ރިޕޯޓް

މިއަދަކީ ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ދުވަސް


މިއަދަކީ ދިވެހި ތާރީޚްގައި ފުރަތަމަފަހަރަށް ދިވެހިންގެ ޤައުމިއްޔަތު ދިރުވާ އާލާކުރުމުގެ ދުވަހުގެ ގޮތުގައި ވަކި ޚާއްޞަ ދުވަހެއް ކަނޑައަޅައި ފާހަގަކުރަންފަށާ ދުވަހެވެ. ދިވެހި ޤައުމިއްޔު ދިރުވާ އާލާކުރުމުގެ ދުވަހުގެ ގޮތުގައި މާރިޗު މަހުގެ 6 ވަނަ ދުވަސް ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނިންމެވީ މިދުވަހަކީ ދިވެހިންގެ ޤައުމިއްޔަތާއި ދީނީ ރޫޙް އާލާކުރުމުގެ ޤައުމީ ކެމްޕެއިން "ތަރިކަ" އިފްތިތާޙް ކުރި ދުވަސްކަމުގައި ވާތީއެވެ.

ދިވެހިންގެ ޤައުމިއްޔަތު ދިރުވާ އާލާކުރުމަށް އެކި މުނާސަބަތުތަކުގެ އެކި ހަރަކާތްތައް، ޒަމާނުންސުރެ ދިވެހިންގެ މެދުގައި ހިންގަމުންދިޔަ ނަމަވެސް، ދިވެހި ޤައުމިއްޔަތު ދިރުވާ އާލާކުރުމުގެ ދުވަހަކީ ވަކި މުނާސަބަތެއްގެ ގޮތުގައި ރަސްމީކޮށް ފާހަގަކޮށް، މިކަމަށް ވަކިދުވަހެއް ކަނޑައެޅުއްވުމަށް ނިންމަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. މާރޗު މަހުގެ 6 ވަނަ ދުވަހަކީ ދިވެހީންގެ މެދުގައި އިސްލާމީ ވަޙްދަތާއި ޤައުމީ ރޫޙު އުފައްދައި އާލާކުރުމުގެ ޤައުމީ މަޝްރޫޢު "ތަރިކަ" އިފްތިތާޙް ކުރި ދުވަހެވެ. މިދުވަސް ދިވެހިންގެ ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ "ތަރިކަ" މަޝްރޫޢަކީ ދިވެހި ޤައުމިއްޔަތާ ގުޅުންހުރި ވަރަށްގިނަ ކަންތައްތަކެއް އެކުލެވޭ މަޝްރޫޢެއް ކަމުގައި ވާތީއެވެ.

މީލާދީން ގާތްގަނޑަކަށް 2500 އަހަރު ކުރިން ދިވެހި ރާއްޖޭގައި މީހުން ވަޒަންވެރިވެފައިވާކަމަށް ތާރީޚީ ހޯދުންތަކުން އެނގިފައިވެއެވެ. އެހެންނަމަވެސް ދިވެހިރާއްޖެއަށް އިސްލާމްކަމުގެ ނިޢުމަތް ލިބިފައިވަނީ މީގެ އައްސަތޭހައެއްހާ އަހަރުކުރިނެވެ. އޭރުންސުރެ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމި އޮތް އޮތުމަތީ ޒަމާނުންސުރެ ދިވެހިންގެ އެންމެ ބޮޑު ފަޚުރެވެ. ދިވެހިންގެ އެއްބައިވަންތަކަމާއި، ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި، އުޚުއްވަތްތެރިކަމުގެ ގުޅުމުގެ ފެށުމަކީ އިސްލާމްދީން. ބައިބައިވުންތަކާއި ދެކޮޅުވެރިކަމާއި ދާޚިލީ ހަމަނުޖެހުންތަކާއި، އިޖްތިމާއީ ބޮޑެތި މައްސަލަތަކުން ދިވެހިރާއްޖެ ސަލާމަތްވެފައި އޮތުމުގެ މައިގަނޑު ސަބަބަކީވެސް މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިންގެ ޤައުމިއްޔަތުގެ ރޫޙެވެ.

އިސްލާމީ ވަޙުދަތާއި، އިސްލާމީ ޙަޟާރަތާއި، ދީނީ އަދި ޤައުމީ ރޫޙު އާލާކުރުމުގެ ޤައުމީ ރަސްމީ މަޝްރޫޢެއް ސަރުކާރުން ފެށްޓެވީ ރާއްޖޭގެ އިޖުތިމާޢީ ފޭރާން ރަނގަޅުކޮށް ދިވެހި މުޖުތަމަޢަކީ އިސްލާމީ ރީތި ސިފަތަކާއި، ޤައުމިއްޔަތުގެ ރޫޙު ހުރި މުޖުތަމަޢަކަށް ހެއްދެވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުންނެވެ.

އިސްލާމީ ވަޙުދަތާއި، އިސްލާމީ ޙަޟާރަތާއި، ދީނީ އަދި ޤައުމީ ރޫޙު އާލާކުރުމުގެ ޤައުމީ މަޝްރޫޢު " ތަރިކަ، މިމަޝްރޫޢުގެ ޝިޔާރަކީ " ދީނާއި ޤައުމިއްޔަތު ދިވެހިންގެ ނާރެސް" އެވެ.

