މުނިފޫހިފިލުވުން

މާލޭސިޓީ އޮޑިޝަނުން ގޯލްޑަން ޓިކެޓް ލިބުނީ 22 ބައިވެރިންނަށް!


މޯލްޑިވިއަން އައިޑަލްގެ 3 ވަނަ ސީޒަންގެ މާލޭ ސިޓީގެ އޮޑިޝަންތަކުގެ ޝޯވތައް ނިންމާލައިފިއެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު ރިއަލިޓީ ޝޯވ މޯލްޑިވިއަން އައިޑަލްގެ މިފަހަރުގެ ސީޒަން ފަށާފައިވާއިރު، ފުރަތަމަ ޝޯވއާއެކުވެސް، މިފަހަރުގެ ސީޒަންގެ ތަފާތުކަމާއި، ޝޯވގެ ފުރިހަމަކަމާމެދު ގިނަ ބަޔަކު ދަނީ ޝުޢޫރުތައް ފާޅުކުރަމުންނެވެ.

މާލޭ ސިޓީގެ  އޮޑިޝަންތައް ނިމުނުއިރު، ޝޯވގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ގޯލްޑަން ޓިކެޓާއެކު ކުރިއަށްއޮތް ތިއޭޓަރ ރައުންޑަށް ދަތުރުކޮށްފައިވަނީ 22 ބައިވެރިންނެވެ. އަދި އަލަށް ތަޢާރަފުކުރި ގޯލްޑަން މައިކް ހާސިލްކޮށްފައިވަނީ އެންމެ ބައިވެރިއެކެވެ.

މޯލްޑިވިއަން އައިޑަލްގެ ކާމިޔާބު 2 ސީޒަނަށްފަހު، ތިން ވަނަ ސީޒަންވެސް ބެލުންތެރިންނާއި ބައްދަލުކުރީ ބޮޑެތި ސަޕްރައިޒްތަކަކާއި، ބަދަލުތަކަކާއެކުގައެވެ. އެގޮތުން މިފަހަރުގެ ސީޒަނުން ފެނިގެންދިޔަ އެންމެ ބޮޑު ބަދަލަކީ ކުރީގެ 2 ސީޒަނާއި ޚިލާފަށް ޖަޖުންގެ ޕެނަލް ތިނަކުން ހަތަރަކަށް އިތުރުވުމެވެ. މިއީވެސް މި ޝޯވ އިތުރަށް ކޮލެޓީވެ، ބައިވެރިންނަށްވެސް އިތުރު ޗެލެންޖެއް ގެނުވާނެކަމެއްކަން ޔަޤީނެވެ. ސަބަބަކީ މިފަހަރުގެ ސީޒަންގައި ކުރިއަށްހުރި ރައުންޑްތަކަށް ދަތުރުކުރެވޭނީ ޖަޖުންގެ ޕެނަލުން މަދުވެގެން 3 ޖަޖުންގެ އާނ ބަހާއެކު ކަމަށްވާތީއެވެ.

މިފަހަރުގެ ސީޒަނަށް ޖަޖުންގެ ޕެނަލާއި މުޅިން އަލަށް ގުޅުނީ ރާއްޖޭގެ މިއުޒިކީދާއިރާގެ މަޝްހޫރު ފަންނާނެއްކަމަށްވާ ޒާރާ މުޖުތަބާއެވެ. އަދި ޝޯވގެ ދެވަނަ ޕްރެޒެންޓަރެއްގެ ގޮތުގައި މޫސާ ވަސީމާއެކު އާމޫނެއްގެ ގޮތުގައި ފެނިގެންދިޔައީ ޝައިނާ ޝަރީފް. މީގެއިތުރުން ތިއޭޓަރ ރައުންޑްގެ ގްރޫޕް ޕަރފޯމެންސް ދޫކޮށްލުމަށްފަހު އެރައުންޑްގެ ސޯލޯ ޕަރފޯމެންސްގައި ޕަރފޯމްކުރުމުގެ ފުރުޞަތު ބައިވެރިންނަށް ލިބިގެންދާ "ގޯލްޑަން މައިކް"ވެސް މިފަހަރުގެ ސީޒަންގައި ވަނީ ތަޢާރަފުކޮށްފައެވެ.

ހަފްތާ ބަންދާއެކު މޯލްޑިވިއަން އައިޑަލްގެ ފޯރި ގަދަވެފައިވާއިރު، ހޮނިހިރު ދުވަހުގެ ރޭ ދެއްކުމަށް ހަމަޖެހިފައިވަނީ އައްޑޫސިޓީގެ އޮޑިޝަންތަކެވެ. އަދި އާދިއްތަ ދުވަހުގެ ރޭ ރ. އުނގޫފާރު އޮޑިޝަން ދައްކާނެއެވެ.