ޚަބަރު

ރާއްޖެއަށް އިންޑިއާ ސިފައިން ނުފޮނުވާނެ - ޑިފެންސް މިނިސްޓްރީ


ދިވެހިރާއްޖެއަށް އިންޑިއާގެ އަސްކަރީ ސިފައިން ނުފޮނުވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ސަރުކާރަށް ލިބިފައިވާކަމަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީން ބުނެފިއެވެ. 

މިކަމާގުޅިގެން އެ މިނިސްޓްރީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހަމަނުޖެހުންތަކާ ގުޅިގެން، ރާއްޖެއަށް އިންޑިއާގެ ސިފައިން ފޮނުވުމަށް ނުވަތަ އަސްކަރީ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާ، އަދި އެކަމަށް ހިތްވަރުދީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ބައެއް ދިވެހިންނާއި އިންޑިއާގެ ބައެއް ސިޔާސީ ފަރާތްތަކުންނާއި އަދި ބައެއް ނޫސްތަކާއި މީޑިއާގެ އެހެން ވަސީލަތްތަކުގައި ވާހަކަދައްކާފައިވާކަމަށެވެ. 

ރާއްޖެއާއި އިންޑިއާއަކީ ޒަމާނުއްސުރެ ވަރަށް ބަދަހި ގުޅުމެއް ޤާއިމުކުރެވިފައިވާ އަދި މިހާރުވެސް އެގުޅުން ދަމަހައްޓަމުންދާ ދެ ޤައުމުކަން ފާހަގަކޮށް، އިންޑިއާއިން ސިފައިން ރާއްޖެއަށް ނުފޮނުވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ސަރުކާރަށް ލިބިފައިވާކަން މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި މިފަދަ ވާހަކަތަކަކީ އިންޑިއާއި ރާއްޖެއާއި ދެމެދު އޮންނަ ޒަމާންވީ ގުޅުމާމެދު ސުވާލު އުފެއްދުމުގެ ނިޔަތުގައި ދައްކާ ވާހަކަތަކެއް ކަމަށާއި، އެފަދަ ކަންކަން ނުކުރުމަށްވެސް ޑިފެންސް މިނިސްޓްރީން އިލްތިމާސްކުރެއެވެ.

ހަމައެހެންމެ ބޭރުގެ އެއްވެސް ޤައުމެއްގެ އަސްކަރީ އެހީތެރިކަމަކަށް އެއްވެސް އިރެއްގައި ދިވެހި ސަރުކާރުން އެދިފައިނުވާކަން މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ދިވެހިރާއްޖެއާއި ދެކޮޅަށް ބޭރުގެ ޤައުމެއްގެ ސިފައިން އަތުވެދާނެކަމުގެ ބިރުވެރިކަމެއް ނެތްކަމަށްވެސް ޑިފެންސް މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ. މީގެއިތުރުން ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލަށް ގެއްލުންވެދާނެފަދަ ކުޑަވެސް ކަމަކަށް ދިވެހި ސަރުކާރުން ފުރުޞަތު ނުދޭނެކަމުގެ ޔަޤީންކަންވެސް ދިވެހި ރައްޔިތުންނަށް ޑިފެންސް މިނިސްޓްރީން ދީފައިވެއެވެ.