ރިޕޯޓް

ދެމެހެއްޓެނިވި ތަރައްޤީއަށް – ބަހަވީ ސިންދަފާތާއި ގިނަބައްސަކަން


ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބައިނަލްއަޤުވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަކުރަމުންދާ މި ދަނޑިވަޅުގައި ދިވެހިންގެ ތެރޭގައި ބަހަވީ ސިންދަފާތު އޮންނަ މިންވަރާއި، ގިނަ ބައްސަކަމާމެދު އޮންނަ ތަޢައްޞަބުތަކަށް އަލިއަޅުވާލުމަކީ މުހިއްމު ކަމެކެވެ. މިއަހަރުގެ ބައިނަލްއަޤުވާމީ މާދަރީ ބަހުގެ ދުވަހުގެ ޝިޢާރަކީ "ދެމެހެއްޓެނިވި ތަރައްޤީއަށް – ބަހަވީ ސިންދަފާތާއި ގިނަބައްސަކަން"، މިއެވެ.

ދިވެހި ބަހަކީ ސިންދަފާތު ފެންނަ، މުއްސަނދި ބަހެކެވެ. ދިވެހި ބަހުގެ ސިންދަފާތު އެންމެ ބޮޑަށް ފެންނަނީ ބަހުރުވައިގެ ތެރެއިންނެވެ. ރަނގަޅު، ސާދާ ދިވެހި ބަހަކީ ރަސްމީ ބަހުރުވަ، ނުވަތަ މާލޭ ބަހުރުވައޭ ބުނުމަކީ ކުށްހީއެއްކަމުގައިވާނަމަވެސް، ދިވެހި ބަހުން ބަސްމޮށޭ އާބާދީގެ ގިނަ ބަޔަކު މި ތަޢައްޞަބު ގެންގުޅެއެވެ. އަދި ދިވެހި ބަހުގެ ބަހުރުވަތަކުގެ ތެރޭގައި ރަސްމީ ބަހުރުވަ ހިމަނަނީވެސް މަދު ބައެކެވެ. 

އެހެންނަމަވެސް ބަހަވީ ޢިލްމުވެރިން އިއްތިފާޤުވާ ޙަޤީޤަތަކީ، އައްޑޫ ބަހުރުވަ، ހުވަދޫ ބަހުރުވަ، ފުވައްމުލަކު ބަހުރުވަ އަދި މަހަލް ނުވަތަ މަލިކު ބަހުރުވައެކޭ އެއްފަދައިން، މާލޭ ބަހުރުވަ ނުވަތަ ރަސްމީ ބަހުރުވައަކީވެސް ދިވެހި ބަހުގެ ސިންދަފާތު ދައްކުވައިދޭ ބަހާއެއްކަމެވެ. 

މިއިން އެއް ބަހުރުވައަކީ އަނެއް ބަހުރުވައަށްވުރެ ވަކިން މޮޅު ބަހުރުވައެކޭ ދެންނެވުން އެއީ ކުށްހީއެއްކަން ފަހުގެ ޖީލުތަކުން ޚާއްޞަގޮތެއްގައި ބަލައިގަންނަކަން އެނގެނީ، އަދުގެ ޒުވާނުން އެ ބައެއްގެ މައް މާދަރީ ބަހުރުވަ ކުރިއަރުވައި ތަރައްޤީކުރުމަށް ދޭ އަހައްމިއްޔަތުންނެވެ. މީސްމީޑިއާ އާއި އެނޫންވެސް މަންސަތަކުގައި އެ ބަހުރުވައެއްގެ އަހުލުވެރިން، ރަސްމީ ބަހުރުވައަށްވުރެ އެ ބައެއްގެ ބަހުރުވައަށް އިސްކަންދޭ ދިނުން ވެފައިމިވަނީ އެ ބަހުރުވަތަކަށް ލިބޭ އިތުރު މުއްސަނދިކަމަކަށެވެ. އެ ބަހުރުވަތަކަށް ޙައްޤު ސަމާލުކަމާއި އަހައްމިއްޔަތު ލިބި، އެ ސިންދަފާތަކީ މުޖުތަމަޢުގައި ތަފާތުކުރުންތަކެއް އުފައްދާ ކަމެއްގެ ބަދަލުގައި، އެއީ މުޖުތަމަޢުގައި އެކުވެރިކަން އާލާކުރާ މަސްދަރަކަށް ވެގެންދެއެވެ.

