މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލް ސީޒަން 3 ޕްރިމިއަރ ކުރުން މިރޭ


ރާއްޖޭގެ އެންމެ ކާމިޔާބު ރިއަލިޓީ ޝޯވ މޯލްޑިވިއަން އައިޑަލްގެ ތިންވަނަ ސީޒަން މިރޭ ޕްރިމިއަރ ކުރާނެއެވެ. މޯލްޑިވިއަން އައިޑަލްގެ 3 ވަނަ ސީޒަން ފުރަތަމަ ޝޯވ ޓީވީއެމުން ގެނެސްދޭނީ މިރޭ 11 ޖަހާއިރުއެވެ. އެންމެ ފުރަތަމަ ދެއްކުމަށް ހަމަޖެހިފައިވަނީ މާލޭ ސިޓީގެ އޮޑިޝަންތަކެވެ.

"މޯލްޑިވިއަން އައިޑަލް"  ޝޯވއަކީ މިއުޒިކުގެ ދާއިރާއިން ރާއްޖޭގައިކުރިއަށްދާން ބޭނުންވެފައިތިބި ޒުވާނުންނަށް ޕީ.އެސް.އެމްގެ ފަރާތުން ހުޅުވާލަދިން ރަނުގެ ފުރުޞަތެކެވެ. މިއީ ރާއްޖޭގައި މިވަގުތު ކުރިއަށްދާ އެންމެ ބޮޑު އަދި އެންމެ ކާމިޔާބު ރިއަލިޓީ ޝޯވވެސްމެއެވެ. ކާމިޔާބު 2 ސީޒަނަކަށްފަހު، އައިޑަލްގެ ތިން ވަނަ ސީޒަން އާއްމުންނާއި ހަމައަށް ދޫކޮށްލުމަށް މިހާރު މި ދަނީ ވަގުތު ކުޑަަތަންވަމުންނެވެ. އައިޑަލް ސީޒަން 3 ގެ އޮޑިޝަންތައް މާލޭ ސިޓީގެ އިތުރުން ރާއްޖޭގެ 2 ސަރަޙައްދެއްގައި ވަނީ ކުރިއަށްގެންގޮސްފައެވެ. އެއީ ރ.އުނގޫފާރާއި، އައްޑޫ ސިޓީ ހިތަދޫގައެވެ. 

ދިގު އިންތިޒާރަކަށްފަހު، މިފަހަރުގެ ސީޒަން ޕްރިމިއަރކުރުމުގެ ގޮތުން އެންމެ ފުރަތަމަ ދެއްކުމަށް ހަމަޖެހިފައިވަނީ މާލޭ ސިޓީގެ އޮޑިޝަންތަކެވެ. އެގޮތުން މިރެއާއި މާދަމާރޭ މާލޭ ސިޓީގެ އޮޑިޝަންތައް ދައްކާނެއެވެ. އަދި މިމަހުގެ 17 ވާ ހޮނިހިރު ދުވަހުގެ ރޭ އައްޑޫ ސިޓީގެ އޮޑިޝަން ދެއްކުމަށް ހަމަޖެހިފައިވާއިރު، ރ. އުނގޫރާފުގެ އޮޑިޝަންތައް ދައްކާނީ 18 ވާ އާދިއްދަ ދުވަހުގެ ރެއެވެ.

މޯލްޑިވިއަން އައިޑަލްގެ ކުރީގެ 2 ސީޒަން ކާމިޔާބުކަމާއެކު ބެލުންތެރިންނަށް ގެނެސްދީފައިވާއިރު، މިފަހަރުގެ ސީޒަނުންވެސް ބޮޑެތި ތަފާތުތަކެއް ފެނިގެންދާނެކަމަށް އައިޑަލްގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ. އެގޮތުން ކުރީގެ ދެ ސީޒަނާއި ޚިލާފަށް މިފަހަރުގެ ސީޒަންގައި ޖަޖުންގެ ޕެނަލުން 4 ފަންނާނަކު ފެންނާނެއެވެ. ހަމަ އެހެންމެ ކުރީގެ ސީޒަންތަކުގައި ނުފެންނަ "ގޯލްޑަން މައިކް" މިފަހަރުގެ ސީޒަންގައި ފެނިގެންދާއިރު، އައިޑަލްގެ މިފަހަރުގެ ޝޯވތަކުންވެސް ބައިވެރިންނަށާއި، ބެލުންތެރިންނަށްވެސް ބޮޑެތި ސަޕްރައިޒްތަކެއް ފެނިގެންދާނެކަމަށް އައިޑަލްގެ ޓީމުން ބުނެއެވެ.

އައިޑަލްގެ ޝޯވތައް އާއްމުންނާއި ހަމައަށް ގެނެސްދިނުމަށް އައިޑަލްގެ ޕްރޮޑަކްޝަން ޓީމުން މަސައްކަތް ކުރަމުންދާއިރު، ސީޒަން ތިނެއްގެ ތިއޭޓަރ ރައުންޑްގެ ޝޯވތައްވެސް މިހާރުވަނީ ޝޫޓްކޮށް ނިންމާފައެވެ. އޯޕަން އޮޑިޝަންގެ ޝޯވތައް ނިމުމާއެކު ގޯލްޑަން ޓިކެޓް ހޯދި ބައިވެރިންނާއެކު ތިއޭޓަރ ރައުންޑްގެ ޝޯވތައް އާއްމުންނާއި ހަމައަށް ގެނެސްދޭނެއެވެ. އެއަށްފަހު ޕިއާނޯ ރައުންޑް ނިންމާ، ގަދަ 12 ބައިވެރިންނާއެކު ގާލާ ރައުންޑުގެ ޝޯވތައް ކުރިއަށްދާނެއެވެ.