ކުޅިވަރު

އީގަލްސްއަށް ހަފްތާއެއް ބޭނުން، ވިކްޓްރީ ތައްޔާރެއްނޫން!


މިއަދު އެސްޓީއޯ މާލޭ ލީގު ފަށާއިރު އީގަލްސްއާއި ވިކްޓްރީވެސް އެންމެ ރަނގަޅަށް ތައްޔާރު ނުވާކަމަށް އެދެޓީމުންވެސް ބުނެފިއެވެ.

 ނަމަވެސް މީގެތެރެއިން އީގަލްސްއިން ބުނީ ސްކޮޑާއި، ތައްޔާރުވުންތަކާއި، ކުޅުންތެރިންގެ މަސައްކަތާއި، މެނޭޖްމަންޓްވެސް ހުރީ ހިތްވަރަޖެހޭ ފެންވަރެއްގައިކަމަށެވެ. އިތުރަށް ހަފްތާއެއް ލިބުނު ނަމަ ފުރިހަމައަށް ތައްޔާރުވެވުނީސްކަމަށް ކޯޗު މުޙައްމަދު ޝިޔާޒު މޯހަން ބުންޏެވެ. އީގަލްސްގައި އޮތީ މަސްހުނި ރަނގަޅު ސްކޮޑެއްކަން ފާހަގަކުރަމުން މޯހަން ބުނީ އީގަލްސް ދޫކޮށް ދިޔަ ކުޅުންތެރިންނަށް ވުރެއް ރަނގަޅު ކުޅުންތެރިން ޓީމާ ގުޅިފައިވާކަމަށެވެ. ކުލަބް އީގަލްސްއަށް ގުޅިފައިވާ ކުޅުންތެރިންގެ ތެރެއިން އެންމެ ތަޖްރިބާކާރު ކުޅުންތެރިއަކީ މުހައްމަދު އާރިފް (ބަކާ)އެވެ. މޯހަން ބުނީ ބަކާގެ ތަޖުރިބާގެ ބޭނުން މިއަހަރު އީގަލްސްއިން ވަރަށް ބޮޑަށް ހިފާނެކަމަށާއި، ލީގުގެ ގަދަ ހަޔަކަށް އެރުމަށް ހުރިހާ ކުޅުންތެރިން ގުޅިގެން މަސައްކަތް ކުރުން ވަރަށް މުހިންމުކަމަށެވެ.

"ލީގުގެ ގަދަ ހަޔަކަށް އެރުން އެއީ އެންމެ ފުރަތަމަ އަމާޒަކީ. އެންމެ ފަހު މެޗާ ހަމައަށް ދަންދެން ގަދަ ހައެއް ޔަޤީން ކުރުމަށްވުރެ ބޮޑަށް، ވީހާވެސް އަވަހަކަށް އެކަން ކުރުން ވަރަށް މުހިންމު. ކުރީބައިގައި ގަދަ ހައެއް ޔަޤީން ވެއްޖެނަމަ، ފަހު މެޗުތަކުގައި ޒުވާން ގިނަ ކުޅުންތެރިންނަށް ފުރުސަތު ދެވޭނެ. ހަމަ މިގޮތަށް ގަދަ ހަޔަކަށް އެރުމުން ނިމުނީކީނޫން، ބަލާނީ ފުރަތަމަ ގަދަ ހައެއް. އެއަށްފަހު ވީހާވެސް މައްޗަކަށް ދެވޭތޯ." މޯހަން ބުންޏެވެ.

ވިކްޓްރީ ސްޕޯޓްސް ކުލަބް ކޯޗް ލާސްލޯ ކިސް ބުނީ އީގަލްސްއާ ދެކޮޅަށް ނިކުންނައިރު ޓީމް އޮތީ އެންމެ ރަނގަޅު ހާލަތެއްގައި ނޫންކަމަށެވެ. ޓީމް އެކުލަވާލުމުގައިވެސް ދަތިތަކެއް އެބަހުރިކަމަށާއި، އަދި ވިކްޓްރީ މުޅި ޓީމް އެއްކޮށް ހަމައަކަށް އެޅުވުމަށް ވަގުތު ބޭނުންވާކަމަށް ކިސް ބުންޏެވެ. އީގަލްސްއަކީ ވަރުގަދަ ޓީމެއްކަމަށާއި، ވިކްޓްރީން އީގަލްސްއާއި ދެކޮޅަށް ނިކުންނާނީ ވަރަށް ވިސްނައިގެންކަމަށްވެސް ކޯޗް ކިސް ބުންޏެވެ.

"ޓީމް އެއްކޮށް ބިނާ ކުރުމަށް އަދި ވަގުތު ބޭނުންވޭ. މިހާރުވެސް ހެނދުނު ބާއްވާ ފަރިތަކުރުންތަކަށް ވަރަށް މަދު ކުޅުންތެރިންތަކެއް އަންނަނީ. ގިނަ ކުޅުންތެރިން އަންނައިރު ހުންނަނީ ވަރަށް ބޮޑަށް ނިދިއައިސްފަ. މެނޭޖްމަންޓުން ބިދޭސީ ކުޅުންތެރިން ގެނެސްދިންކަމަށްޓަކައި އަޅުގަނޑު މެނޭޖްމަންޓަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ސީޒަންގެ ކުރީކޮޅު މާ ރަނގަޅު ނުވިނަމަވެސް، ފަހުން ވިކްޓްރީ ތަފާތުވާނެ." ކިސް ބުންޏެވެ

ވިކްޓްރީގެ ކޯޗް ބުނީ މިއަހަރުގެ ސީޒަންގައި ކުޅުންތެރިންގެ ގޮތުން އެންމެ ވަރުގަދައީ ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބާއި މާޒިޔާކަމަށެވެ. އަދި އީގަލްސްއާއި ޓީސީގައިވެސް ތީބީ ވަރަށް މޮޅު ކުޅުންތެރިންކަމަށެވެ.

އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ކުޅޭ މެޗާއި، މިރޭ ކުޅޭ މެޗުވެސް ޔެސް ޓީވީން ވަގުތުން ދައްކާނެއެވެ. އަދި މެޗު ހިނގަމުންދާގޮތް ދިވެހިރާއްޖޭގެ އަޑުން ދުރަށް ފޮނުވާނެއެވެ.