ޚަބަރު

ލަގްޒަރީ ފެންވަރުގެ ލޯންޗެއް އަލް ޝާލީ އިން ބާޒާރަށް ނެރެފި


ފަތުރުވެރިކަމުގެ މާކެޓަށް ހާއްސަކޮށްގެން އަލް ޝާލީ މެރިން އިން ހާއްސަ ލަގްޒަރީ ލޯންޗެއް ރާއްޖޭގެ ބާޒާރަށް ތަޢާރަފްކޮށްފިއެވެ.

"މެގްލާން 45" ނަމަކަށްކިޔާ މި ލޯންޗަކީ ސްޓޭބަލްކޮށް ރާއްޖޭގެ ކަނޑުތަކަށް ހާއްސަކޮށްގެން ބަނދެފައިވާ ލޯންޗެއްކަމަށް އަލް ޝާލީ މެރިންއިން ބުނެއެވެ.

އަލް ޝާލީ މެރިންގެ އޮޕަރޭޝަންސް މެނޭޖަރ އިސްމާއިލް ޝަރީފް ވިދާޅުވީ، މިއީ މަދު ގެސްޓުން ގޮވައިގެން ދަތުރުކުރުމަށް ޙާއްސަކޮށްގެން ބަނދެފައިވާ ލޯންޗެއްކަމަށެވެ. މީގެ ގިނަ މޮޑެލްތަކެއް ރާއްޖޭގެ ބާޒާރަށް ތައާރަފްކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

"މީތި އަސްލު އަޅުގަނޑުމެން ޑިޒައިން ކޮށްފަ މީނީ މަދު ގެސްޓުންކޮޅެއް ނަގައިގެން ބޭނުންކުރެވޭކަހަލަ ގޮތަކަށް. އެކަމަކު މީގެ ފެސެންޖަރ ބޯޓެއް މިހާރު މިދަނީ ޑިޒައިންކޮށް މިހާރު ބޭލުމުގެ މަސައްކަތް ކުރިއަށްމިދަނީ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އަޅުގަނޑުމެން މީގެ ގިނަ މޮޑެލްތަކެއް ރާއްޖޭގެ މާކެޓަށް ނެރެ ބަންނަމުން ދާނަން." އަލް ޝާލީ މެރިންގެ އޮޕަރޭޝަންސް މެނޭޖަރ އިސްމާއިލް ޝަރީފް ވިދާޅުވިއެވެ.

ދުބާއީން ބަނދެގެން ގެނައި މި ލޯންޗަކީ ހުވަފެންފުއްޓަށް ގެނައި ލޯންޗެކެވެ. ލޯންޗަށް އޯޑަރުދިނުމުން 3 މަސް ނުވަތަ 4 މަސް ތެރޭގައި ޑެލިވަރީ ކޮށްދޭނެކަމަށް އަލް ޝާލީ މެރިންއިން ބުނެއެވެ.

މި މޮޑެލްގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމަށް ބޭނުންވާ ހުރިހާ މޮޑެލްއެއްގެ ލޯންޗް ފަހަރު އިތުރުން، ރާއްޖޭގައި ޔޮޓް ފަހަރު ބަނުމުގެ މަސައްކަތްވެސް ފަށާނެކަމަށް އަލް ޝާލީ މެރިންއިން ބުނެއެވެ.