މުނިފޫހިފިލުވުން

ޕިއާނޯ ރައުންޑަށް ދަތުރުކުރާ 16 ބައިވެރިން ކަށަވަރުވެއްޖެ


މޯލްޑިވިއަން އައިޑަލް ސީޒަން 3 ގެ ޕިއާނޯ ރައުންޑަށް ދަތުރުކުރާ ގަދަ 16 ބައިވެރިން މިރޭ ކަށަވަރު ވެއްޖެއެވެ.

އޯޕަން އޮޑިޝަންތަކުން ޖަޖުންނަށް އެންމެ ކަމުދިޔަ 33 ބައިވެރިންނާއެކު ފެށި ތިއޭޓަރ ރައުންގެ ފުރަތަމަ ޝޯވއިން 10 ބައިވެރިން މި މުބާރާތާއި ވަނީ ވަކިވެފައި. އަދި މިރޭ ދެއްކި ތިއޭޓަރ ރައުންޑްގެ ދެވަނަ ބުރުގައި ގޯލްޑަން މައިކް ޙާޞިލްކުރި ފުރަތަމަ ބައިވެރިޔާކަމަށްވާ އައިމިނަތު ސައިނާ މުހައްމަދު ރަޝީދާއެކު ޖުމްލަ 22 ބައިވެރިންގެ ހުށައެޅުން ފެނިގެންގޮސްފައިވެއެވެ.

މިދިޔަ 2 ސީޒަންގައިވެސް ޕިއާނޯ ރައުންޑަށް ދަތުރުކުރާ ގަދަ 16 ބައިވެރިން އިޢުލާންކޮށްފައިވަނީ ހުރިހާ ބައިވެރިންގެ ހުށައެޅުންތައް ނިމުމުން ޖަޖުންގެ މެދުގައި މަޝްވަރާކުރުމަށް ފަހުގައެވެ. ނަމަވެސް މިރޭގެ ޝޯވގައި ވާދަކުރި 22 ބައިވެރިންގެ ތެރެއިން 4 ބައިވެރިން ގަދަ 16 އިން ޖާގަ ކަށަވަރުކޮށްފައިވަނީ ޕަރފޯމަންސަށްފަހު ސީދާ ގޯލްޑަން މައިކް ޙާޞިލުކޮށްގެންނެވެ.

މިރޭގެ ޝޯވގައި ގޯލްޑަން މައިކް ލިބުނު ބައިވެރިންނަކީ:

- އައިމިނަތު ސައިނާ މުޙައްމަދު ރަޝީދު

- ހަސަން ޝަހުދާން

- އިބްރާހީމް ޝަމީލް

- ރައިހާން އާދަމް

img:http://s1.psmnews.mv/images/660x400/15195014495770.jpg|

ތިއޭޓަރ ރައުންޑުގެ ފުރަތަމަ ބުރުގައި ގްރޫޕް ޕަރފޯމަންސްތަކެއް ފެނިގެންދިޔަ ނަމަވެސް މިރޭގެ ޝޯވގައި ދެވަނަ ބުރަށް ދަތުރުކުރި ކޮންމެ ބައިވެރިއަކުވެސް ލަވަ ހުށައަޅާދީފައިވަނީ ސޯލޯ ޕަރފޯމަންސެކެވެ.

ޕިއާނޯ ރައުންޑަށް ދަތުރުކުރާ ގަދަ 16 ބައިވެރިން މިހާރު ކަށަވަރުވެފައިވާއިރު، މިއަންނަ ހަފްތާގެ ޝޯވތަކާއެކު މި މުބާރާތުގެ ވާދަވެރިކަމާއި، ފޯރި އިތުރަށް ގަދަވެގެންދާނެއެވެ. ސަބަބަކީ ޝޯވގެ ކުރިއަށް ހުރި ބުރުތަކަށް ދަތުރުކުރާނެ ބައިވެރިން ކަނޑައެޅުމުގެ ބާރު ޖަޖުންގެ އިތުރުން ބެލުންތެރިންނަށްވެސް ލިބިގެންދާނެތީ. އަންނަ ހަފްތާގެ ޝޯވތަކާއެކު އެސް.އެމް.އެސް މެދުވެރިކޮށް ވޯޓިންނަށް ހުޅުވާލާނެއެވެ.