ކުޅިވަރު

ޓީސީއަށް ލައިބީރިޔާގެ ފޯވާޑެއް ގެންނަން ނިންމައިފި


ޓީސީން ލައިބީރިއާގެ ފޯވާޑެއް ގެންނަން ނިންމައިފިއެވެ. 

މީގެ ކުރިން ޔޫރަޕްގެ އެކި ލީގު ތަކުގައި ކުޅެފައިވާ ލައިބިރިއާގެ ޑިއޯ ވިލިއަމްސް ޓީމާއި މި ހަފްތާ ތެރޭގައި ގުޅޭނެކަމަށް ޓީސީން މައުލޫމާތުދެއެވެ. ޓީސީގެ ކޯޗު މުޙައްމަދު ނިޒާމް ބުނީ އެޓީމުން ސީޒަން ފެށިއިރު ގެނައި ފޯވާޑް ނައިޖީރިއާގެ ޕީޓަރ ކޮލަވޯލޭ ފޮނުވާލަން ނިންމާފައިވާކަމަށާއި، ލީގުގައި ކުރިއަށް އޮތް މެޗުގެ ކުރިން ފޯވާޑް ވިލިއަމްސް ޓީމާއި ގުޅޭނެކަމަށެވެ.

 31 އަހަރުގެ ވިލިއަމްސް އެންމެ ފަހުން ކުޅެފައިވަނީ ސްވިޑެންގެ ދެވަނަ ޑިވިޝަން ކުލަބެއްކަމަށްވާ ހެލްފަށެވެ. މީގެ އިތުރުން ވިލިއަމްސްވަނީ ރަޝިޔާ އަދި ޑެންމާކުގެވެސް ބައެއް ކުލަބުތަކަށް ކުޅެފައެވެ. ޓީސީއަކީ ވިލިއަމްސް ކުޅޭ އޭޝިޔާގެ ފުރަތަމަ ކުލަބެވެ. ލައިބީރިއާގެ ޤައުމީ ޓީމަށް ވިލިއަމްސް  ކުޅެދިން 27 މެޗުގައި އޭނާ ވަނީ ދިހަ ގޯލް ޖަހައިދީފައެވެ.

 ޤައުމީ ޓީމުގެ ޖާރޒީގައި ވިލިއަމްސްވަނީ ވޯލްޑްކަޕް ކޮލިފައިންއާއި، އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކޮލިފައިންވެސް ކުޅެފައެވެ. ވިލިއަމްސްގެ އިތުރުން ޓީސީގައި ހިމެނޭ އަނެއް ތިން ބިދޭސީ ކުޅުންތެރިންނަކީ މިސްރުގެ ޑިފެންޑަރ އަލާ ނާސިރު، ކިރްގިސްތާންގެ މިޑްފިލްޑަރ ވްލާސިޗޭވް އެނަޓޯލީ އަދި ބެލަރޫސްގެ ގޯލްކީޕަރު ދިމިތްރީ އަސްނިންއެވެ. މި ކުޅުންތެރިންގެ ތެރެއިން ދިމިތްރީ ޓީސީއަށް ކުޅެދިން ފުރަތަމަ މެޗުގައި އޭނާގެ އަތްވަނީ ބިންދައިގެން ގޮސްފައެވެ. އަނިޔާއިން ރަނގަޅުވެ އޭނާ މިހާރު އަންނަނީ ޓީސީގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ.