ޚަބަރު

ލާމަރުކަޒީ ޤާނޫނަށް ހުށަހަޅާފައި ވަނީ މަޝްރޫޢުތައް އަވަސްވާނެ އިސްލާހެއް: ނިމާލް


  • މަޝްރޫޢުތައް ހިންގުމުގައި ކައުންސިލްތަކުން އެއްބާރުލުން ދޭންވާނެ ކަމަށް ވިދާޅުވި

  • މަޝްރޫޢުތައް ހިންގުމަށް ބިން ނެގުމަކީ ޚިދުމަތްކުރަން އޮތް ހުރަހެއް ނޫން

ތަރައްގީގެ މަޝްރޫޢުތަކަށް ކައުންސިލްތަކުގެ އިހުތިސާސްގައިވާ ބިންތައް ސަރުކާރަށް ނެގޭގޮތަށް ލާމަރުކަޒީ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ރަށްރަށުގައި މަޝްރޫޢުތައް އަވަސްވާނެ އިސްލާހެއް ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ، އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.

ނިމާލް މިހެން ވިދާޅުވީ "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު"އަށް އިސްލާހު ގެނައުމަށް ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުންނެވެ.

މި ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް މެންބަރު ޢަބްދުލްޙަންނާނު އަބޫބަކުރު ވިދާޅުވެފައިވަނީ ސަކާރުގެ ތަރައްގީގެ މަޝްރޫޢުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްގެންދިއުމަށްޓަކައި ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރުން ކުރުން ކަމަށެވެ. އަދި ދައުލަތުގެ މަޝްރޫޢުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާޢަތުތައް ހަރުދަނާކުރުމަކީވެސް މި އިސްލާހު ހުށަހެޅި ސަބަބެއް ކަމަށްވެސް ވިދާޅުވިއެވެ.

މި އިސްލާހުގައި ޤާނޫނަށް އިތުރުކުރުމަށް ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި ސަރުކާރުން ތަރައްގީގެ މަޝްރޫޢުތައް ހިންގުމުގެ ބޭނުމަށް އެ ތަނެއް ކައުންސިލުގެ އިހުތިސާސުން ވަކިކުރަން ވަޒީރުންގެ މަޖިލީހަށް ނިންމިދާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި މިގޮތަށް ބޭނުންވާ ބިމާއި ތަންތަން، އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް، އަމަލުކުރުމަށް ފެށުމުގެ ކުރިންވެސް ސަރުކާރަށް ނެގޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

މި އިސްލާހާ ގުޅޭގޮތުން މައުލޫމާތުދެއްވަމުން އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް ވިދާޅުވީ ސަރުކާރުން ރަށެއްގައި ނުވަތަ ސިޓީއެއްގައި މަޝްރޫޢެއް ހިންގުމަށް ބިން ބޭނުންވި ނަމަވެސް ކައުންސިލްތަކުން އެ ބިން ދޫކުރަން ފަސްޖެހޭ ކަމަށާއި ބިން ދޫނުކުރާ ކަމުގެ ޝަކުވާތައް އެ އޮތޯރިޓީއަށްވެސް ލިބޭ ކަމަށެވެ. މީގެ ސަބަބުން މަޝްރޫޢުތައް މަޑުޖެހޭކަން ފާހަގަކުރެވޭ ކަމަށްވެސް ނިމާލް ވިދާޅުވިއެވެ.

ނިމާލް ވިދާޅުވީ ކައުންސިލްތަކަކީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ އިތުރުން، ސަރުކާރުން ރައްޔިތުންގެ މަންފާއަށްޓަކައި ކުރިއަށްގެންދަން ބޭނުންވާ ކަންކަމަށް މަގުފަހިިކޮށްދޭންޖެހޭ ބައެއް ކަމަށެވެ. އަދި ސަރުކާރުން މަޝްރޫޢުތައް ހިންގުމަށް ބިމެއް ނެގުމަކީ ކައުންސިލްތަކަށް ޚިދުމަތް ކުރަން އޮތް ހުރަހެއް ނޫން ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

"ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ އިތުރުން ކައުންސިލްތަކަކީ ސަރުކާރުން މަޝްރޫޢުތައް ހިންގާއިރު އެކަމަށް މަގުފަހިކޮށްދޭ ފަށަލައެއް. އެ އެއްބާރުލުން ކޮންމެ ކައުންސިލަކުންވެސް ދޭންވާނެ. އެކަމަކު ބައެއްފަހަރު ބިން ދިނުމުގައި ކައުންސިލްތަކުން ފަސްޖެހޭ،" އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅުއްވާފައިވާ ބިލުގައި ކައުންސިލެއް ނިސްބަތްވާ ރަށެއް ނުވަތަ ސިޓީއެއްގައި ރައްޔިތުންގެ ޖަމާޢީ މަންފާއަށްޓަކައި ސަރުކާރުން މަޝްރޫޢުތައް ކުރިއަށްގެންދާނަމަ އެކަމަކަށް ފުރިހަމަ އެއްބާރުލުން ދޭންވާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. އަދި މަގުބޫލު ސަބަބެއް ނެތި އެފަދަ މަޝްރޫޢަކަށް ހުރަސް އެޅޭފަދަ ގޮތަކަށް އަމަލުކުރުމާއި އެފަދަ މަޝްރޫޢުތައް ހުއްޓުމަށް މެދުވެރިވާފަދަ ނިންމުމެއް ނިންމުމަކީ ކައުންސިލުން ކޮށްގެންވާނެކަމެއް ނޫންކަމަށް ކަނޑައެޅުމަށްވެސް ބިލުގައި ވަނީ ހިމަނުއްވާފައެވެ.