ޚަބަރު

ޤައުމިއްޔަތު ދިރުވަން ޚާއްޞަ މަސައްކަތްތަކެއް ކުރަންޖެހޭ- ރައީސް


ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި، ޚާއްޞަކޮށް އަދުގެ ޒުވާނުންނާއި ކިޔަވާ ކުދިންގެ ހިތްތަކުގައި ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުވުމަކީ މިއަދު ކުރަންޖެހިފައިވާ ވަރަށް މުހިންމު ޤައުމީ މަސައްކަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނެ މިހެން ވިދާޅުވީ ރާއްޖޭގައި ފުރަތަމަފަހަރަށް މިއަދު ފާހަގަކުރަމުންދާ، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވަނީ ރާއްޖޭގެ ދަރިވަރުންގެ ހިތްތަކުގައި ޤައުމީ ރޫޙު ދިރުވުމަށާއި، ދަރިވަރުންނަކީ ޤައުމުދެކެ ލޯބިވާ، ޤައުމަށް ވަފާތެރި ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރެއްވުމުގެ މަޤްޞަދުގައި ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގަވައިދެއްވުމަށް ރާއްޖޭގެ ހުރިހާ ސްކޫލް މަދަރުސާތަކުގެ ވެރިންނަށް ގޮވާލައްވާފައެވެ. އަދި ޤައުމުގެ މުސްތަޤްބަލް އޮތީ ޤައުމުގެ ޒުވާނުންގެ އަތްމަތީގައި ކަމަށްވާތީ، މިއަދުގެ ޒުވާނުންނަކީ ހަރުދަނާ ޤައުމިއްޔަތެއްގެ ވެރި އަދި މިނިވަންކަމަށް ލޯބިކުރާ، އަމިއްލަވަންތަކަން ދިފާޢުކުރާނެ ބައެއް ކަމަށް ހަދަންޖެހޭކަމުގައި ރައީސް ވަނި ވިދާޅުވެފައެވެ. އަދި އޭގެ ސަބަބުން ޒުވާނުންނާއި ދަރިވަރުންގެ ހިތްތަކުގައި ޤައުމީ ރޫޙު އިތުރަށް އާލާވެ، ޤައުމަށް ޚިދުމަތް ކުރާނެ، ޤައުމުދެކެ ލޯބިވާ ދަރިންތަކެއް އުފެދިގެންދާނެކަމަށްވެސް ރައިސް ވިދާޅުވެފައިވެއެވެ.

ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަސް ފާހަގަކުރަމުންދާއިރު، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމަށްޓަކައި، މިކަމުގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ހުރިހާ ފަރާތްތަކަކުން ޚާއްޞަ މަސައްކަތްތަކެއް ކޮށްދެއްވުމަށްވެސް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.

ކޮންމެ އަހަރެއްގެ މާރޗު މަހުގެ 6 ވަނަ ދުވަހަކީ، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ސަރުކާރުން ހަމަޖެއްސީ މީގެ އެއް އަހަރު ކުރިން ތަރިކަ މަޝްރޫޢު އިފްތިތާޙުކުރި ދުވަހާ ގުޅިގެންނެވެ. މި މަޝްރޫޢަކީ ދިވެހިންގެ މެދުގައި އިސްލާމީ ވަޙުދަތާއި ޤައުމީ ރޫޙު އުފައްދައި އާލާކުރުމުގެ މަޤްޞަދުގައި ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ މަޝްރޫޢެކެވެ.