ޚަބަރު

ޕާކްލޭންޑަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކުރައްވައިފި


ފްލޮރިޑާގެ ޕާކްލޭންޑަށް ދިން ބަޑީގެ ހަމަލާތަކެއްގައި ގިނަބަޔަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމަކާއި، ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެފައިވެއެވެ. އަދި ފްލޮރިޑާގައި މި ހިންގި ޓެރަރިޒަމްގެ ފިނޑި ޢަމަލު، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާކަމުގައި ވިދާޅުވެފައިވެއެވެ.

ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންގެ ނަމުގައި، އެމެރިކާގެ ރައީސަށާއި، ސަރުކާރަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި މިޙާދިޘާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.