ކުޅިވަރު

އޮފީސް ޓީމް ބަލިވިޔަސް، ޝިއުރާ ފިރިމީހާ ރަށު ޓީމް މޮޅުކޮށްދީފި!


އޮފީސް ޓީމް ބަލިވި ނަމަވެސް، ފިރިމީހާގެ ރަށު ޓީމް މޮޅުކޮށްދީ، އެމްބީއޭ ޗެމްޕިއަންޝިޕްގެ ފައިނަލަށް ގެންގޮސްދިނުމުގައި އައިމިނަތު ޝިއުރާ މުޙިއްމު ދައުރެއް އަދާކޮށްފިއެވެ. 

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯޅަ މުބާރާތުގެ ފައިނަލުން ބަލިވުމާއެކު، ރޭ ޝިއުރާ ވަނީ އެމްބީއޭ ޗެމްޕިއަންޝިޕްގައި މަހިބަދޫ ޖިބިއްލާ ސްޕޯރޓްސް ކްލަބް މޮޅުކޮށްދީ ސެމީފައިނަލަށް ގެންގޮސްދީފައެވެ. މެޗުގެ ތިންވަނަ ކްއާޓަރގައި ކުޅެން ނިކުމެ، ޝިއުރާ ވަނީ ސާދަ ޕޮއިންޓް ހޯދައިދީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމްވެސް ހޯދާފައެވެ. ރެޑްވިންގްސްއާއި ވާދަކޮށް ޤައުމީ ޓީމްގެ ފޯވާޑް އަދި ޝިއުރާގެ ފިރިމީހާގެ އާއިލާގެ މެމްބަރުން ހިންގާ ކްލަބް މޮޅުވީ 49-39 ޕޮއިންޓުންނެވެ. ޝިއުރާގެ އިތުރުން އައިމިނަތު ނަޒްރާވެސް ރޭ ޖިބިއްލީ ޓީމަށް ކުޅުނީ ހޭންޑްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ކުޅުމަށްފަހުއެވެ. މީގެއިތުރުން އައިޝަތު ނާޒިމާއާއި ހުސްނާ މުޙައްމަދުވެސް ހޭންޑްބޯޅަ ފައިނަލަށްފަހު ޖިބިއްލީ ޓީމާ ގުޅުނެވެ. ނަމަވެސް އެދެކުޅުންތެރިން ތިބީ ބެންޗްގައެވެ. މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލްގެ ދެވަނަ ޖާގަ ހޯދީ ސައިކްލޯން ބާސްކެޓްބޯޅަ ކްލަބެވެ.

ސައިކްލޯން ބާސްކެޓްބޯޅަ ކުލަބް ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލްގައި ބެންޗް ސްޕޯޓްސް ކުލަބާއި ވާދަކޮށް 98 ޕޮއިންޓްގެ ބޮޑު ތަފާތަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގެ ހަތަރު ކުއާޓާރ ނިމުނުއިރު ސައިކްލޯންއިން ވަނީ 106 ޕޮއިންޓް ހޯދާފައެވެ. މެޗުގައި ބެންޗް ސްޕޯޓްސް ކުލަބްއަށް ހޯދުނީ 8 ޕޮއިންޓެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ސައިކްލޯންގެ ރާއިފާ އިބްރާހީމްއެވެ. ރާއިފާ ވަނީ ސައިކްލޯންއަށް 28 ޕޮއިންޓް ހޯދާދީފައެވެ. 

މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލް ކުޅޭނީ އަންނަ އަންގާރަ ދުވަހުގެ ހަވީރުއެވެ. މިއަދާއި މިރޭ ކުޅޭނީ ފިރިހެން ޑިވިޝަންގެ ސެމީފައިނަލެވެ.