު ކުރިއެރުމެއް އެއީ. އޭގެ މާނައަކީ އެސްޓަބްލިޝްޑް ވަރަށްގިނަ ކަންތައްތައް މިވަގުތުވެސް ރާއްޖޭގައި އެބަހުއްޓޭ، އެރޭންޖުގަ، ވާހަކައަކީ މިޑްލް އެންޓަޕްރިނިއަސްގެ. އެހެންވީމާ އެއީ އަޅުގަނޑަށް ހީވަނީ މިހާރުވެސް ވަރަށްބޮޑު ކުރިއެރުމެއްހެން." އާސިފް ވިދާޅުވިއެވެ.

އާސިވް ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދާމެދު އޮތް ހިތްހަމަޖެހުމަކީ ފަތުވެރިކަމުގެ އިންޑަސްޓްރީއާއި އިޤްތިޞާދީ އެހެންވެސް ބައިވެރިން ގުޅިގެން ކުރާ ޤައުމީ މަސައްކަތްކަމަށެވެ. އެހެންކަމުން އިދިކޮޅުފަރާތްތަކުން ސީދާގޮތުންނާއި ނުސީދާގޮތުން ރާއްޖޭގެ އިޤްތިޞާދާ ދެކޮޅަށް ކުރަމުންދާ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލުމަށް އާސިފް ގޮވާލެއްވިއެވެ.