ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އެންއައިސީއަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަޙުމަދު ސުލައިމާން ޢައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ކުރިން އިލެކްޝަންސް ކޮމިޝަންގެ ރައީސްކަން ކުރެއްވި ސުލައިމާން އެންއައިސީއަށް ޢައްޔަން ކުރަން މަޖިލީހުން މިއަދު ފާސްކުރީ މިއަދުގެ ޖަލްސާގައި ބައިވެރިވި 32 މެމްބަރުންގެ ވޯޓުންނެވެ.
މިނިވަން މުއައްސަސާތަކަށް އައްޔަން ކުރައްވާ ބޭފުޅުންނަކީ ގާބިލް ބައެއް ކަމަށް ކޮމިޓީން ކަނޑައަޅަނީ މާކްސް ދިނުމުން އެވްރެޖް 75 ޕަސެންޓް އަށް ވުރެ މަތިން މާކްސް ލިބޭ މީހުންނެވެ. ކޮމެޓީ ރިޕޯޓުގައިވާ ގޮތުގައި ސުލައިމާނަށް 75.89 ޕަސެންޓް މާކުސް ވަނީ ލިބިވަޑައިގެންފައެވެ. ސުލައިމާނަށް އެ ވަރަށް މާކުސް ލިބިވަޑައިގަތީ އޭނާގެ ތަޢުލީމާއި ތަމްރީނާއި މަސައްކަތުގެ ތަޖުރިބާ އާއި ޤާބިލުކަމާއި ހުނަރަށް ބެލުމަށް ފަހުއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަޤާމުގައި ހުންނެވުމަށްފަހު ސުލައިމާން އެ މަޤާމުން އިސްތިއުފާ ދެއްވީ މިދިޔަ ޖެނުއަރީ މަހުގެ 31ވަނަ ދުވަހުއެވެ. ނަމަވެސް ސުލައިމާން އެ މަޤާމުން އިސްތިއުފާ ދެއްވި ސަބަބެއް އޭނާ ހާމައެއް ނުކުރައްވައެވެ.
އެންއައިސީގެ މެމްބަރ ކަމަށް ސުލައިމާން ޢައްޔަން ކުރެއްވުމަށް މަޖިލީހުން ފާސްކުރެއްވީ ކުރިން އެ މަޤާމުގައި ހުންނެވި ޔޫސުފް މާނިޢު އެ މަޤާމުން ވަކިކުރުމުންނެވެ.
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން އެކުލެވިގެންވަނީ ފުލުހުންނާއި އިމިގުރޭޝަންގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަދި މޯލްޑިވްސް ކަސްޓަމްސް ސާވިސް ހިމެނޭގޮތަށެވެ. އެ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޤާާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަަފުން ކުރާ ޤާާނޫނާ ޚިލާފު ޢަމަލުތައް ބަލާ ތަހުޤީޤު ކުރުމާއި، އެފަދަ ޢަމަލުތަކަށް ކުރެވޭ ތުހުމަތުތައް ބަލައި ތަހުޤީޤުކުރުމެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރާއްޖެ އިން ޖަޕާނަށް ކަނޑައަޅާ ސަފީރުގެ ގޮތުގައި އިބްރާހިމް އުވައިޝް އަށް ރުހުން ދިނުމަށްވެސް ވަނީ ފާސްކޮށްފައެވެ. އޭނާ އެ މަޤާމަށް ޢައްޔަން ކުރެއްވުމަށް ފާސްކުރެއްވީ 31 މެމްބަރުންގެ ވޯޓުންނެވެ. ރައީސް އޮފީހުގެ ފަސްޓް ސެކްރެޓަރީގެ މަގާމާއި އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމާއި އެސިސްޓަންޓް ޑިރެކްޓަރުކަން ކުރައްވައިފައިވާ އުވެއިޝަކީ މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީގެ ފަސްޓް ސެކްރެޓަރީ ކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
މިއަދުގެ ޖަލްސާގައިވެސް އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެވަޑައެއް ނުގަންނަވައެވެ.