ޚަބަރު

ޕާކިންގ މައްސަލަ ހައްލުވާނީ ޕާރކް ކުރާނެ ބިލްޑިންގތަކެއް އިމާރާތްކޮށްގެން





މާލޭގެ ޕާކިންގ މައްސަލަޔަށް ޙައްލު ގެނެވޭނީ މާލޭގައި ޕާރކް ކުރާނެ ބިލްޑިންގތަކެއް އިމާރާތްކޮށްގެން ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރ މުޙައްމަދު ޝިޙާބު ވިދާޅުވެއްޖެއެވެ. 


 
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސިޓީ ކައުންސިލްގެ މޭޔަރު މުޙައްމަދު ޝިޙާބު ވިދާޅުވީ، ޕާކިންގ މައްސަލަ ޙައްލުކުރުމަށް ޕާކިންގ ބިލްޑިންގތަކެއް އިމާރާތް ކުރުން މުހިންމު ކަމަށާއި އެގޮތުން ޕާރކްކުރާނެ ބިލްޑިންގ ތަކެއް އިމާރާތްކުރުމަށް ކުރީގެ ސިޓީ ކައުންސިލުން ނިންމާ އެ ބިލްޑިންގތައް އިމާރާތްކުރާނެ ސަރަޙައްދުތައްވެސް ކައުންސިލުން ކަނޑައެޅި ނަމަވެސް، އެމަސައްކަތް ހުއްޓިފައިވާ ކަމަށެވެ.


 
މޭޔަރު ވިދާޅުވީ، ޕާކިންގގެ މައްސަލައަށް ޙައްލެއް ގެނައުމަށްޓަކައި މާލޭގެ ދަތުރުފަތުރުގެ ނިޒާމުވެސް މިހާރަށްވުރެ ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ. އަދި މިހާރު ދެމުންދާ ބަހުގެ ޚިދުމަތްވެސް އެންމެ ރަނގަޅު ގޮތުގައި ނުދެވޭ ކަމަށާއި ކުރިޔަށް އޮތް ތަނުގައި ސްކޫލް ކުދިންނަށް އަމާޒުކޮށް ކުދި ބަސްތަކެއް ތައާރަފްކުރަން ނިންމާފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.


 
 


ކުރިޔަށް އޮތް ރަމަޟާން މަހަށް ޚާއްސަކޮށްގެން، ޕާކިންގ މައްސަލަޔަށް ވަގުތީ ޙައްލެއް ގެނެއުމަށްޓަކައި މާލޭގެ ބައެއް ސަރަޙައްދުތަކުގައި ޕާރކްކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީއާ މަޝްވަރާކޮށްގެން ކުރުމަށް ނިންމާފައިވާ ކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.