ޚަބަރު

ސަލާމަތީ ބާރުތަކާ ކުރިމަތިލާފައިވަނީ ޤައުމު ހަލަބޮލިކޮށްލުމަށް


އެއްވެއުޅުމުގެ މިނިވަންކަން، ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ސަސްޕެންޑް ކުރެވިފައިވަނިކޮށް ސިޔާސީ ބައެއް ފަރާތްތައް އިސްވެ ތިބެ، އިއްޔެ މާލޭގެ އެކި ސަރަޙައްދުތަކަށް އެއްވެ ހަމަނުޖެހުން ހިންގާ ސަލާމަތީ ބާރުތަކާ ކުރިމަތިލާފައިވަނީ ޤައުމު ހަލަބޮލިކޮށްލުމުގެ ގޮތުންކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ބުނެފިއެވެ.

ފުލުހުން ނެރުނު ނޫސްބަޔާނެއްގައި، ބުނެފައިވަނީ އިއްޔެއާއި ރޭ މާލެއާއި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މީހުން އެއްވެ ހަމަނުޖެހުން ހިންގައި، ސަލާމަތީ ބާރުތަކާއި ކުރިމަތިލައި، ޤައުމު ހަލަބޮލިކޮށްލުމަށް ބަޔަކު ރާވަމުންދާކަމުގެ މަޢުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވުމާއެކު، ޤައުމުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރެވި އެކަން ތަންފީޒްކުރަމުންދާ މިދަނޑިވަޅުގައި އެފަދަ އެއްވުމެއް ބާއްވަން ފުރުޞަތު ނުދޭނެކަން ކުރިންވެސް އަންގާފައިވާނެކަމަށް ފާހަގަކޮށްފައިވެއެވެ. އަދި މި އެންގުމާ ޚިލާފަށް އިއްޔެ ހަވީރު ސިޔާސީ ބައެއް ފަރާތްތައް އިސްވެތިބެ، މާލޭގެ އެކި ސަރަޙައްދުތަކަށް މީހުން އެއްކޮށް، ހަމަނުޖެހުން ހިންގާފައިވާކަމަށް ފުލުހުން ބުނެއެވެ. އެގޮތުން މިއެއްވުމުގެ ބައިވެރިން ސަލާމަތީ ބާރުތަކާއި ކުރިމަތިލައި، ޤައުމު ހަލަބޮލިކޮށްލުމުގެ ގޮތުން ޙަރަކާތްތަކެއް ހިނގާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ޤާނޫނު އަސާސީގެ 31 ވަނަ މާއްދާގައި ބުނާ ލިބިދީފައިވާ ހަޅުތާލުކުރުމުގެ ޙައްޤާއި، ޤާނޫނު އަސާސީގެ 32 ވަނަ މާއްދާގައިވާ އެއްވެ އުޅުމުގެ މިނިވަންކަން ކުއްލިނުރައްކަލުގެ ޙާލަތާއެކު، ވަނީ ސަސްޕެންޑް ކުރެވިފައެވެ. ރާއްޖޭގެ އަމަން ނަގާލައި ހަމަނުޖެހުން ހިންގުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނުދޭނެކަމަށް ދިފާއީ ބާރުތަކުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.