ދުނިޔެ

ސޫރިޔާގައި ކުރިއަށްދިޔަ އެއްވުމަކަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް








ސޫރިޔާގެ ރައީސް – ބައްޝާރުލް އަސަދަށް ތާޢިދުކޮށް އެޤައުމުގައި ކުރިޔަށް ދިޔަ އެއްވުމަކަށް އަމާޒުކޮށް ދިން މޯޓަރު ޙަމަލާއެއްގައި ވިއްސަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ. މީގެ ތެރޭގައި ޢާންމުންގެ 11 މީހުން ހިމެނޭކަމަށް ޚަބަރު ލިބެއެވެ. އަދި އޭގެ ތެރޭގައި ކުޑަކުއްޖެއް ހިމެނޭކަމަށްވެސް މަޢުލޫމާތު ލިބެއެވެ.


 
ޙަމަލާ ދީފައިވަނީ ސޫރިޔާގެ ދީރާ އަވަށުގައެވެ. މި  ޙަމަލާ އަމާޒުކުރި އެއްވުމުގައި އަސަދު ބައިވެރިވެވަޑައި ނުގަންނަވާކަމަށް  މަޢުލޫމާތު ލިބެއެވެ.
 
ސީރިއަން އޮބްޒަރވޭޓަރީ ފޮރި ހިއުމަން ރައިޓްސްއިން ބުނީ، މި ޙަމަލާގައި ތިރީހަކަށް މީހުންނަށް އެކިވަރުގެ ޒަޚަމްތައް ލިބިފައިވާކަމަށެވެ.


 
ސޫރިޔާގެ ރައްޔިތުން މިހާރު ތައްޔާރުވަމުންދަނީ އަންނަ މަހުގެ ދެވަނަ ދުވަހު އޮންނަ އެޤައުމުގެ ރިޔާސީ އިންތިޚާބަށެވެ. އަސަދާއެކު މިއިންތިޚާބުގައި ދެން ވާދަކުރައްވަނީ އިތުރު 2 ކެނޑިޑޭޓުންނެވެ. ނަމަވެސް ތިން އަހަރު ފުރި، ހަތަރު ވަނަ އަހަރަށް ގުނަން ފަށާފައިވާ ސޫރިޔާގެ ދާޚިލީ ހަނގުރާމަޔާ އެކުވެސް ކާމިޔާބީ ހޯއްދަވާނީ މިހާރުގެ ރައީސް ކަމަށް މުރާސިލުން ބުނެއެވެ.