ޚަބަރު

އައިޑަލް ސީޒަން 3: ތިއޭޓަރ ރައުންޑަށް 33 ބައިވެރިން ދަތުރުކޮށްފި


މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ތިއޭޓަރ ރައުންޑަށް 33 ބައިވެރިން ދަތުރުކޮށްފިއެވެ. 

މިރޭ ދެއްކި ރ.އުނގޫފާރު އޮޑިޝަންގެ ޝޯވއާއެކު މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ އޯޕަން އޮޑިޝަންތަކުގެ ޝޯވތައް މިހާރު ވަނީ ދައްކައި ނިމިފައެވެ. މި ޝޯވއިންވެސް ބެލުންތެރިންނަށް ތަފާތު ކަންތައްތަކެއް ފެނިގެންދިޔަކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް ޖަޖުންގެ ރުހުން ހޯދައި، ތިއޭޓަރ ރައުންޑަށް ދަތުރުކުރުމުގެ ފުރުޞަތު ލިބުނީ އެންމެ 4 ބައިވެރިންނަށެވެ.

އައިޑަލް ސީޒަން ތިނެއްގެ ކުރިއަށްއޮތް ތިއޭޓަރ ރައުންޑަށް ދަތުރުކުރި ބައިވެރިން މިހާރު ކަށަވަރުވެފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ މާލޭ ސިޓީ އޮޑިޝަނުން 22 ބައިވެރިންނާއި، އައްޑޫ ސިޓީ އޮޑިޝަނުން 5 ބައިވެރިން އަދި އުނގޫފާރު އޮޑިޝަންގެ 4 ބައިވެރިންނެވެ. 

މިފަހަރުގެ ސީޒަނަށް މުޅިން އަލަށް ތަޢާރަފުކުރި ގޯލްޑަން މައިކް ޙާސިލްކުރި އުމުރުން 16 އަހަރުގެ އައިމިނަތު ސައިނާ މުހައްމަދު ރަޝީދާއެކު ޖުމްލަ 33 ބައިވެރިން މިފަހަރުގެ ތިއޭޓަރ ރައުންޑުގައި ވާދަކުރާނެއެވެ. ލަވަ މުބާރާތްތަކާއި، މަދަހަ މުބާރާތްތަކުންވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ސައިނާއަކީ ގޯލްޑަން މައިކް ހާސިލްކުރެވުނު ހަމައެކަނި ބައިވެރިޔާކަންވެސް ފާހަގަކޮށްލަންޖެހެއެވެ. އެހެންކަމުން ތިއޭޓަރ ރައުންޑްގެ ގްރޫޕް ޕަރފޯމަންސްގައި ވާދަނުކޮށް، ސީދާ ސޯލޯ ޕަރފޯމަންސްއަށް ދިއުމުގެ ފުރުޞަތު ލިބުނު ހަމައެކަނި ބައިވެރިޔާއަކީވެސް ސައިނާއެވެ. 

އައިޑަލްގެ ތިއޭޓަރ ރައުންޑާއެކު މި ޝޯވގެ ފޯރި އިތުރަށް ގަދަވާނެކަމަށް ބެލެވޭއިރު، ތިއޭޓަރ ރައުންޑް ކުރިއަށްދާނީ 2 ބުރަކަށް ބަހާލައިގެންނެވެ. 

އެގޮތުން ފުރަތަމަ ބުރުގައި ބައިވެރިންގެ މެދުގައި ގްރޫޕްތަކެއް ބަހާލުމަށްފަހު، ގްރޫޕް ޕަރފޯމަންސްއެއް ދޭންޖެހޭނެއެވެ. އެއަށްފަހު ގްރޫޕް ޕަރފޯމަންސުން ހޮވޭ ބައިވެރިންގެ މެދުގައި ސޯލޯ ޕަރފޯމަންސް ދިނުމަށްފަހު، ޕިއާނޯ ރައުންޑަށް ދަތުރުކުރާ ބައިވެރިން އިޢުލާން ކުރާނެއެވެ. އޯޕަން އޮޑިޝަނާއި ޚިލާފަށް، ތިއޭޓަރ ރައުންޑުގައި ބައިވެރިން ލަވަކިޔުމަށް ހަމަޖެހިފައިވަނީ މިއުޒިކާއެކުކަން ފާހަގަކޮށްލަންޖެހެއެވެ. 

މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ޝޯވތަކާއެކު، އައިޑަލްގެ ވާހަކަ އަނެއްކާވެސް މިވަނީ ސޯޝަލް މީޑިއާގައި ހަރު އަޑުން ދައްކަން ފަށާފައެވެ. ކޮންޓެސްޓުންގެ ފޭން ޕޭޖްތަކާއި، ޓުވިޓަރ ހޭޝްޓެގްތަކާއެކު އައިޑަލްގެ ފޯރި މިވަނީ ކުރީގެ ސީޒަންތަކެކޭ އެއްގޮތަށް ވައިގައި ހިފަންފަށާފައެވެ.