ކުޅިވަރު

ޔޫވީ ބޮޑަތި ޓީމްތަކަށް ގޮންޖަހާނެ - ނަޒީހު


ޔުނައިޓެޑް ވިކްޓްރީއަކީ މިއަހަރުގެ ސީޒަންގައި ބޮޑެތި ޓީމްތަކަށް ގޮންޖަހާލެވޭ ވަރުގެ ޓީމެއްކަމަށް އެޓީމްގެ ކޯޗް މުހައްމަދު ނަޒީހު ބުނެފިއެވެ. 

އެސްޓީއޯ މާލޭ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ތިނެއް ސުމަކުން ކްލަބް ވެލެންސިޔާ ބަލުކުރި ޓީމްގެ ކޯޗު ބުނީ މިހާރު ޔޫވީއަކީ ލީގުގެ އެންމެ ދަށް ޓީމްތަކުގެ ތެރޭގައި ގުނަން ޖެހޭ ވަރުގެ ޓީމްއެއް ނޫންކަމަށެވެ. ނިއު ރޭޑިއަންޓް އަދި މާޒިޔާ ފަދަ ޓީމްތަކުގައި ހިމެނޭ ނަން މަޝްހޫރު ކުޅުންތެރިން ޔުނައިޓަޑް ވިކްޓްރީގައި ނެތްނަމަވެސް، ޔޫވީގައި މިހާރު ތިބި ކުޅުންތެރިންނަކީ ބޮޑެތި ޓީމްތަކަށް ގޮންޖަހާލެވޭ ވަރުގެ ކުޅުންތެރިންތަކެއްކަމަށެވެ. 

މާދަމާ ހަވީރު ވިކްޓްރީއާ ދެކޮޅަށް ނިކުންނަ މެޗާ ގުޅޭ ގޮތުން ނަޒީހު ބުނީ ވެލެންސިޔާ އަތުން މޮޅުވުމުން ކުޅުންތެރިންނަށް މިހާރު ވަރަށް ބޮޑު އިތުބާރެއް ލިބިފައިވާކަމަށެވެ. ހާއްސަކޮށް ސީޒަންގެ ކުރީ ކޮޅު މެޗަކުން ބަލިނުވެ، ނިންމާލުމަކީ ވަރަށް މުހިންމުކަމެއްކަމަށް ނަޒީހު ބުންޏެވެ. ވިކްޓްރީއަކީވެސް ދެރަ ޓީމެއް ނޫންކަމަށާއި، ކޮންމެ ޓީމަކާ ދެކޮޅަށްވެސް ނިކުންނާނީ ވަރަށް ބޮޑަށް ސަމާލުވެގެންކަމަށް ޔޫވީގެ ކޯޗު ނަޒީހު ބުންޏެވެ.

"ވިކްޓްރީއަކީ ދެރަ ޓީމެއް ނޫން. އެމީހުން އަރިމަތިން ނަގާ ހުރަސްތައް އަހަރެމެން އެބަޖެހޭ ހުއްޓުވަން. ވިކްޓްރީ އެންމެ ފަހުން ކުޅުނު މެޗުގައިވެސް އަރިމަތިން ނަގާ ހުރަސްތައް ވަރަށް ނުރައްކާ. އަދި އީގަލްސް އަތުން ވިކްޓްރީ ބަލިވީ މެޗުގައި ވިކްޓްރީ ބަލިވެފައިވަނީ ނުކުޅުވިގެން ނޫން، އެޓީމް ބަލިވީ ފިޓްނަސް ނެތިގެން. ޔޫވީގެ ކުޅުންތެރިން ކޮންމެ މެޗަކަށްވެސް ނިކުންނާނީ ފައިނަލް މެޗެއް ކަހަލަގޮތަކަށް ދެކިގެން. ކުރިން މެޗުން މޮޅުވުމުން ލިބުނު އިތުބާރު، މިމެޗުގައި ވަރަށް ބޮޑަށް ބޭނުން ކުރެވޭނެ." ކުރީގެ ޤައުމީ މިޑްފީލްޑަރ ބުންޏެވެ.

ވިކްޓްރީގެ ކޯޗް ލާޒްލޯ ކިސް ބުނީ އީގަލްސް އަތުން ބަލިވީ ނުކުޅެވިގެން ނޫންކަމަށާއި، ޓީމްގައި ފިޓްނަސްގެ މައްސަލަ ވަރަށް ބޮޑުކަމަށެވެ. ޔޫވީއަކީ ވަރަށް ނުރައްކާތެރި ޓީމެއްކަމަށާއި، ޔޫވީގެ މެދުތެރެ ވަރަށް އޯގަނައިޒްކަމަށް ކިސް ބުންޏެވެ. އީގަލްސް މެޗަށްފަހު ލިބުނު ދުވަސްކޮޅުގައި ޓީމްގެ ފިޓްނަސް ރަނގަޅު ކުރުމަށް މަސައްކަތް ކޮށްފައިވާނެކަމަށްވެސް ކިސް ބުންޏެވެ.

"ޔޫވީގެ މެދުތެރެ ވަރަށް އޮގަނައިޒް، އެޓީމް އެންމެ ފަހުން ކުޅުން މެޗުގައިވެސް އެކަންވަނީ ވަރަށް ބޮޑަށް ފާހަގަކުރެވިފަ. މެދު ތެރެއަށް ކުޅެމުންދާ ކުޅުންތެރިން ވަރަށް ބޮޑަށް ޓީމް ލައްވާ ކުޅުވުމަށް މަސައްކަތް ކުރާކަން ފާހަގަކުރެވޭ. އެކަންތަކަށް އަހަރެމެން ޖެހޭނެ ވަރަށް ބޮޑަށް ބަލަން އެދި އެކަން ހުއްޓުވަންވެސް ޖެހޭނެ. މިއީ ވިކްޓްރީއަށް ވަރަށް މުހިންމު މެޗެއް. ޖެހިޖެހިގެން ދެ މެޗުން ބަލިވުމަކީ އިތުރު ޕްރެޝަރެއް ކުރިމަތިވާނެކަމެށް." ކިސް ބުންޏެވެ.