މިމަޝްރޫޢުއަށް ޚާއްޞަކުރައްވާފައިވާ ލޯގޯއިން ދައްކުވައިދެނީ ދިވެހި ޤައުމިއްޔަތާއި، އިސްލާމް ދީނެވެ.

ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ދުވަހެއް ފާހަގަކުރުމާއި، "ތަރިކަ" މަޝްރޫޢުގެ މަޤްޞަދަކީ ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވި ހިސާބުންފެށިގެން މިއަދާ ހަމައަށް ތާރީޚްގައި ހިނގާދިޔަ ކަންކަމާއި، ދިވެހިންގެ ޘަޤާފަތާއި އާދަކާދައާއި ދިވެހިންގެ އިޖްތިމާޢީ ގުޅުމުގެ ބަދަހިކަން ދިވެހި ކިޔަވާކުދިންނާއި، ޒުވާނުންނަށް އުނގަންނައިދިނުމެވެ. އަދި އިސްލާމް ދީނުގެ ރިވެތި އުސޫލުތަކާއި، އިސްލާމީ ތާރީޚާއި ޘަޤާފަތުން ޒުވާންޖީލަށް ފިލާވަޅު ލިބިގަނެވޭގޮތްތަށް އަންގައިދިނުމާއި، ދިވެހި ޤައުމު ދުއް ޤައުމީ ބަޠަލުންގެ ފިލާވަޅުތައް ޒުވާންޖީލަށް އުނގަންނައިދިނުމެވެ. މީގެ އިތުރުން ޤައުމީ އަދި އިޖްތިމާއީ ކަންކަމުގައި ދަރިވަރުންނާއި، ޒުވާނުން އިތުރަށް ވިސްނައި ފިކުރު ހިންގުމުގެ ފުރުޞަތު ފަހިކޮށްދިނުމާއި، ދީނީ އަދި ސަޤާފީ އަދި އިޖްތިމާއީ ކަންކަން ކުރިއަރުވައި ތަރައްޤީކުރުމުގައި ދައުލަތުގެ މުއައްސަސާތަކާއި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުންވެސް މިދުވަސް ފާހަގަކުރުމުގެ މަޤްޞަދު ތަކުގެ ތެރޭގައި ހިމެނެއެވެ.

"ތަރިކަ" މަޝްރޫޢުގެ ދަށުން ހިންގަމުންދާ ހަރަކާތްތައް ކުރިއަށްގެންދަނީ ތަފާތު ދާއިރާތަކުގެ ބޭފުޅުން ހިމެނޭގޮތަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާފައިވާ ތަރިކަ ކޮމިޓީ އަދި ތަރިކަ ފަންނީ ކޮމިޓީންނެވެ.

"ތަރިކަ މަޝްރޫޢުގެ ހަރަކާތްތަކަށް މަގުޗާރޓެއް އެކުލަވާލައި ގެންދަނީ އެކި ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން ޤައުމީގޮތުންނާއި ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ދުވަސްތައް، "ތަރިކަ" މަޝްރޫޢާ ގުޅުވައިގެން ފާހަގަކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫޢާ ގުޅުވައިގެން ފާހަގަކުރާ ދުވަސްތަކުގައި ޤައުމީ ދިދަ ބޭނުންކުރުމާއި، ދިވެހި ބަހަށް އިސްކަން ދިނުމާއި، އެ ހަރާކާތްތަކުގައި ކިޔަވާ ކުދިން ބައިވެރިކުރުމަށް ވަނީ ނިންމާފައެވެ. އަދި ޤައުމިއްޔަތު ދިރުވުމުގެ ވިސްނުން ފެތުރުމާއި، އެ ހަރަކާތްތަކުގެ ސަޤާފަތާއި ޤައުމީ ކުލަތައް ބޭނުންކުރުމަށް އިސްކަން ދިނުން ހިމެނެއެވެ.

ތަރިކަ މަޝްރޫޢާ ގުޅުވައިގެން ޕީ.އެސް.އެމުން ވެސް ގެންދަނީ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން ޕީ.އެސް.އެމްގެ ޗެނަލްތަކުން ޒަމާނުންސުރެ ދައްކަމުންއައި ކާރޓޫން ދެއްކުން ހުއްޓާލުމާއި، ދިވެހި ޤައުމިއްޔަތާއި، ޤައުމީ ރޫޙް އާލާވާފަދަ ކޮންޓެންޓް ގެނެސްދިނުމަށް ޚާއްޞަ ސަމާލުކަމެއް ދިނުން ހިމެނެއެވެ. މީގެއިތުރުން ކޮންމެ ހަފްތާއަކު އިސްލާމީ މަރުކަޒު މައިދާނުގައި ޕީ.އެސް.އެމާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ އިސްލާމިކް ފެސްޓިވަލަކީވެސް ތަރިކަ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ ހަރަކާތްތަކެކެވެ.

2018 ވަނަ އަހަރު ތަރިކަ މަޝްރޫޢުގެ ދަށުން ފާހަގަކުރާ ދުވަސްތައް ކަނޑައަޅައި ޚާއްޞަ ކަލަންޑަރެއްވެސް ވަނީ އެކުލަވާލާފައެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި ދިވެހިންގެ ތެރޭގައި ބައިބައިވެ ވީދިފައިވާ އިޖްތިމާޢީ ފޭރާން ތަރިކަ މަޝްރޫޢުގެ ސަބަބުން އިތުރަށް ވަރުގަދަ ކުރެވޭނެކަމަށް ސަރުކާރުން ދެކެއެވެ.