ޚަބަރު

ސަލާމަތީ ބާރުތަކުގެ އެންގުމަށް ރައްޔިތުން ސަމާލުވާންޖެހޭ-ޕީޕިއެމް


އިދިކޮޅު ފަރާތްތަކުން ހުކުރު ދުވަހު ބާއްވަން އުޅޭ އެއްވުމާ ގުޅޭގޮތުން ސަލާމަތީ ބާރުތަކުން ނެރެފައިވާ ބަޔާނަށް ދިވެހި ރައްޔިތުން ސަމާލުވުމަށް ޕީޕީއެމުން ގޮވާލައިފިއެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަޙްމަދު ނިހާން ޙުސެއިން މަނިކު ވިދާޅުވީ، މިމަހުގެ 16 ވާ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ބާއްވާ އެއްވުމުގައި ފުލުހުންނާއި ސިފައިންނާ ކުރިމަތިލުމަށް އިދިކޮޅު ފަރާތްތަކުން ރާވާފައިވާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބި، އަދި އެކަން ފުލުހުން ހާމަކޮށްފައިވާތީ މިއެއްވުމުގައި އެއްވެސް މީހަކު ބައިވެރި ނުވުމަށް ނަސޭހަތްތެރިވާކަމަށެވެ. އަދި އެއްވުމުގައި ހަމަނުޖެހުން ހިންގާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ސަލާމަތީ ބާރުތަކުން އަންގާފައިވާވާކަން ފާހަގަކުރައްވާ ނިހާން ވިދާޅުވީ، ދިވެހިރާއްޖޭގެ ސަލާމަތާ ރައްްކާތެރިކަން ކަށަވަރުކޮށްދޭ އެންމެ މުހިންމު ފަރާތްތަކަކީ ސިފައިންނާއި ފުލުހުންނަށް ވީ ހިނދު އެފަރާތްތަކުގެ ގޮވާލުންތަކަށް ދިވެހި ހުރިހާ ރައްޔިތުންވެސް ބޯ ލަނބަން ޖެހޭކަމަށެވެ.

ނިހާން ވިދާޅުވީ، ޤައުމުގައި ހަމަޖެހުން ޤާއިމުކޮށް ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ސަމާލަތީ ބާރުތަކުން ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެކަމުގެ ޔަޤީންކަން ޕީޕީއެމަަށް އެބައޮތްކަމަށެވެ.

"އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން އެ ދަތުރުކުރާ އުޅަނދުތަކުގެ ވެރިންވެސް ސަމާލުކަން ދެއްވުމަށް. އެއީ އަމުދުން ޤައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވިފައިވާ ދަނޑިވަޅެއްގައި މިފަދަ ޖަރީމާއަކަށް ބަޔަކު ގެންދަން ހެޔޮއެދޭ ބަޔަކު މަސައްކަތެއް ނުކުރާނެ. އެހެންވީމަ އަޅުގަނޑަށް ހީވަނީ އެ އުޅަނދެއްގެ ވެރިފަރާތުން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވަންޖެހޭނެހެން މިކަހަލަ ދަތުރަކަށް ތައްޔާރުވެ މާލެއާއި ދިމާލަށް މިސްރާބު ޖަހާ ކަމުގަ ވާނަމަ. އެއީ ކަމާބެހޭ ފަރާތްތަކުން ނޯޓު ކުރައްވާނެ އަދި ކަމާބެހޭ ފަރާތްތަކަށް އެނގިވަޑައިގަންނަވާނެ ކޮންކަހަލަ ބޭނުމެއްގައިކަން މި ދަތުރެއް މި ކުރީ. އާންމުކޮށް އެމްޑީޕީ އިސްވެ އޮވެ މިހާތަނަށް ހިންގާފައިވާ މިފަދަ ކޮންމެ ޖަރީމާއަކުން ގެއްލުން ލިބިފައިވަނީ ދިވެހި ލޮބުވެތި ރައްޔިތުންނަށް." ނިހާން ވިދާޅުވިއެވެ. 

މިމަހުގެ 16 ވާ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ބާއްވަން މަސައްކަތް ކުރާ އެއްވުމުގައި ޤާނޫނާ ހިލާފު އެއްވެސް ކަމެއް ކުރުމުގެ ފުރުޞަތު ނުދޭނެކަމަށް ސަލާމަތީ ބާރުތަކުން ވަނީ ބުނެފައެވެ. އަދި މިފަދަ އަމަލުތައް ހިންގާ ޤައުމުގެ އަމަން އަމާންކަން ނަގާލާ ސަލާމަތީ ބާރުތަކުގެ މަސްޢޫލިއްޔަތުތަކަށް ހުރަސްއަޅާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ސަލާމަތީ ބާރުތަކުން ވަނީ ދީފައެވެ.