ސިޔާސީ

މެދުވެރިއެއްގެ ރޯލް އދ އިން އަދާކުރަން ސަރުކާރުން ދެކޮޅެއް ނަހަދާ


ސަރުކާރުން އިސްނަގައިގެން ސިޔާސީ ޕާޓީތަކާއެކު ބާއްވާ މަޝްވަރާތަކުގެ މެދުވެރިއެއްގެ ރޯލް އދ އިން އަދާކުރަން ސަރުކާރުން ދެކޮޅު ހަދާކަމަށް ބުނެ ދެކެވޭ ވާހަކަތައް، މި މަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ އެންމެ އިސް މަންދޫބު، ފިޝަރީޒް މިނިސްޓަރ ޑރ މުޙައްމަދު ޝައިނީ ދޮގުކުރައްވައިފިއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތައް ހައްލުކުރުމަށް ސީޔާސީ ޕާޓީތަކުގެ މެދުގައި ބާއްވާ މަޝްވަރާތަކުގައި އދ ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ދެކޮޅު ހައްދަވާފައިވާކަމަށް ބުނެ ބޭރުގެ ބައެއް މީޑިއާތަކުންނާއި ރާއްޖޭގެ ބައެއް މީޑިއާތަކުން ގެންދަނީ ރިޕޯޓް ކުރަމުންނެވެ.

މި ވާހަތަކަށް ރައްދުދެއްވަމުން ޕާޓީ ޓޯކްސްގައި ސަރުކާރުގެ ފަރާތުން އެންމެ އިސް މަންދޫބެއްގެ ގޮތުގައި ބައިވެރިވެޑައިގަންނަވާ މިނިސްޓަރ ޝައިނީ ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ސިޔާސީ ހަލަބޮލޮލިކަން ނައްތާލުމަށް ޕާޓީތަކުގެ މެދުގައި ބާއްވާ މަޝްވަރާތަކުގައި އދ މެދުވެރިއެއްގެ ރޯލް އަދާކޮށްދިނުމަށް ހުށައެޅުއްވީ ސީދާ ރައީސް ޔާމިންކަމަށެވެ. އަދި ސަރުކާރުގެ އެދުމަށް އދ އިން އެއްބާރުލުން ދީފައިވާކަމަށާއި އެކަމުގައި ސަރުކާރުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދާކަން ޝައިނީ ފާހަގަކުރެއްވިއެވެ. 

މިނިސްޓަރ ޝައިނީ ވިދާޅުވީ ޕާޓީތަކާއެކު މަޝްވަރާކޮށްގެން ވާހަކަތައް ފަށާނެ މާހައުލެއް ޤާއިމުކުރުމަށް އދ އިން އެދިފައިވާކަމަށެވެ. އަދި އެކަމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށާއި މަޝްވަރާތަކަށް ޕާޓީތަކަށް ގޮވާލާފައިވާކަމަށްވެސް މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ. 

ޝަރުތަކާއި ނުލާ މަޝްވަރާތައް ފެށުމަށް އިދިކޮޅު ފަރާތަކަށް ސަރުކާރުން ގޮވަލާފައިވީނަމަވެސް އިދިކޮޅު ފަރާތްތަކުން ދައުވަތު ޤަބޫލުކުރުމުގެ ބަދަލުގައި އެތައް ޝަރުތުތަކެއް މިހާރުވެސް ހުށައަޅާފައިވާކަމަށެވެ. މިނިސްޓަރ ޝައިނީ ވިދާޅުވީ ވާހަކަތަކަށް މޭޒު ދޮށަށް އައުމަށް ގޮވާލުމުން އެކަމަށް އިޖާބަދީފައިވަނީ ހަމައެކަނި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެމްޑީއޭއާއި ޑީއާރުޕީކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާކުރުމަށް ސަރުކާރުން ވަނީ އެތައް ފަހަރަކު އިދިކޮޅު ފަރާތްތަކަށް ދައުވަތު ފޮނުވާފައެވެ. އެހެންމަވެސް އިދިކޮޅޫ ފަރާތްތަކުންވަނީ ގިނަ ޝަރުތަކެއް ހުށައަޅާފައެވެ. އޭގެތެރޭގައި މިމަހުގެ އެއްވަނަދުވަހު ސުޕްރީމްކޯޓުން ނެރުނު އަމުރުގައި ދޫކޮށްލުމަށް ގޮވާލި ކުށްވެރިން ދޫކޮށްލުމާއި ކުއްލި ނުރައްކަލުގެ ހާލަތު އުވާލުން ހިމެނެއެވެ.