ޚަބަރު

މިނިވަންކަމަކީ ޒާތީ ދިރިއުޅުމަށް ޖެއްސުންކުރަން ދޭ ފުރުޞަތެއްނޫން


ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ރައްޔިތުންގެ ޒާތީ ދިރިއުޅުމަށް ޖެއްސުންކުރަން ދޭ ފުރުޞަތެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރ ޢަބްދުﷲ ޔާމީން ރަޝީދު ވިދާޅުވެއްޖެއެވެ.

މެންބަރ ޔާމީން މިހެން ވިދާޅުވީ، ރޭ އިދިކޮޅު ފަރާތްތަކުން މާލޭގެ މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާއާ ގުޅިގެން ބައެއް މަގުތައް ބަންދުވެ، ހިނގާބިގާވެ އުޅޭ މީހުންނަށް ބޮޑެތި ދަތިތަކެއް ދިމާވެ، މަގުމަތީގެ އަޑުގަދަކަމުން ބައެއް އާންމުންގެ ޝަކުވާތައް ލިބެމުންދާކަމަށް ވިދާޅުވެ، ކުރެއްވި ޓުވީޓެއްގައެވެ.

tw:https://twitter.com/YaminRasheed/status/964588426057142273

ޕީއެސްއެމް ނިއުސްއިން ގެނެސްދޭ 'އެންމެ ފުރަތަމަ ޤައުމު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެންބަރ ޔާމީން ވިދާޅުވީ، އެއްވެއުޅުމާއި ޚިލާޔުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގައި، އެއްވެ އުޅެވޭނެ ތަންނަނާއި ގޮތްތައް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާނެކަމަށެވެ. އަދި އެންމެ ތަހުޒީބީ މުޖުތަމަޢުތަކަށް ބެލިނަމަވެސް ބޭނުން ކޮންމެ ތަނަކަށް އެއްވެ މުޒާހަރާކުރުމުގެ ޙައްޤު ލިބިދީފައި ނުވާނެކަން ޔާމީން ވަނީ ފާހަގަކުރައްވާފައެވެ.

ޔާމީން ވިދާޅުވީ ޤާނޫނުގައި އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ބަޔާންކޮށްދީފައިވަނީ ރައްޔިތުންނަށް މިފަދަ ކަންކަމުގެ ސަބަބުން ލިބޭ ތަކުލީފުތަކާއި ގެއްލުން ވީހާވެސް ކުޑަވާގޮތަށްކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ހިންގާ ޙަރަކާތްތައް ރާވަމުންދަނީ އެ ޙަރަކާތެއް ބާއްވާ ސަރަހައްދެއްގެ މަގުތަކަށާއި ހިނގާބިގާވެ އުޅޭ މީހުންނަށްވެސް ދަތިވާގޮތަށްކަމަށް ޔާމީން ވިދާޅުވިއެވެ. އަދި އިދިކޮޅުފަރާތްތަކުން މަގުތަކަށް ނުކުމެ ހިންގަމުންދާ ޙަރަކާތްތަކަށް ބަލާއިރު ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރަމުންދާތަން ފެންނަނީ ޤާނޫނާ ޚިލާފަށް ކަމަށް ޔާމީން ވިދާޅުވިއެވެ.

މެންބަރ ޔާމީން ވިދާޅުވީ، ޑިމޮކްރަސީއެއްގައި ދެފަރާތް އޮންނާނެ ކަމަށާއި، އިދިކޮޅުފަރާތްތަކުން ޑިމޮކްރަސީ ޤާބޫލުކުރާނަމަ ބަޣާވާތަކަށް ގޮވާލައި އެކަމަށް ހިތްވަރު ނުދޭނެކަމަށެވެ.