ޚަބަރު

ނުރައްކާތެރި ބަޣާވާތަކުން ސަލާމަތްވީތީ ޙަމްދުކުރަން - ޑރ.ޝައިނީ


މިހާތަނަށް ނުފެންނަވަރުގެ ތަރައްޤީއެއް އެންމެ ހަތަރު އަހަރު ދުވަހުގެތެރޭގައި ޤައުމަށް ގެންނެވި ޚިދުމަތްތެރި ރައީސަކު ބަޣާވާތަކުން ވެރިކަމުން ދުރުކުރަން ބަޔަކު ކުރި މަސައްކަތް ނާކާމިޔާބުވުމަކީ މާތްﷲއަށް ޙަމްދުކުރަން ޖެހޭކަމަށް ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

"ރުމާލު 2" ޖަހައިގައި އޮތް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޑރ.ޝައިނީ ވިދާޅުވީ، ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ކަންތައްތައް ހިނގާދިޔަ ގޮތާއި އެކަމާ ގުޅިގެން މިހާރުވެސް ހިނގަމުންދާ ކަންތައްތައް އެންމެ ގާތުން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ޙައިސިއްޔަތުން، އެނުރައްކަލުން ދިވެހިޤައުމު ސަލާމަތްވީތީ ޙަމްދުކުރާކަމަށެވެ.

"ހިނގައިދިޔަ ކަންތަކުގައި އަޅުގަނޑުމެންނަށް މި ލިބުނު ނަސްރު ބަޣާވާތަކުން މި ދިވެހި ރާއްޖެ ސަލާމަތްވި ކަމަކީ އަޅުގަނޑުމެން ﷲ އަށް ހަމްދު ކުރަން ޖެހޭ ކަމެއް. އެކަމުގެ ހުރި ނުރައްކާތެރިކަމާއި ފުން މިނާއި ފުޅާމިން އިނގޭތީވެ އެވަރުގެ ކަމަކުން އަޅުގަނޑުމެން ސަލާމަތްވީތީވެ، އަޅުގަނޑުމެން ﷲއަށް ހަމްދު ކުރަން ޖެހޭ." މިނިސްޓަރު ޝައިނީ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ތިބި މަދު މީސްކޮޅަށް މިފަސްގަނޑުގައި ތިބެވެނީ ހެއްދެވި ފަރާތުން އެކަމަށް އިރާދަކުރެއްވީތީ ކަމަށެވެ. އަދި އެ މިނިވަންކަން ލިބެމުންދަނީ އިސްލާމް ދީން މިގައުމުގައި އޮންނާތީކަމަށްވެސް ޑރ.ޝައިނީ ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އެކުލަވާލުމާ ޤާނޫނީ ނިޒާމެއްގެ ތެރެއިން "ރޫލް އޮފް ލޯ" ކުރިމައްޗަށް ނެރެ، ދައުލަތުގެ އެންމެ ބާރުވެރި ފަރާތެއްގެ ގޮތުގައި ވަލިއްޔުލްއަމްރާ ޤައުމު ހަވާލުކޮށްގެން މިހިނގާ ނިޒާމުގެ ތެރޭގައި ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމް ފުނޑާލި ދެ ބޭފުޅުންނަކީ ޤާސިމް އިބްރާހިމާއި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމް ކަމަށެވެ. އަދި މިކަމަކީ ފަހުގެ ތާރީޚެއްގައި ދިވެހި ރާއްޖޭގެ ތަރީޚް ލިޔާއިރު ލިޔަންޖެހޭނެ ކަމެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އަހަރެމެން މަދު މީސްކޮޅެކޭ މިތާ ދިރިއުޅެނީ. ވެރިއަކަށް ލައްވާ ބޭފުޅެއްގެ ޙިކުމަތުންނޭ މިޤައުމު އަޅުގަނޑުމެންނަށްޓަކާ ހެއްދެވި ފަރާތުން ސަލާމަތްކޮށްދެއްވަނީ. މިއީ ނޫންތޯ ހަޤީގަތަކީ،" މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

މިނިސްޓަރ ސައީދު ވަނީ މި ޖަލްސާގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އެގޮތުން ނަޝީދުގެ ސަރުކާރުން ހިންގި ކަންތައްތަކާއި ޤައުމުން ބޭރުގައި ހުންނަވާ ކުރައްވަމުން ގެންދަވާ ކަންތައްތަކާ ބެހޭގޮތުން ވަނީ ވަރަށް ތިލަކޮށް ވާހަކަދައްކަވާފައެވެ.