ޚަބަރު

"ސިޔާސީ ހަރަކާތްތަކުގެ ބިދޭސީން ބައިވެރިވާނަމަ ފިޔަވަޅު އަޅާނަން"


ރާއްޖޭގައި އުޅޭ ބިދޭސީން ސިޔާސީ ހަރަކާތްތަކުގައި ބައިވެރި ނުވުމަށް އިމިގްރޭޝަނުން އަންގައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ އިދިކޮޅު ފަރާތްތަކުން ބޭއްވުމަށް ރާވަމުންދާ އެއްވުމެއްގައި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ބައިވެރިވުމަށް ބާރު އަޅަމުންދާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ. ސިޔާސީ ހަރަކާތްތަކުގައި ރާއްޖޭގައި އުޅޭ ބިދޭސީން ބައިވެރވުމަކީ އެމީހުންނަށް ދޫކުރާ ވިސާގައި ހިމެނޭ ޝަރުތުތަކާ ޚިލާފު ކަންތައްތަކެއްކަމަށެވެ. އެހެންކަމުން ރާއްޖޭގައި މަސައްކަތްކުރާ އެއްވެސް ބިދޭސީއަކު ސިޔާސީ އެއްވެސް ފަރާތަކުން ހިންގާ އެއްވެސް ހަރަކާތެއްގައި ބައިވެރިވެއްޖެނަމަ، ޤާނޫނާ ޤަވާއިދުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅާނެކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި ފިޔަވަޅު އެޅުމުގައި އެމީހަކު ނިސްބަތްވާ ޤައުމާއި، އަދާކުރާ ވަޒީފާއަށް ނުބަލާނެކަމަށް އިމިގްރޭޝަނުން ބުނެއެވެ.

ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ކުންފުނިތަކުންވެސް، އެކުންފުންޏެއްގައި މަސައްކަތްކުރާ ބިދޭސީން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިކުރާނަމަ އެކުންފުނިތަކާ މެދުވެސް ފިޔަވަޅު އަޅާނެކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނުން މިހެން ބުނެފައިވަނީ އިދިކޮޅު ފަރާތްތަކުން މިމަހުގެ 16 ވަނަ ދުވަހު ބާއްވަން އުޅޭކަމަށްބުނާ އެއްވުމުގައި ބިދޭސީން ބައިވެރިކުރަން އުޅޭކަމަށް މައުލޫމާތު ލިބިފައިވާކަމަށް ބުނެއެވެ. ނަމަވެސް އެފަދަ އެއްވުމެއް ބާއްވަން ނޫޅޭކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ވަނީ ބުނެފައެވެ.