ޚަބަރު

ރޭގަނޑު 10:30ގެ ފަހުން މަގުތަކަށް އެއްވުން މަނާކޮށްފި


މިރެއިން ފެށިގެން ރޭގަނޑު 10:30ގެ ފަހުން މާލޭގެ އެއްވެސް ސަރަހައްދަކަށް އެއްވުމުގެ ފުރުޞަތު ނުދޭނެކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ކޮންމެ ރެއަކު މާލޭގެ އެއް ސަރަހައްދަކަށް އެއްވެ އަޑުގަދަކޮށް ޢާއްމުރައްޔިތުންނަށް ދަތިވާގޮތަށް ބަޔަކު ޢަމަލުކުރަމުންދާކަމުގެ ޝަކުވާތައް ފުލުހުންނަށް ކެނޑިނޭޅި ލިބެމުންދާކަމަށެވެ. އަދި ބައެއް ފަރާތްތަކުން މާލޭގެ މަގުތަކަށް ނުކުމެ މަގުތަކުގައި ހިނގާބިގާވެ އުޅޭ މީހުންނަށް ދަތިވާފަދަ އަމަލުތައް ހިންގަމުންދާކަމަށާއި، މަގުތަކުގައި ދުވެ އަޑުގަދަކޮށް ބިރުވެރިކަން އުފެދޭގޮތަށް ޢަމަލުކުރަމުންދާކަމުގެ ޝަކުވާ ލިބެމުންދާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. 

މީގެ ސަބަބުން ޤައުމުގެ ދާޚިލީ އަމަން ބަލަހައްޓަން ފުލުހުންނަށް ދަތިވާކަމަށާ، އެހެންކަމުން މިރެއިން ފެށިގެން ރޭގަނޑު 22:30 ގެފަހުން މާލޭގެ އެއްވެސް ސަރަހައްދަކަށް އެއްވުމަށް ފުރުޞަތު ނުދޭނެކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. 

ފުލުހުން ބުނީ މިފަދަ އެއްވުންތަކުގައި ސަލާމަތީ ބާރުތަކަށް ފާޅުގައި ހަމަލާދިނުމާއި އެފަދަ އަމަލުތައް ހިންގުމަށް ހިއްވަރުދިނުންފަދަ ކަންކަން ކުރަމުންދާކަމަށެވެ. އަދި އެއްވުންތަކުގައި ކާކުކަން ނޭގޭގޮތަށް މޫނު ނިވާކޮށްގެން ތިބޭ މީހުން ހަރަކާތްތެރިވަމުންދާކަންވެސް ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި މިފަދަ ޣައިރު ޤާނޫނީ ޢަމަލުތަކެއް ހިންގުމަށް ފުރުޞަތު ނުދޭނެކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. މިކަމުގައި ވަކި ފަރާތެއް އިސްތިސްނާ ނުކުރާނެކަމުގެ ޔަޤީންކަންވެސް ފުލުހުން ވަނީ ދީފައެވެ.