ޚަބަރު

މައުމޫން، ސަޢީދު، ޢަލީޙަމީދާއި ޑރ.މުޢިއްޒު ބައްދަލުކުރައްވައިފި


ޤައުމަށް ޚިޔާނާތްތެރިވުމާއި، ޤާނޫނީ ސަރުކާރު ވައްޓާލުމަށް ޤާނޫނާ ޚިލާފަށް މަސައްކަތް ކުރުމާއި ރިޝްވަތުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި މިވަގުތު ޖަލުގައި ތިބި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދާއި ފަނޑިޔާރު ޢާލީ ޙަމީދާ، ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ ޚާއްސަ މަންދޫބެއްގެ ޙައިސިއްޔަތުން ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު ބައްދަލު ކުރައްވައިފިއެވެ. 

ބޮޑެތި ކުށްވެރިންގެ ގޮތުގައި ހިމެނޭ މިބޭފުޅުންނާ، ބައްދަލުކުރެއްވިކަން ހާމަކުރައްވާ މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދޫނިދޫ ޖަލުގައި ތިއްބެވި ބޭފުޅުންނާ ބައްދަލު ކުރެއްވީ ރައީސް އަބްދުﷲ ޔާމީންގެ މަންދޫބެއްގެ ޙައިސިއްޔަތުން ކަމަށެވެ. އަދި އެ ތިން ބޭފުޅުން ވެސް ތިއްބެވި ތަނުގެ ޙާލަތު ހުރިގޮތާއި އެބޭފުޅުންގެ ޙާލުކޮޅު ބައްލަވާލައްވާފައިވާނެ ކަމަށް މިނިސްޓަރ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ޙައިސިއްޔަތުން މިނިސްޓަރ ޑރ.މުއިއްޒު މިބޭފުޅުންނާ ބައްދަލުކުރައްވާފައި މިވަނީ އެބޭފުޅުންނަށް އިހާނެތިކޮށް ޖަލުގައި ކަންކަން ކުރާކަމަށާއި، ޖަލުގައި ބަންދުކޮށްފައިތިބޭ މީހުންނަށް ދޭންޖެހޭ ހައްޤުތައް އެބޭފުޅުންނަށް ނުދޭކަމަށްބުނެ ބައެއް ފަރާތްތަކުން ހަޤީގަތާ ޚިލާފު ދޮގުވާހަކަތައް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ. ޤާނޫނާ ޚިލާފު އެއްވެސް ކަމެއް އަދި އިހާނެތިކަމެއްވެސް އެބޭފުޅޫންނާމެދު ހިންގާފައި ނުވާކަމަށް ފުލުހުންވަނީ ކުރިންވެސް ހާމަކޮށްފައެވެ. 

ޤައުމަށް ޚިޔާނާތްތެރިވުމާއި، ރާއްޖޭގައި ޤާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރު ޤާނޫނާޚިލާފަށް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫނާއި ދެ ފަނޑިޔާރުންނާއެކު މިހާތަނަށް 13 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. 

އޭގެ ތެރޭގައި ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސަޢީދާއި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ސިނާނާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަޙްމަދާއި މ.މާފަންނުވިލާ އިބްރާހިމް ސިޔާދު ޤާސިމް ހިމެނެއެވެ.