ގިނަބައްސަކަމަކީވެސް ބަހަށް ލިބޭ އުނިކަމެއް ކަމަށް ހީކުރުމަކީ ކުށްހީއެކެވެ. ބަސް މަސްހުނިކުރުމޭ ބުނެ ގިނަ ބަޔަކު ގިނަބައްސަ މީހުންނަށް ހަޖޫ ޖަހާއިރު، ދެވަނަ ބަހެއް ނުވަތަ ގިނަ ބަސްތަކެއް އެނގުމުން ތިމާގެ މާދަރީ ބަހަށް އެކަމުގެ އީޖާބީ އަސަރުތަކެއް ކުރާކަންވެސް ހަނދާންކޮށްލަން ޖެހެއެވެ.

ދިވެހި ބަހަށް ބަލާލާއިރުވެސް، ޢަރަބި، ފާރިސީ، އުރުދޫ، ސިންހަޅީސް އަދި ޕޯޗުގީޒް ފަދަ ބަސްބަހުން ދިވެހި ބަހަށް ގެނެސްފައިހުރި އެތައް ލަފުޒެއް، އަކުރެއް، އަޑެއް ފެންނާން އެބަހުއްޓެވެ، ކުޑަމިނުން، ބަހުގެ ޤަވާއިދުގެ ބައެއް މިންގަނޑުތަކާއި، އަދަބިއްޔާތުގެ ބައެއް ބާވަތްތަކަކީވެސް އެހެން ބަހަކުން ގެނެސް ދިވެހިވެފައިވާ މިންގަނޑުތަކަކާއި ބާވަތްތަކެކެވެ.

ކަން މިހެން އޮތް އިރު، ބަވަނަވަމުންދާ މި ދުނިޔޭގައި އެންމެން ބަލައިގަންނަ، ބައިނަލްއަޤުވާމީ ބަސްބަހުން ބަސްމޮށެއުޅެން ދިވެހިންނަށް ދަސްވުމަކީ، ދިވެހި ބަހަށް އުނިކަމެއް ގެނުވާނޭ ކަމެކޭ ދެންނެވޭކަށް ނެތެވެ. އޭގެ ހެކިތަކެއްވެސް އެބަހުއްޓެވެ. ދިވެހި ބަހާ ބެހޭގޮތުން ކޮށްފައިވާ އެންމެ ފުން ދިރާސާތައްވެސް އަދި މިހާތަނަށް ކޮށްފައިވަނީ ދިވެހި ބަހުންނެއް ނޫނެވެ.

މާދަރީ ބަހުގެ ދުވަސް ފާހަގަކުރާއިރު، މި ޒަމާނުގައި ބަހަވީ ސިންދަފާތާއި ގިނަބައްސަކަމުގެ އީޖާބީ އަސަރުތަކަށް ވިސްނާ، އެކަންކަމުން ފައިދާ ލިބިގަންނާނޭ ގޮތް ދެނެގަތުން މުހިއްމު ވަނީ މި ސަބަބާހުރެއެވެ. އެހެންނަމަވެސް މިކަން ކުރަން ޖެހެނީ، ދިވެހި ބަހުގެ ފޮނި މީރުކަން ނުގެއްލޭނޭ ފަދައިން، ދިވެހި ބަސް ޒަމާނާއެކު ތަރައްޤީވަމުން ދާނޭ ގޮތަށެވެ.