ޚަބަރު

2 ރަށެއްގެ ނަރުދަމާ ނިޒާމް ޤާއިމުކޮށްދޭނެ ބަޔަކު ހޯދަނީ


ގއ. ގެމަނަފުއްޓާއި އެ އަތޮޅު މާމެންދޫގެ ނަރުދަމާ ނިޒާމްގެ ޢަމަލީ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެންވަޔަރަމަންޓް މިނިސްޓްރީން އިޢުލާންކޮށްފިއެވެ. 

މި 2 މަޝްރޫޢު ހިންގުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މިހާރު ހުޅުވާލާފައިވާއިރު، ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް 1500 ރުފިޔާގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. ގއ. ގެމަނަފުށީ ނަރުދަމާ ނިޒާމް ޤާއިމުކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކުން ޕްރޮޖެކްޓް ބިޑް ސެކިއުރިޓީގެ ގޮތުގައި ހަތްދިހަ ފަސްހާސް ރުފިޔާ ހުށައަޅަންޖެހޭނެއެވެ. އަދި ގއ. މާމެންދޫ ނަރުދަމާ ނިޒާމް ޤާއިމުކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކުން ޕްރޮޖެކްޓް ބިޑް ސެކިއުރިޓީގެ ގޮތުގައި ސަތޭކަ ހާސް ރުފިޔާ ހުށައަޅަންޖެހެެއެވެ. 

ގއ. ގެމަނަފުއްޓާއި އެ އަތޮޅު މާމެންދޫގެ ނަރުދަމާ ނިޒާމްގެ މަޝްރޫޢުގެ ދަށުން މި ދެ ރަށުގެ ނަރުދަމާގެ ވިޔުގަ ގާއިމްކުރުމާއި، ލިފްޓިންގ ސްޓޭޝަނާއި، ޕަމްޕް ސްޓޭޝަން އަދި ސީ އައުޓް ފޯލް ގާއިމްކުރުމާއި އަދި އެޑްމިނިސްޓްރޭޝަން ބިލްޑިންގއެއް ހެދުމަށް ހަމަޖެހިފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.