ކުޅިވަރު

ނިއު ހުރިހާ ތަށްޓެއް ނަގާތަން ބަލާކަށް ނުތިބެވޭނެ - ސުޒޭން


ހުރިހާ ތަށްޓެއް ނިއުރޭޑިއަންޓް ނަގަން ފުރުސަތު ނުދޭނެކަމަށް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ. 

މިއަހަރު އެންމެ ވަރުގަދަކޮށް އަދި ޤައުމީ ޓީމްގެ އެންމެ ގިނަ ކުޅުންތެރިންނާއި އެކު ނިކުމެފައިވަނީ ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބެވެ. މިހާރު ފުރަތަމަ ޑިވިޝަންގެ ކުލަބްތަކުގައި މަސައްކަތްކުރާ ދިވެހި ކޯޗުންގެ ތެރެއިން އެންމެ ތަޖްރިބާކާރު ކޯޗު އަލީ ސުޒޭން ބުނީ ނިއުއަކީ ވަރުގަދަ ޓީމެއްކަން އެންމެނަށްވެސް އިނގޭކަމަށެވެ. އަދި މިއަހަރުގެ ހުރިހާ ތަށްޓެއް ހޯދަން ނިއުއިން އަމާޒު ހިފާފައި ވިޔަސް އެފުރުޞަތު ނުދޭނެކަމަށް ސުޒޭން ބުންޏެވެ. މީގެކުރިންވެސް އާދައިގެ ޓީމްތައް ގޮވައިގެން ނިކުމެ ތަށި ހޯދާފައި ހުންނެކަމަށާއި، މިއަހަރުވެސް ގްރީންއާއެކު ތަށްޓެއް ނަގާނެކަމަށް ސުޒޭން ބުންޏެވެ. އެހެން ޓީމްތައްވެސް މިއަހަރު ހުސްއަތާ ނިންމާލަން ބޭނުން ނުވާނެކަމަށާއި، ގްރީން ސްޓްރީޓްސްގައި މާގިނަ މަޝްހޫރު ކުޅުންތެރިން ނެތްނަމަވެސް ގްރީން ބަލިކުރަން އުނދަގޫވާނެކަމަށާއި، ގްރީންއިންވެސް މިއަހަރު ރަނގަޅު ވާދައެއް ކުރާނެކަމަށް ކޯޗް އަލީ ސުޒޭން ބުންޏެވެ.

"މިއަހަރު އެންމެ ވަރުގަދައީ ނިއުކަން އެންމެންނަށްވެސް އިނގޭ. ކުޅުންތެރިންގެ ގޮތުންނާއި ކުލަބްގެ މާލީ ހާލަތަށް ބެލިނަމަވެސް އެކަން ވަރަށް ރަނގަޅަށް އިނގޭ. މިގޮތަށް މިކަން އޮތްނަމަވެސް އެހެން ޓީމްތައްވެސް ކުރަނީ މަސައްކަތް، ނިއުވެސް ކުރާނީ މަސައްކަތް. ހުރިހާ ތަށްޓެއް ނިއު ނަގާތަން ބަލާކަށް ނުތިބެވޭނެ. އެހެންވެއްޖެނަމަ، އަހަރެމެން އެހެން ޓީމްތަކަށް ކޯޗުކޮށްދިނުމުގެ ބޭނުމެއްނެތް. އެކަން ވިއަކަ ނުދޭނަން، މިއަހަރު ގްރީންއިންވެސް ތަށްޓެއް ނަގާނެ." މިދިޔަ އަހަރު ވިކްޓްރީއާއި ތިނަދޫއަށް އިރުޝާދުދިން ކޯޗު ބުންޏެވެ.

މިއަހަރުގެ މާލޭ ލީގުގައި ގްރީން ވަނީ ފުރަތަމަ މެޗުގައި ވަރުގަދަ މާޒިޔާ އަތުން ޕޮއިންޓެއް ހޯދާފައެވެ.