ޚަބަރު

ކުނި މެނޭޖްކުރާ ސަރަަޙައްދުތަކަށް ކަރަންޓު ދޭން ޙަވާލުކޮށްފި


ހަ ރަށެއްގެ ކުނި މެނޭޖްކުރާ ސަރަޙަށްދުތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ފެނަކަ ކޯޕަރޭޝަނާ ޙަވާލުކޮށްފިއެވެ. 

ކުނި މެނޭޖްކުރާ ސަރަޙައްދަށް ކަރަންޓު ފޯރުކޮށްދިނުމަށް ފެނަކަ ކޯޕަރޭޝަނާ ޙަވާލުކުރި ރަށްތަކަކީ، ފުވައްމުލައް ސިޓީ، ގއ.މާމެންދޫ، ގއ.ކޮނޑޭ، ލ.ގަން ، ދ.ކުޑަހުވަދޫ އަދި ށ.މިލަންދޫއެވެ. 

މި އެއްބަސްވުމުގައި ސޮއިކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވީ، މިއީ ސަރުކާރުގެ ޕީއެސްއައިޕީ ބެޖެޓުގެ ދަށުން 2.2 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެއް ކަމަށާއި މިތަންތަން މިހާރު ހަދާ ނިމިފައިވާ ކަމަށެވެ. 

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވީ، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތް ނިންމާ ސަރުކާރާ ޙަވާލުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާ ކަމަށެވެ. 

މިމަސައްކަތް ފެނަކަ ކޯޕަރޭޝަނާ ޙަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ޙަވާލުކުރާ ގޮތަށެވެ.