މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއް ޕްރިމިއަރކޮށްފި


ރާއްޖޭގެ އެންމެ ކާމިޔާބު ރިއަލިޓީ ޝޯވ މޯލްޑިވިއަން އައިޑަލްގެ ތިންވަނަ ސީޒަން މިރޭ ޕްރިމިއަރކޮށްފިއެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ޝޯވތަކުގެ ތެރެއިން އެންމެ ފުރަތަމަ ދައްކާފައިވަނީ މާލޭ ސިޓީގެ އޮޑިޝަންތަކުގެ ޝޯވތަކެވެ.

މޯލްޑިވިއަން އައިޑަލްގެ ކުރީގެ 2 ސީޒަން ކާމިޔާބުކަމާއެކު ބެލުންތެރިންނަށް ގެނެސްދީފައިވާއިރު، މިފަހަރުގެ ސީޒަނުންވެސް ބޮޑެތި ތަފާތުތަކެއް ފެނިގެންދާނެކަމަށް އައިޑަލްގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.

ކުރީގެ ދެ ސީޒަނާ ޚިލާފަށް މިފަހަރުގެ ސީޒަންގައި ޖަޖުންގެ ޕެނަލުގައި 4 ފަންނާނުން ތިބެއެވެ. އަދި ކުރީގެ ސީޒަންތަކުގައި ނުފެންނަ "ގޯލްޑަން މައިކް" މިފަހަރުގެ ސީޒަންގައި ފެނިގެންދާއިރު، އައިޑަލްގެ މިފަހަރުގެ ޝޯވތަކުންވެސް ބައިވެރިންނަށާއި، ބެލުންތެރިންނަށްވެސް ބޮޑެތި ސަޕްރައިޒްތަކެއް ފެނިގެންދާނެކަމަށް އައިޑަލްގެ ޓީމުން ބުނެއެވެ. އައިޑަލް ސީޒަން ތިނެއްގައި ފެނިގެންދާ މައިގަނޑު ބަދަލުތަކުގެ ތެރޭގައި ޝޯވގެ ފިރިހެން ހޯސްޓެއްގެ ގޮތުގައި މިދިޔަ 2 ސީޒަންގައިވެސް ފެނިގެންދިޔަ މޫސާ ވަސީމާއެކު މިފަހަރުގެ ސީޒަންގައި އަންހެން ޕްރެޒެންޓަރެއްގެ ގޮތުގައި ބެލުންތެރިންނާއި ބައްދަލުކުރީ ޝާއިނާ ޝަރީފެވެ. މީގެ އިތުރުން ޖަޖުންގެ ޕެނަލުން މިދިޔަ 2 ސީޒަންގައިވެސް ފެނިގެންދިޔަ ބައެއް މޫނުތަކުގެ އިތުރުން މުޅިން އަލަށް ޒާރާ މުޖުތަބާ ވަނީ ޖަޖުންގެ ޕެނަލާއި ގުޅިފައެވެ.

އައިޑަލް ސީޒަން ތިނެއްގެ ޝޯވތައް މިރޭ ދައްކަން ފަށާފައިވާއިރު، މާދަމާ ރޭ ވެސް ދެއްކުމަށް ހަމަޖެހިފައިވަނީ މާލޭ އޮޑިޝަންގެ ޝޯވތަކެވެ. އަދި މިމަހުގެ 17 ވާ ހޮނިހިރު ދުވަހުގެ ރޭ އައްޑޫ ސިޓީގެ އޮޑިޝަން ދެއްކުމަށް ހަމަޖެހިފައިވާއިރު، ރ. އުނގޫރާފުގެ އޮޑިޝަންތައް ދައްކާނީ 18 ވާ އާދިއްދަ ދުވަހުގެ ރެއެވެ. އައިޑަލްގެ ޝޯވތައް އާއްމުންނާއި ހަމައަށް ގެނެސްދިނުމަށް އައިޑަލްގެ ޕްރޮޑަކްޝަން ޓީމުން މަސައްކަތް ކުރަމުންދާއިރު، ސީޒަން ތިނެއްގެ ތިއޭޓަރ ރައުންޑްގެ ޝޯވތައްވެސް މިހާރުވަނީ ޝޫޓްކޮށް ނިންމާލާފައެވެ.

އޯޕަން އޮޑިޝަންގެ ޝޯވތައް ނިމުމާއެކު ގޯލްޑަން ޓިކެޓް ހޯދި ބައިވެރިންނާއެކު ތިއޭޓަރ ރައުންޑްގެ ޝޯވތައް އާއްމުންނާއި ހަމައަށް ގެނެސްދޭނެއެވެ. އެއަށްފަހު ޕިއާނޯ ރައުންޑް ނިންމާ، ގަދަ 12 ބައިވެރިންނާއެކު ގާލާ ރައުންޑުގެ ޝޯވތައް ކުރިއަށްދާނެއެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގްރޭންޑް ފިނާލޭ އޮންނާނީ ފައިނަލްގައި ވާދަކުރާ ގަދަ 3 ބައިވެރިންނާއެކުއެވެ.