ވިޔަފާރި

ބީއެމްއެލްއިން އައްޑޫގައި އިތުރު 2 އޭޓީއެމް ހުޅުވައިފި


ބޭންކް އޮފް މޯލްޑިވްސް އިން އައްޑޫގައި އިތުރު 2 އޭޓީއެމް ޤާއިމްކޮށްފިއެވެ. މި އޭޓީއެމްތައް ހުޅުވާފައިވަނީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެވެ.

މި ދެ އޭޓީއެމް ގާއިމްކޮށްފައިވަނީ އައްޑޫ ސިޓީގެ ގިނަ ރައްޔިތުންތަކެއް ބޭނުންކުރާ ސަރަހައްދުތަކަށްވުމުން، މި އެޓީއެމްތައް މެދުވެރިކޮށް ފަސޭހަކަމާއެކު ފައިސާ ނެގުމުގެ ޚިދުމަތް ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށް އެ ބޭންކުން ބުނެއެވެ. 

މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، އައްޑޫގައި އިތުރު ދެ އޭޓީއެމްގެ ޚިދުމަތް  ފެއްޓުމަކީ އެ ބޭންކަށް ލިބޭ އުފަލެއްކަމަށެވެ. މި އޭޓީއެމްތައް މެދުވެރިކޮށް ދަތުރުވެރިންނަށާއި ހިތަދޫ ހޮސްޕިޓަލަށް ޒިޔާރަތްކުރާ ފަރާތްތަކުގެ އިތުރުން އާއިލާތަކަށް އިތުރުފަސޭހަކަމެއް ލިބިގެންދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

އައްޑޫގައި އަލަށް ހުޅުވުނު އޭޓީއެމްތައް ގާއިމްކޮށްފައިވަނީ މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭންކުން ކުރިއަށް ގެންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުންނެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު އެ ބޭންކުން މިހާރުވެސް ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 95 އޭޓީއެމް ޤާއިމްކޮށްފައެވެ.