ކުޅިވަރު

އެއް ކީޕަރު ގެނައުމަކީ މަޖުބޫރުވެގެން ނެގި ރިސްކެއް - ނިޒާމްބެ


ބެންގަލޫރާއި ދެކޮޅަށް އަންނަ އަންގާރަ ދުވަހު ކުޅޭ މެޗަށް ބެންގަލޫރަށް އެންމެ ކީޕަރެއް ގެނައުމަކީ ބޮޑު ރިސްކެއްކަމަށް ކަމަށް ކޯޗު މުޙައްމަދު ނިޒާމް ބުނެފިއެވެ. 

އޭއެފްސީ ކަޕްގެ ޕްލޭއޮފްގެ ދެވަނަ ލެގުގައި ބެންގަލޫރު އެފްސީއާއި ދެކޮޅަށް ނިކުންނައިރު، ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކީޕަރުންގެ މައްސަލައެވެ. 

ސީޒަން ފެށުމުގެ ކުރިން ޓީމަށް ގެނައި ބިދޭސީ ކީޕަރު ދިމިތްރީ އަސްނިން ޓީމަށް ކުޅެދިން ފުރަތަމަ މެޗުގައި އަތް ބިންދައިގެންދިޔުމުގެ ސަބަބުން އޭނާވަނީ ދެ މަސްދުވަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހިފައެވެ. އޭގެ ފަހުން ޓީސީންވަނީ ފުރަތަމަ ޑިވިޝަންގެ އެކި ކުލަބުތަކަށް ކުޅެފައި އިބްރާހީމް އިފްރާހު އަރީފު އެކުލަބަށް ގެނެސްފައެވެ. އެކަމަކު އޭނާގެ ބޭނުންވެސް ޓީމަށް އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރާއި ޕްލޭއޮފްގައި ނުކުރެވުނީ ރަޖިސްޓްރީ ނުކުރެވިގެންނެވެ. 

ދިމީތްރީއަށްފަހު ކުލަބުގެ ފުރަތަމަ އެގާރާގައި މިދިޔަ ދެ މެޗުގައި ކުޅެފައިވަނީ އިބްރާހިމް ނަދީމެވެ. ބެންގަލޫރު އެފްސީއާއި ދެކޮޅަށް އޭއެފްސީ ކަޕްގެ ޕްލޭއޮފްގެ ދެވަނަ ލެގަށް ނިކުންނައިރު ޓީމާއިއެކު އައި ހަމައެކަނި ކީޕަރަކީ ނަދީމެވެ. 

ބެންގަލޫރުގައި ޓީސީގެ ފުރަތަމަ ފަރިތަކުރުންތަކަށްފަހު ކޯޗު މުޙައްމަދު ނިޒާމް ބުނީ ނަދީމް އެކަނި ޓީމާއިއެކު އަންނަން ޖެހުނީ މަޖުބޫރުވެގެންކަމަށާއި، މިއީ ބޮޑު ރިސްކެއްކަމަށެވެ. 

އޭއެފްސީގައި އެޓީމުން ދެން ރަޖިސްޓްރީ ކުރި އަބްދުﷲ ޒިމާމަށް އަނިޔާއާއި އައިލީ ކަމެއްގެ ސަބަބުން ޓީމާއި ބައިވެރިނުވެވުނީކަމަށާއި، މިއީ ނަގާވަރުގެ ރިސްކެއްވެސް ނޫންކަމަށެވެ. އެހެންނަމަވެސް މިހާލަތުގައިވެސް ޓީމުގެ ޓާގެޓަށް ބަދަލެއް ނާންނާނެކަމަށާއި، ހުރިހާ ކުޅުންތެރިންނަށްވެސް ފުރިހަމަ އިތުބާރު އެބައޮތްކަމަށް ކޯޗު ނިޒާމް ބުންޏެވެ.

"އަސްލު މިއީ ނަގަން ނުވާވަރުގެ ރިސްކެއް، މަޖޫބުރުވެގެން އެއް ކީޕަރު ބެންގަލޫރަށް މި ގެނައީ، އިފްރާހް ރަޖިސްޓްރީ ނުވާކަންވެސް މި އެނގުނީ ފުރަން ތައްޔާރުވެފައި އޮއްވާ، އަނެއްކޮޅުން ޒިމާމަށްވެސް ޓީމާއެކު އާދެވޭ ހާލަތެއްގައެއް ނޫން ހުރީ" ކޯޗު މުޙައްމަދު ނިޒާމް ބުންޏެވެ.