ޚަބަރު

ރާއްޖެއާއި އީޔޫއާ ދެމެދު އޮންނަ ގުޅުމަށް ބުރުލެއް ނާރާނެ - ޝިއާން


ސަރުކާރުން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރުމަށް ނިންމި ނިންމުމަށް ވިލާތުގެ އިއްތިހާދުން ތާޢީދުކުރާކަން އެ އިއްތިޙާދުން ހާމަކޮއްފިއެވެ. ވިލާތުގެ އިއްތިހާދުން މިފަދައިން ހާމަކޮއްފައި މިވަނީ ދިވެހި ސަރުކާރުން މިވާހަކަށް އިދިކޮޅު ފަރާތްތަކަށް ދެފަހަރެއްގެ މަތިން ދަޢުވަތު ދެއްވާފައިވަނިކޮށެވެ.

އެގޮތުން ވިލާތުގެ އިއްތިހާދުގެ ފޮރިން އެފެއަރސް ކައުންސިލުން ނެރެފައިވާ ބަޔާނެއްގައިވަނީ ރާއްޖޭގައި ސުލްޙަމަސަލަސްކަން ޤާޢިމުކުރުމަށް މަޝްވަރާގެ މަގު އިސްކުރުމަށް ގޮވާލައިފައެވެ. މިކަމާއި ގުޅޭގޮތުން ޕީއެސް.އެމް ނިއުސްއަށް ދެއްވި ޚާއްޞަ ބަސްތީގަތުމެއްގައި ރާއްޖެއިން ވިލާތުގެ އިއްތިހާދަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ޝިއާން ވިދާޅުވީ، މި ބަޔާން ނެރެފައިމިވަނީ ވަކި ޚާއްޞަ ބައްދަލުވުމަކުން ނޫންކަމަށާއި މިއީ އެ އިއްތިހާދުގެ ފޮރިން އެފެއަރސް ކައުންސިލުން ބޭއްވި ޢާންމު މަޖިލީހަކުން ނެރުނު ބަޔާނެއްކަމަށެވެ. މީގެ އިތުރުން ޝިއާން ވަނީ އެ އިއްތިހާދުން އެދިފައިވާ ގޮތަށް ދިވެހި ސަރުކާރުންވެސް އެދެނީ ރާއްޖޭގައި އިޢުލާން ކޮއްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލުމަށާއި މިސަރުކާރަކީ ރައްޔިތުންގެ ސަލާމަތާއި ޤައުމުގެ އަމާންކަން އެހެން ހުރިހާ ކަމަކަށްވުރެ އިސްކުރާ ސަރުކާރެއްކަން ހާމަކުރައްވާފައެވެ.

އަދި އޭނާ ވިދާޅުވީ ވިލާތުގެ އިއްތިހާދާއި ރާއްޖެއާދެމެދު އޮންނަ ގުޅުން ސިޔާސީ ދާއިރާގެ އިތުރުން ތަފާތު އެކި ދާއިރާތަކުން ބަދަހި ވަމުންދާ ކަމަށެވެ.

އަދި ވިލާތުގެ އިއްތިހާދުގެ މިނިންމުމުގެ ސަބަބުން އެ އިއްތިހާދާ ރާއްޖެއާއި ދެމެދު އޮންނަ ގުޅުމަށް އެއްވެސް ބުރުލެއް ނާރާނެކަމުގެ ޔަޤީންކަން އެމެބެސެޑަރ ޝިއާން ދެއްވިއެވެ.