މޯލްޑިވިއަން ބްލަޑް ސަރވިސްއާ ދަމާސް ކުންފުނި ގުޅިގެން ލޭ ހަދިޔާކުރުމުގެ ޙަރަކާތެއް ބާއްވައިފއެވެ.
މިއީ ދަމާސް ކުންފުނީގެ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޙަރަކާތެެކެވެ.
ދަމާސް ކުންފުނީގެ ޖެނެރަލް މެނޭޖަރ އަބްދުﷲ އާދަމް ވިދާޅުވީ، ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމުގައި، މުޖުތަމަޢުގައި ލޭ ބޭނުންވެފައި ތިބި މީހުންނަށް ލޭ ހަދިޔާކުރުމަށް އެކުންފުނީގެ ސަތޭކައަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވާނެ ކަމަށެވެ.
'' 120 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވާނެ ލޭ ހަދިޔާ ކުރަން، އޭގެ ތެރޭގައި ކުންގުނީގެ މުވައްޒަފުންނާއި އެމީހުންގެ ފެމިލީ މެމްބަރުންނާއި، ދަމާސްގެ ބައެއް ކަސްޓަރަމުންވެސް ހިމެނޭ. ލެއަކީ ގަންނަން ލިބޭ އެއްޗެއްގެ ބަދަލުގައި ހިލޭ ލިބޭ އެއްޗެއްްގެ ގޮތުގައި މުޖުތަމައު ޙޭލުންތެރިކުރުވުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކެނީ'' ދަމާސް ކުންފުނީގެ ޖެނެރަލް މެނޭޖަރ އަބްދުﷲ އާދަމް ވިދާޅުވިއެވެ.
މޯލްޑިވިއަން ބްލަޑް ސަރވިސް ހިންގެވުމާ ޙަވާލުވެ ހުންނެވި އަޙުމަދު ނަޔާޒް ވިދާޅުވީ، އެސެންޓަރަށް ހަފްތާއަކު 150 ޔުނިޓުގެ ލޭ ބޭނުންވާ ކަމަށާއި ލޭ ހަދިޔާ ކުރުމަށް ސަރުކާރު ކުންފުނިތަކާ އަމިއްލަ ކުންފުނިތަކުން އިސްނަގައިގެން ކުރަމުން އަންނަ މަސައްކަތް ފާހަކުރައްވާ ކަމަށެވެ.
'' ދަމާސް އިން 120 އަށްވުރެ ގިނަ މުވައްޒަފުން ލޭ ހަދިޔާ ކުރާ ވާހަކަ އެބޭފުޅުން ވިދާޅުވީ، މޯލްޑިވިއަން ބްލަޑް ސަރވިސް އަށް ހަފްތާޔަކު އެބަ ބޭނުންވޭ 150 ޔުނިޓުގެ ލޭ. އެއީ ހަމައެކަނި މާލޭގައި ތިބި ލޭ އަޅާ ތެލެސީމިއާ ކުދިންނަށް އެކަނި. ލޭ ހަދިޔާ ކުރުމުގައި ސަރުކާރުގެ ކުންފުނިތަކާއި. އަމިއްލަ ކުންފުނިތަކުން އިސްނަގައިގެން ކުރަމުން އަންނަ މަސައްކަތް އަޅުގަނޑު ފާހަގަކޮށް ޝުކުރު ދަންނަވަން، ޚާއްސަކޮށްގެން ދަމާސް ކުންފުންޏަކީ ލޭ ހަދިޔާ ކުރުމުގެ އިތުރުންވެސް އެމްބީއެސް އެކި ގޮތް ގޮތުން އެހީތެރިވެދޭ ކުންފުންޏެއް އެކަމަށް ޝުކުރު އަދާ ކުރަން''
ދަމާސް ކުންފުނީގެ ބައެއް މުވައްޒަފުން ބުނީ، ލޭ ހަދިޔާ ކުރުމުގެ ފުރުޞަތު ލިބުނީތީ އުފާ ކުރާ ކަމަށާއި މިއީ އިންސާނިއްޔަތަށްޓަކާއި ކުރެވޭ މާތް ސަދަޤާތެއްގެ ގޮތުގައި ދެކޭކަމަށެވެ.
ލޭ ހަދިޔާ ކުރުމުގެ ޙަރަކާތް މިއަދު ހަވީރާ ހަމައަށް ކުރިއަށް ދާނެ ކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސް އިން ވިދާޅުވެއެވެ.