ޚަބަރު

އައިޔޫއެމްއެގެ އޮފީސް އިމާރާތުގެ ބިންގާ އަޅައިފި


ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރިސިޓީން ހުޅުމާލޭގައި އިމާރާތްކުރާ އޮފީސް އިމާރާތުގެ ބިންގާ އަޅައިފިއެވެ.

ސަނާބިލް އޮފީސް އިމާރާތުގެ ނަން ދީފައިވާ މިއިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަޙީމް އަލީ ސައީދާއި އިސްލާމީ ޔުނިވަރިސިޓީގެ ސެންޓަރ ފޯރ ޕޯސްޓް ގްރެޖުއޭޓް ސްޓަޑީޒްގެ ހެޑް ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ އާއި ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަނެވެ. ހުޅުމާލޭ ސެންޓްރަލް ޕާރކް ކުރިމަތިން އޮންނަ ހުސްބިމުގައި އަޅާ މި އިމާރާތަކީ 7 ފަންގިފިލާގެ އިމާރާތެކެވެ. މިމަޝްރޫޢަށް 56 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އައިޔޫއެމް އިން ބުނެއެވެ. 

ސަނާބިލް އިމާރާތުގެ ބިންގާ އަޅުއްވައިދެއްވުމަށްފަހު ވާހަކަދައްކަވަމުން އައިޔޫއެމްގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ވިދާޅުވީ، މިއީ އައިޔޫއެމްއަށް ފަންޑު އިތުރުކުރުމުގެ ގޮތުން ބިނާކުރާ އިމާރާތެއް ކަމަށާއި އިމާރާތުގެ މަސައްކަތް ފަށައިގަތުމަށް ބޭނުންވާ ހުރިހާ ކަމެއް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

''ސަނާބިލް ބިލްޑިންގ ނިމުން އޭގެ ފައިދާ އިސްލާމިކް ޔުނިވަރސިޓީއަށް ލިބިގެންދާނެ ދުވަހެއް، އަޅުގަނޑުމެން ނެތަސް އެދުވަސް ފެނުން އަޅުގަނޑު އުފާވާނެ ދުވަހެއް، އުމީދުކުރެވެނީ މީގެ ހެޔޮކަން އިސްލާމިކް ޔުނިވަރސިޓީއާއި ދަރިވަރުންނަށް ލިބިގެންދިއުން'' ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.



އައިޔޫއެމްއިން ބުނީ، މި އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ އެކި ބޭނުންތަކަށް ބޭނުންކުރެވޭ ގޮތަށް މަލްޓިޕާރޕަސް އިމާރާތެއްގެ ގޮތުގައެވެ. އެގޮތުން އެތަނުގައި އޮފިސް ތަކާއި މީޓިންގ ރޫމްތަކާއި ތިންސަތޭކަ މީހުންގެ ޖާގައިގެ ހޯލަކާއި ފުޑް ކޯޓެއް ހިމެނޭ ގޮތަށް ކަމަށް އައިޔޫއެމްއިން ބުނޭ. ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އައިޔޫއެމްގެ އިސްވެރިންނާ އެޗްޑީސީގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.