ޚަބަރު

ރައީސް ދިވެހި އަންހެނުންނަށް ތަހުނިޔާ ފޮނުއްވައިފި


އަންހެނުންގެ ތަރައްޤީއަށާއި ކުރިއެރުވުމަށް ސަރުކާރުން ކުރާ މަސައްކަތްތައް އެއްވެސް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދިވެހި ރައްޔިތުންނަށް ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިޔާ މިކަން ބަޔާންކުރެއްވީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިތާބުގައެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ޚިތާބުގައި މިއަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ އަންހެންނަށާއި، ކަނބަލުންގެ މަސައްކަތްތަކަށް ހިތްވަރުދީ، އަދި އެކަނބަލުންނަށް އޯގާތެރިކަމާއެކު ކަމޭހިތައިގެން މަސައްކަތް ކޮށްދޭ ހުރިހާ ފިރިހެންނަށާއި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކު ދުވަހުގެ ތަހުނިޔާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ޚިތާބުގައި ސަރުކާރުން މިއަދު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރާ އެއްކަމަކީ، އަންހެނުންގެ ޙައްޤުތައް ހޯދައިދީ، އެކި ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތްކުރުންކަމަށް ވިދާޅުވެފައިވެއެވެ. އަންހެނުންނަށް ހަމަހަމަކަމާއި ރައްކާތެރިކަން އިތުރަށް ހޯދައިދިނުމަށް މި ސަރުކާރުން ބައެއް ޤާނޫނުތަކަށް ބަދަލުގެނެސް، މިހާރު ޢަމަލުކުރަމުން އަންނަކަން ފާހަގަކުރައްވައިފައިވެއެވެ. އަދި އަންހެނުން ބާރުވެރިކުރުވުމަށާއި އަންހެނުންގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތައް، ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުން މިއަދު ބަލައިގަނެފައިވާކަމީވެސް ރާއްޖެ މިރޮނގުން ހޯދާފައިވާ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށް ރައީސް ބަޔާންކުރައްވާފައިވެއެވެ.

ހަމައެއާއެކު، އެކިކަންކަން ނިންމާ ފެންވަރުގައި އަންހެނުންގެ ބައިވެރިވުމާއި ޙިއްޞާ އިތުރުކުރުމަކީވެސް، ސަރުކާރުން މިއަދު ވަރަށް ބޮޑު ސަމާލުކަމެއްދޭ ކަމެއްކަމަށް ވިދާޅުވެފައިވެއެވެ. އަދި މިކަމުގެ އެންމެ ބޮޑު ބޭނުމަކީ، ރާއްޖޭގެ ތަޢުލީމީ އަންހެނުންގެ ބައިވެރިވުން ޤައުމީ ތަރައްޤީގައި އިތުރުކުރުންކަމަށާއިި އެމީހުންނަކީވެސް ޤައުމުގެ ކުރިއެރުމުގައި މުހިއްމު ބައެއްކަމުގެ ޔަޤީންކޮށްދިނުން ކަމަށް ވިދާޅުވިއެވެ. މިގޮތުން ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ބޯޑުގެ މެންބަރުންގެ ގޮތުގައި އަންހެނުން ހަމަޖައްސަނީވެސް އެ ސަބަބަށްޓަކައިކަމަށް ވިދާޅުވެފައިވެއެވެ. އަދި ކުރިއަށް އޮތްތާނގައިވެސް މިކަން މިހެން ހިނގާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވަނީ ދެއްވާފައެވެ. 

ސަރުކާރުން ކުރަމުންގެންދާ މައިގަނޑު މަސައްކަތްތަކުގެ ތެރެއިން ރަނގަޅު ޖީލެއް ބިނާކޮށް، އެއްވެސް ތަފާތު ކުރުމެއް ނެތި މިއަދުގެ ކިޔަވާ ކުދިންނަށް ތަރުބަވީ ތަޢުލީމުގެ ތެރެއިން ރަނގަޅު ފުރުޞަތުތައް ފަހިކޮށްދިނުމަކީވެސް ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ. ޚާއްޞަކޮށް، ރާއްޖޭގެ އަންހެން ކުދިންނަށް ތަޢުލީމީ ރޮނގުންނާއި މަސައްކަތްތެރިކަމުގެ ރޮނގުން ތަފާތު ފުރުޞަތުތައް ހުޅުވާލަދިނުމަށް ސަރުކާރުން މިއަދު ފަށާފައިވާ މަސައްކަތްތަކުގެ ނަތީޖާވެސް މާތްﷲ ގެ އިރާދަފުޅާއެކު ފެންނަމުންދާކަމަށް ރައީސް ބަޔާންކުރައްވާފައި ވެއެވެ. ޢާންމުކޮށް އަންހެނުން ކޮށްނޫޅޭ ބާވަތުގެ (ނޮން-ސްޓީރިއޯ ޓައިޕް) މަސައްކަތްތަކުން މިއަދު ޒުވާން އަންހެންކުދިން ފެންނަކަން އެއީ، ޤައުމުގެ ކުރިމަގު އުޖާލާވަމުން އަންނަކަމުގެ ހެއްކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ޚިތާބުގައި އަންހެނުންގެ ތަރައްޤީއަށާއި ކުރިއެރުވުމަށް ސަރުކާރުން މިކުރާ މަސައްކަތްތައް އެއްވެސް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން ރާއްޖޭގެ ހުރިހާ އަންހެނުންނަށް މިއަދުގެ މުނާސަބަތުގައިވެސް ވަނީ ދެއްވާފައެވެ.