ޚަބަރު

"ވެރިކަން ބަދަލުވާ ވާހަކަ ނެތުމަކީ އުފާވެރި ޚަބަރެއް ނެތުން ނޫން"


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރޭ އިއްވެވި ރިޔާސީ ބަޔާނުގައި އިދިކޮޅު ފަރާތްތަކަށް ވެރިކަން ލިބޭނެ ވާހަކަ ނެތުމަކީ ރިޔާސީ ބަޔާނުގައި އުފާވެރި ޚަބަރުތަކެއް ނެތުން ނޫން ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރ ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ ރިޔާސީ ބަޔާނަކީ ވަކި ގޮތަކަށް ނުވަތަ ވަކި ފޯމެޓަކަށް އޮންނަންޖެހޭ އެއްޗެއް ނޫން ކަމަށެވެ. އަދި ރިޔާސީ ބަޔާނަކީ ވަކި ވަގުތަކަށް ދިގު ދެމިގެންދާން ޖެހޭ އެއްޗެއް ނޫން ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. ރައީސް ޔާމީން ރޭ ދެއްވި ރިޔާސީ ބަޔާނުގައި ރައްޔިތުންނަށް އެއްވެސް އުފާވެރި ޚަބަރެއް ނެތް ކަމަށް ބުނާ ވާހަކަތަކަށް ރައްދު ދެއްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ އެފަދައިން ބައެއް ބޭފުޅުން ވިދާޅުވާތީ އެކަމާ ހައިރާންވެވަޑައިގަންނަވާ ކަމަށެވެ. އަދި ރައީސް ޔާމީން އިއްވެވި ރިޔާސީ ބަޔާނުގައި ރައްޔިތުންނަށް އުފާވެރި އެއްވެސް ޚަބަރެއް ނެތްކަމަށް ވިދާޅުވަމުން ގެންދަވަނީ ދިވެހިންކަމާއި މެދު ޝައްކުވާ ކަމަށް އޭނާ ވިދާޅުވިއެވެ.



"މުޅި ދުނިޔޭގައިވެސް އަލަށް ޓެބްލެޓް ދީގެން ސްކޫލު ކުދިންނަށް ކިޔަވާ ދިނުން އެއީ އުފާވެރި ޚަބަރެއްތޯ؟ 9000 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަމުންދާ ވާހަކަ އެއީ އުފާވެރި ޚަބަރެއްތޯ؟ އިދިކޮޅު ފަރާތްތަކަށް ވެރިކަން ލިބޭ ވާހަކަ އޮތްތޯ ރިޔާސީ ބަޔާނުގައި. ނެތްދެއްތޯ. އެހެންވެއްޖިއްޔާ އެއީ އެބޭފުޅުން އެ ވިދާޅުވާ އުފާވެރި ޚަބަރަކީ. އެވާހަކައެއް ނެތް" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ރިޔާސީ ބަޔާން އިއްވި ޖަލްސާއަށް ވަޑައިގަތް މެމްބަރުންގެ އަދަދަށް އިދިކޮޅު ފަރާތްތަކުން ފާޑުވިދާޅުވާތީ އެކަމަށް ރައްދު ދެއްވާ ޢަބްދުއްރަޙީމް ވިދާޅުވީ ރިޔާސީ ބަޔާން އިއްވާ ޖަލްސާއަށް ވަކި ޢަދަދަކަށް މެމްބަރުން ހާޒިރުވުމަކީ އޮންނަ ކަމެއް ނޫން ކަމަށެވެ. ކޯރަމް ހަމަވާ ވަރަށް މެމްބަރުން ހަމަވެއްޖެނަމަ ރިޔާސީ ބަޔާން އިއްވޭނެކަން އޭނާ ފަހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުން ބޭއްވި ޚާއްޞަ ދެ ޖަލްސާ ބޮއިކޮޓް ކުރެއްވި މެމްބަރުންނަށް އިޝާރާތް ކުރައްވާ ވާހަކަދައްކަވަމުން ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރ އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސް ކުރުމަށް ބޭއްވި ޖަލްސާ ބޮއިކޮޓް ކުރި އިދިކޮޅު މެންބަރުންނަށް ދައުވާ ކުރަންޖެހޭ ކަމަށެވެ.



"މިމހާތަލަށް ގައުމާއި ދައުލަތް ދިޔަ އިރު، ގައުމަށް ދިމާވާ މިފަދަ މައްސަލަތަކުގައި މެންބަރުންގެ ވަގުތާއި އެއްބާރުލުން ދިނުމަށް އެ މެންބަރުން ތިބީ ހުވާކޮށްފައި، ނަމަވެސް އެ ވާޖިބަށް ހުރަސް އަޅާ އެކަން އަދާ ކުރުމަށް ބައެއް މެންބަރުން ތިބީ ނުކުޅެދިފައި، ވާޖިބު އަދާ ކުރުމަށް ނުކުޅެދިއްޖެ ހާލަތެއްގައި އެ މީހާގެ މައްޗައް ދުސްތޫރީ އުސޫލުތަކެއް ކުރިމަތިއެބަވޭ އެއީ ގާނޫން އަސާސީގެ ބާރު ކަނޑުވާލަން މަސައްކަތް ކުރުން" ނިހާން ވިދާޅުވި އެވެ.

ޕީޕީއެމްއިން ބުނީ އިދިކޮޅު މެމްބަރުން ޖަލްސާއަށް ހާޒިރުވެވަޑައިނުގެންނެވި ނަމަވެސް މަޖިލީހަށް މެމްބަރުން ވަޑައިގެން މެމްބަރުން ސޮއިކުރާ ފޮތުގައި ސޮއިކުރައްވާފައިވާ ކަމަށެވެ.