ޚަބަރު

އީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި


އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުއްވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސް އޮފީހުން އަލުން ހުޅުވާލާފައިވަނީ މިދިޔަ މަހުގެ އެއްތިރީސްވަނަ ދުވަހު އެކޮމިޝަނަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމުން އެކަށީގެންވާ އަދަދަކަށް އެމަޤާމަށް މީހުން ކުރިމަތިލާފައި ނުވާތީ ކަމަށެވެ. އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް މިއަދު ހުޅުވާލި ފުރުޞަތު ހަމަވާނީ އަންނަ މާޗްމަހުގެ އެއްވަނަ ދުވަހުކަމަށް ރައީސް އޮފީހުން މަޢުލޫމާތުދެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސް އޮފީހުން ހުޅުވާލާފައިވަނީ އެ ކޮމިޝަނުގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި އަޙްމަދު ސުލައިމާން، މިދިޔަ ޖެނުއަރީމަހުގެ އެއްވަނަ ދުވަހު އެ މަޤާމުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.

އިލެކްޝަން ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށާއި ދަރަނީގެ ރެކޯޑް ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް، www.presidencymaldives.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.